ރައްޔިތުންގެ މަޖިލީހުގެ މިދިއަ އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ދެތިން ހަތަރު މެންބަރަކު ޖަމިއްޔަތުއް ސަލަފު އުވާލަން ގޮވާލި އެވެ. އެއީ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވެސް ތުހުމަތު ކުރި އެވެ. އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ސަލަފަށް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އެއީ ތެދެކެވެ. އެ ޖަމިއްޔާގެ މައްޗަށް ކަންތައްތަކެއް ތުހުމަތު ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ޖުމްލަ 16 ތަނެއްގައި ނުސީދާކޮށް އެ ޖަމިއްޔާއަށް ތުހުމަތުތައް ކޮށްފައި ވެއެވެ.
ޖެހިގެން އައި ބުދަ ދުވަހުގެ ޖަލްސާ ފެށީ ވެސް އެ މައުލޫއިންނެެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ހަރަކާތްތަކަށް ސަލަފު ޖަމިއްޔާ ވާގިދޭ ކަމަށް ބުނެ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ކުރިއަށް ދެއެވެ.
އެ ރިޕޯޓްގެ މަސައްކަތް ސިއްރުން އެ ކޮމެޓީން ވަނީ ކޮށްފަ އެވެ. އަދި އެކުލަވައިލި ރިޕޯޓްގައި ސަލަފަކީ ޖިހާދީ ޖަމާއަތެއް ކަމަށް ބުނެފައި ވެއެވެ. އަދި އެ ޖަމާއަތް އުވާލުމުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ވެސް ލަފާ ދިނެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އިސްވެ ހުންނަވާ އެކުލަވާލި އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާ މަޖިލީހުން ގޮތްތަކެއް ނިންމާނެ އެވެ. އަދި ސަލަފް ޖަމިއްޔާ އުވާލެވޭނެތޯ ސުވާލު ކުރަން ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު މަޖިލީހަށް ހާޒިރު ކޮށްދޭން ވެސް ވަނީ އެދިފައެވެ.
ސުވާލަކީ ކުއްލިއަކަށް މި ވެގެން އުޅެނީ ކީއް ހެއްޔެވެ؟ ސަލަފް ޖަމިއްޔާ އުވާލުމުގެ އަޑު ގަދަ މިވީ ކީއްވެ ހެއްޔެވެ؟ އެ ޖަމިއްޔާއިން ކޮން ކަމެއް ގޯހުން ކޮށްގެން ހެއްޔެވެ؟ އަދި އެމްޑީއެން ކިޔާ ބަޔަކު ސީދަލަށް، މުތުލަގަށް ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާކުރި އިރު އެ ޖަމިއްޔާއާ ކުށްވެރި ނުކުރެވުނު ބަޔަކު ކުއްލިއަކަށް މާ އަޑުގަދަވީ ކީއްވެގެން ހެެއްޔެވެ؟
ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ އުފެދި އޮތް މަސްދަރަށް އެކަނި ބެލިއަސް މިއީ ހޯދައި ދިރާސާ ކުރަން ޖެހޭ މައްސަލައެކެވެ. ދިވެހި ރާއްޖޭގައި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކާ ދެކޮޅު ނުހަދައި އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތް ކުރާ ބަޔަކާ ދެކޮޅު ހެދޭ ގޮތަކަށް ކަންކަން ބައްޓަން ވެގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟
ކުރީގެ ނާއިބު ރައީސް ޑރ. މުހައްްމަދު ޖަމީލް އަހުމަދު ވިދާޅުވާ ގޮތުގައި ސަލަފް އުވާލުމުގެ މަސައްކަތް ފެށީ އެމްޑީއެން އުވާލުމުން ބަަދަލު ހިފުމެއްގެ ގޮތުގަ އެވެ. އެމްޑީއެން އުވާލުމަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވި ކަމެކެވެ. އަދި ރައްޔިތުންގެ އެދުމަށް އިޖާބަދީ ސަރުކާރުން އެމްޑީއެން އުވާލުމަކީ ނަޝީދު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވި ކަމެކެވެ.
"ހަގީގަތުގައި މިވާ ގޮތަކީ އެމްޑީއެން އުވާލި މައްސަލައިގެ ރުޅިގަނޑުގެ ތެރެއިން މި އައީ. މިފަހަރު އެކަން މި ދިމާވީ ސަލަފް ޖަމިއްޔާއަށް. އެމްޑީއެން އުވާލުމަކީ ނަޝީދު ވަރަށް ބޮޑަށް ކޯފާވި ކަމެއް. ނަޝީދުގެ ކޯފާ ފަޅައިގެންދިޔަ ސަބަބު އެއީ. އޭގެ ބަދަލުގައި އެހެން ބައެއްގެ ލޭ މި ދައްކަނީ. މިފަހަރު ގުރުބާން ކުރެވޭ އެއްޗަކަށް މި ވަނީ ސަލަފު،" ޖަމީލް ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސަލަފް އުވާލަން ކުރާ މަސައްކަތުން އެހެން ކަމެއް ހާމަވެ އެވެ. އެއީ ރައީސް ނަޝީދުގެ ހަގީގީ ވިސްނުމާ އެމަނިކުފާނު ގެންގުޅުއްވާ ވިސްނުން ފުޅުގެ ފޮޓޯ އެވެ. އެހެން ގޮތަކަށް ބުނާމަ އެ މަނިކުފާނުގެ އެޖެންޑާ އެވެ. ރާއްޖެ އެހެން ގޮތަކަށް އަނބުރާލަން އެހެން ގައުމިއްޔަތެއް ގެންނަން އެމަނިކުފާނު އިސްވެ ހުންނަވާ ކުރައްވާ މަސައްކަތެވެ.
"އިސްލާމް ދީން ކުރިއަރާ، ދީނީ ހޭލުންތެރިކަން ރާއްޖޭގައި ބޮޑުވުން، ލާދީނީ ފިކުރަށް ހަމަޖަމް ކުރަން ވަރަށް އުދަނގޫ މަންޒަރަކަށް ވާނީ. ދިވެހިން ހެދުން އަޅާ ގޮތާއި، އުޅޭ އުޅުމުން ވެސް ކުރިއަށްވުރެ ބޮޑަށް އިސްލާމީ ޝިއާރުތައް މިދަނީ ފާޅުވަމުން. އެކަންކަން އެހެން ވުމުގައި ސަލަފް ހިމެނޭ ގޮތުން ދީނީ ޖަމިއްޔާތަކާއި އިލްމުވެރިން ކުރައްވާ މަސައްކަތް ފާހަގަ ކޮށްލެވޭ. އެކަންކަން ހުއްޓުވުމުގެ މަސައްކަތް މި ފެށުނީ،"
ހަގީގަތުގައި ވާ ގޮތަކީ އެމްޑީއެން އުވާލި މައްސަލައިގެ ރުޅިގަނޑުގެ ތެރެއަށް މިއައީ. މިފަހަރު އެކަން މި ދިމާވީ ސަލަފް ޖަމިއްޔާއަށް. އެމްޑީއެން އުވާލުމަކީ ނަޝީދު ވަރަށް ކޯފާވި ކަމެއް. އޭގެ ބަދަލުގައި އެހެން ބައެއްގެ ލޭ މި ދައްކަނީ. މިފަހަރު ގުރުބާން ކުރެވޭ އެއްޗަކަށް މި ވަނީ ސަލަފްޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސަލަފާ ގުޅުވައި މިހާރު މި ހިނގާ ކަންކަމުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. ސަލަފާއި ދޭތެރޭ ފިޔަވަޅެއް އެޅުމުގެ އެއްވެސް ފުރުސަތެއް ނެތްއިރު ސަރުކާރުން އެފަދަ ގޯހެއް ހަދާނެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
"ސަރުކާރުން މި އޮތީ އެމްޑީއެން ބޭންކޮށްފައި. އެހެންވީމަ އެކަމުގެ ރުޅިގަނޑު މިފެންނަނީ. މިއީ ސަރުކާރާއި ގުޅުންހުރި ކަމެއް ކަމަކަށް ނުދެކެން" އެކަކު ބުންޏެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅު ވި ގޮތުގައި ސަލަފު އުވާލުމުގެ މަސައްކަތަކީ "ލާދީނީ" މީހުންނަށް ހަދިޔާއެއް ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.
ސަލަފުގެ މަސައްކަތަކީ އެއް އިރެއްގައި ވެސް ސިއްރު މަސައްކަތެއް ނޫނެވެ. އެ ޖަމިއްޔާ ކުރަމުންދާ ކޮންމެ މަސައްކަތެއް، ދޭ ކޮންމެ ދަރުސެއް އަދި ހިނގާ ކޮންމެ ހަރަކާތެއް ސޯޝަލް މީޑިއާގައި ލައިވް ކުރެ އެވެ. އަދި އެ ޖަމިއްޔާއިން އިންތިޒާމުކުރި އެތައް ސަތޭކަ ދަރުސްތަކެއް ޔޫޓިއުބުން މިހާރުވެސް ފެންނަން އެބަހުއްޓެވެ. އަދި އެފަދަ އެތައް ދަރުސްތަކެއް ރާއްޖޭގެ ހުރިހާ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ދައްކަމުން ދެއެވެ. "ވައިލަންސް" އާއި ސަލަފާ ގުޅުވޭނެ އެއްވެސް ގޮތެއް ނުއެއް ފެނެ އެވެ.
"މި ދެން އަސްލުގައި ލާދީނީ މީހުންނަށް ދޭ ހަދިޔާއެއް. ލާދީނީ ޖަމިއްޔާއެއް [އެމްޑީއެން] މަޖުބޫރު ވެގެން މި އޮތީ ބަންދު ކޮށްފައި. އެހެންވީމަ [ސަފަލް އުވާލަން ކުރާ މަސައްކަތް] މިއީ ލާދީނީ މީހުންނަށްދޭ ހަދިޔާއެއް." އުމަރު ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓް ބޭނުން ކުރަން މަސައްކަތްކުރީ ސިޔާސީ ގޮތުން އިދިކޮޅު މީހުންނަށް "ބޮނޑި" ދިނުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެކަން ނުކުރެވުނީ ކޮމިޝަންގެ މެޖޯރިޓީ މެންބަރުން އެގޮތަށް ބޭނުން ނުވެގެން ކަމަށް ބުނާ އަޑުތައް އުޅެ އެވެ. އަނެއްކޮޅުން ސަލަފް ޖަމިއްޔާ އުވާލަން ފަށާފައިވާ މަސައްކަތަކީ ސަރުކާރުގެ ބައިވެރިވުން އޮތް ކަމެއް ނޫން ކަމަށް ގަބޫލު ކުރާ މީހުން ގިނަ އެވެ.
"ނަޝީދު އަބަދުވެސް މި ކުޅެނީ ދެ ކާޑެއް. އެއް ކާޑަކީ ރާއްޖޭއަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކު ތިބި ކަމަށް ބުނެ ބޭރުން ފަންޑުން ހޯދުން. އަނެއް ކާޑަކީ ދީނީ ކާޑު ކުޅުން. ވެރިކަމުގައި އޮންނަ ބަޔަކީ ހުދުމުޚުތާރު ބައެއް ކަމަަށް ދެއްކުން. އެއީ މީނާ [ރައީސް ނަޝީދު] އަކީ މާ ޑިމޮކްރެޓިކް މީހެއް ކަމަށް ދެއްކުން. މިއީ މަނީ މޭކިން ކާޑެއް." އުމަރު ނަސީރު ވިދާޅުވި އެވެ.
ބައެއް ކަންކަމުގައި ސަލާފާ ހިޔާލު ތަފާޔު ދީނީ އިލްމުވެރިޔަކު ވިދާޅުވި ގޮތުގައި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ސަލަފާ، ވައިލަންސް ގުޅުވޭނެ ގޮތެއް ނޯންނާނެ އެވެ. އަދި ސަލަފްގެ މަސައްކަތްތައް ފެންނަން އެބައޮތެވެ. ތުހުމަތު ކުރާ ފަދަ ކަންކަމުގެ ހެއްކެއް ނެތި ނުފޫޒެއްގައި ސަލަފަށް ފިޔަވަޅެއް އަޅައިފިނަމަ އެއީ މި ސަރުކާރު ހަދާނެ އެންމެ ބޮޑު އެއް ގޯހެވެ.
"އޭރުން އެކަން ވާނީ އަޅާ ވަރަށް ޅަ އެއްޗަކަށް. ފުރަތަމަ ކިހިނެތްތޯ ސަލަފަށް ފިޔަވަޅު އެޅޭނީ، އެއްވެސް ހެއްކެއް ނެތް. އެ ފަދަ އެއްވެސް ހެއްކެއް ނެތި ފިޔަވަޅު އަޅާ އެ ޖަމިއްޔާ [ސަލަފް] އުވާލައިފިނަމަ އެއީ އަރައި ނުގަނެވޭނެ ކަމަަށް ބަދަލުވެގެން ދާނެ،" އެ އިލްމުވެރިޔާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ކޮމިޝަންގެ ރިޕޯޓްގައި ސަލަފާއި، އަފްރާޝީމްގެ މަރާ ގުޅުވާފައި ނެތް ނަމަވެސް ރިޕޯޓްގެ 16 ތަނެއްގައި ސަލަފަށް ތުހުމަތުތަކެއް ކުރަން ސީދާ މަސައްކަތް ކޮށްފައި ވެއެވެ. އަދި ސަލަފް އުވާލަން ކުރެވޭ މަސައްކަތާއި އެހެން ކަމަކާވެސް އުމަރު ގުޅުވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު މި އޮތް ސަރުކާރު ކޯނާލިޝަން ރޫޅާލައި ލުމަކީ ރައީސް ނަޝީދުގެ ސިޔާސީ ބޭނުމެކެވެ. އަދި ރައީސް ސޯލިހް ވެރި ކަމުގައި ބާރުގައި ވަރުގަދަކޮށް ހުންނެވީ ޖޭޕީއާއި އަދާލަތު އަދި ރައީސް މައުމޫން އެކުގައި ސަރުކާރުގައި ތިބުމުން ކަމަށްވާތީ އެކަން ރޫޅާއިލުމަށް ކުރާ މަސައްތަކަށް މިކަން ވާނެ އެވެ.
އޭގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ބައެއް ފަރާތްތައް ބުނާ ގޮތުން އޭގެ ބޭނުމަކަށް ވާނީ ސިޔާސީ ބޭނުމެކެވެ. އެއީ ރައީސް ސޯލިހުގެ ބާރުވެރިކަން ކުޑަކޮށް ރައީސްނަޝީދަށް ބަރޯސާވެ ސަރުކާރު ހިންގުން ފުޅާ ކުރުމެވެ. އަދި ބަލިކަށި ސަރުކާރެއްގެ ގޮތުގައި ރައީސް ސޯލިހުގެ ވެރިކަން އޮބި އަޅާފައި ބޭއްވުމެވެ. ސަރުކާރަށް އަންނަ ކޮންމެ ހަމަލާއަކުން ދިފާއުވުމަށް ނަޝީދުގެ އެހީތެރިކަން ހޯދަން ޖެހޭ ގޮތަށް އޮތުމެވެ.
ބޭނުންވާހާ ގޮތަކަށް ދީނީ ޖަމިއްޔާތަކާއި ކުޅޭނަމަ ޖޭޕީ އާއި އަދާލަތާއި ރައީސް މައުމޫންވެސް ކޮންމެވެސް ހިސާބެއްގައި ބަސް ބުނަން މަޖުބޫރުވާނެ އެވެ. ސިޔާސީ އުންމީދުތަކެއް ކުރާނަމަ ރާއްޖޭގައި އަބަދު ހައްޕު ކިޔައިގެން ނުތިބެވޭނެ އެވެ. އަދި އެހެންވެއްޖެ ނަމަ އެ ހިސާބުން ސަރުކާރަށް ޕްރެޝަރު ބޮޑުވެ ކޯލިޝަންގެ ގުޅުން ހީނަރުވެގެން ދާނެ އެވެ. އެއިން ފައިދާ ކުރާނީ ރައީސް ނަޝީދަށެވެ.
"ނަޝީދުގެ ބޭނުމަކީ ރައީސް ސޯލިހުގެ ޕޮލިޓިކަލް ޕަވާ ދުއްވާލުން. ނަޝީދަށް މުޅިން ޑިޕެންޑް ކުރުވުން ނުވަތަ އެމަނިކުފާނު [ރައީސް ސޯލިހް] މުޅިން އެކަހެރި ކުރުވުން. އެކަން ކުރެވޭނީ މިހާރު އޮތް ކޯލިޝަން ދުއްވާލައިގެން. ކޯލިޝަން މިހެން އޮތްހާ ހިނދަކު ނަޝީދަށްވުރެ ޕަވަފުލް ބޭފުޅެއްގެ ގޮތުގައި ރައީސް މި ހުންނަވަނީ."
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީން ހެދި ރިޕޯޓްގައި ވަނީ ސަލަފަށް ފިޔަވަޅު އަޅަން ގޮވާލާފަ އެވެ. އަދި އެއީ ޖިހާދީ ފިކުރުގެ ޖަމާއަތެއް ކަނޑައަޅާފައި ވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ދިރާސާ ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ސަބް ކޮމިޓީންއެއް އެކުލަވާލިއިރު އެ ކޮމެޓީގައި ހިމެނުއްވީ ތިން މެންބަަރެކެވެ. މަޖިލީހުގެ ހުރިހާ ކޮމެޓީތަކެއްގެ މެޖޯރިޓީ އޮތް އެމްޑީޕީން މި ކޮމެޓީއަށް ހަމަޖެއްސެވީ އިދިކޮޅު ދެ މެންބަރަކާއި، އެމްޑީޕީގެ މެންބަރެކެވެ.
ނަމަވެސް ރިޕޯޓް ނެރެފައިވާ އެ ދެ މެންބަރުންގެ ބައިވެރިވުމެއް ވެސް ނެތި އަދި އެއްވެސް ދިރާސާއެއް ކުރުމެއްނެތި ވަކި ބަޔަކު ބޭނުންވާ ގޮތަށެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ސަބް ކޮމެޓީން ރިޕޯޓް ނެރެފައިވަނީ މެންބަރުންގެ މެދުގައި ވޯޓެއް ވެސް ނެގުމެއް ނެތި އެވެ.
"އެއީ ފުރިހަމަ ރިޕޯޓެއް ނޫން. މައުލޫމާތު އުނި ފުރިހަމަ ނޫން ރިޕޯޓެއް. އަދި އެއީ ކޮމެޓީ މަރުހަލާގައި ދިރާސާ ކުރެވިގެން ނެރޭ ރިޕޯޓެއް ނޫން." ޝަރީފް ވިދާޅުވި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވި ގޮތުގައި ސަބް ކޮމެޓީގެ ރިޕޯޓްގައި އޭނާގެ ބައިވެރިވުމެއް ނެތެވެ. އަދި އެންމެ މެންބަރަކު ބައިވެރިވެގެން މިފަދަ ރިޕޯޓެއް ތައްޔާރުކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ.
"އަޅުގަނޑުމެން އެއްވެސް މީހެއްގެ ހިއްސާއެއްނެތި ހިނގާފައިވާ ކަމެއް އެއީ."
ސަލަފު ޖަމިއްޔާއިން ބުނަނީ މިހެނެވެ:
"މާތް ﷲ ހުރުމަތްތެރި ކުރެއްވި ފުރާނަޔަކާ ގުޅުންހުރި މިފަދަ ހައްސާސް މައްސަލައެއްގައި، އެކަންކަމުގެ ސައްހަކަން ބެލުމެއްނެތި، އަދި އަމުދުން ސަލަފްގެ އެއްވެސް މީހަކާ ސުވާލު ކުރުމެއް ނެތި، ސަލަފާމެދު މިފަދަ ދޮގު މައުލޫމާތު ހިމަނާފައިވުމީ ހިންގަވާފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ހުތުރު އަމަލެއްކަމުގައި އަޅުގަނޑުމެން ދެކެން. މިފަދަ ކަންކަމުގެ ސަބަބުން އެނގި ކަށަވަރުވަނީ ސަލަފުގެ ނަން މި ރިޕޯޓުގައި ހިމަނާފައިވަނީ ސަލަފާއި، ސަލަފުގެ އިލްމުވެރިންނާއި، އެބޭކަލުންގެ ފިކުރާއި މަންހަޖާއި، ސަލަފުން ހިންގާ ހަރަކާތްތައް ވެސް، މަރު ކޮމިޝަނަށް ނޭނގި ތިބެ، ސަލަފާ އަދާވާތްތެރި، ވަކިފަރާތަކުން އަންގާ އެންގުމެއްގެ މައްޗަށް ކަން." ސަލަފުން ބުނެފައި ވެއެވެ.
ކޮންމެއަކަސް ސަލަފް ޖަމިއްޔާ އުވާލުމުގެ އަޑު ގަދަވެފައިވާއިރު މިއީ ހަގީގަތުގައިވެސް ބަދަލު ހިފުމެއްގެ ގޮތު ގިނަ ބަޔަކު ސިފަ ކުރެ އެވެ. އެމްޑީއެން ސަސްޕެންޑްކޮށް އެ ޖަމިއްޔާއިން ނެރުނު ރިޕޯޓް ތަހުގީގުކޮށް އެންމެ ފަހުން އެ ޖަމިއްޔާ އުވާލުމަކީ އެ ޖަމިއްޔާގެ ދިފާއުގައި ފާޅުގައި މަސައްކަތް ކުރެއްވި ފަރާތްތަކަށް ކުރިމަތިވި ބޮޑު ލަދެކެވެ. އެހެންކަމުން ދަނޑިވަޅެއް ހޯދައި އަވަސް އަރުވާލައިގެން ސަލަފާމެދު ފިޔަވަޅު އަޅަން މަސައްކަތް ކުުރުމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއްވާނެ ކަން ޔަގީނެވެ.