ރިޕޯޓް

ކަނޑުގެ 120 ފޫޓު އަޑީގައި ޑިނާ!

"ޑީޕް ސީ ރެސްޓޯރަންޓް" ގެ ޚިދުމަތް ފެށުމަށް ބޭއްވި ޑިނާގައި ބައިވެރިވުމަށް އަވަސްގެ ނޫސްވެރިޔާ އަހުމަދު ހަމީދު އާދަމްކުރި ދަތުރުގެ ތަޖުރިބާ -- އަވަސް ވީޑިއޯ

މިދިއަ ބުރާސްފަތި ދުވަހުގެ އިރު އޮއްސޭން ދިޔައިރު ބަޔަކު މީހުން ތައްޔާރުވަމުން ދިޔައީ މާލޭ ހުޅަނގު ފަރާތުން ކަނޑުތެރޭގައި އޮތް ވޭލް ސަބްމެރީނަށް ދާށެވެ. މާލެއާ 500 މީޓަރު ދުރުގައިވާ ޓޫރިސްޓް ސަބްމެރިންނަށް ދާން އަހަރެން ހިމެނޭ ގޮތަށް އެންމެން ދަތުރަށް އެރީ ކަނޑުގެ އަޑީގައި ބާއްވާ ރޭގަނޑުގެ ޚާއްސަ ކެއުމަކަށެވެ. ވޭލް ސަބްމެރީންގެ ވެރިޔާ، އުމަރު ނަސީރުގެ މި ދައުވަތު ފަންސާހަކަށް މީހުނަށް ދީފައި ވެއެވެ. ނޫސްވެރިން ވެސް ހިމެނެ އެވެ. ދެން އުޅެނީ ދެ ތިން އާއިލާއެއްގެ މެންބަރުން ކޮޅެކެވެ. މިއީ ވޭލްސް ސަބްމެރީން ރާއްޖެ އައިސް އަޑިއަށް ގޮސްފައި މައްޗަށް އަރާތާ 19 އަހަރުވީ އިރު ސަބްމެރިންގައި ކަނޑުގެ ފުނަށް "ފީނާލަން" އަހަންނަށް ލިބޭ ފުރުތަމަ ފަހަރެވެ. މި ފުރުސަތު ދޫކޮށް ނުލައި އާދެވޭ ގޮތެއް މިވީ ކަނޑުގެ އަޑީގައި ބާއްވާ ޑިނާއަކަށް ދައުވަތު ދިނުމުން ކަމަށް ވެދާނެ އެވެ. -- ލޮލް -- ބައެއް މީހުން ބުނީ ވެސް އެހެނެވެ. ހަމަ ކާންވީމާ ހަމީދު އައީ އެވެ.

އެކަމަކު ކެއުމަށްވުރެ ބޮޑަށް އަހަންނަށް އިންތިޒާރު ކުރެވެމުން ދިޔައީ ސަބްމެރިންގައި އިނދެ ކަނޑުގެ އަޑި ބަލައިލާށެވެ. މި އެންމެން ގޮވަައިގެން ކަނޑުގެ 120 ފޫޓް އަޑީގެ ސީބެޑު މަތީގައި ސަބުމެރީ ބަނޑުޖަހައިލައިގެން އޮންނަ އިރު ފެންނާނެ ހިތްގައިމު މަންޒަރުތައް ބަލާން ހިތް އެދެނީ އެވެ.

އަހަރެމެން އުފުލި ދޯނި ކުޑައިރުކޮޅެއްގެ ތެރޭ ސަބްމެރިން ބާއްވާފައިވާ އޮތް ޑޮކާ ކައިރިކޮށްފި އެވެ. ޑޮކްގެ ތައްޓުމަތީން މަރުހަބާ ކިއީ އުމަރެވެ، ދެން އެ ގެނައީ ތާޒާވެލާނާ ހޫނު ތުވާއްޔަކާއި ކަރުތެއްމާލާނެ ލަމަނޭޑް ޖޫސްތައްޓެކެވެ. އަދި އުލަކަށް ހަރާލި ކުކުޅު މަސްކޮޅެވެ.

މިތަނުން އުމަރު ސަމާސާއެއް ކުރެއްވި އެވެ: "ހަމީދު ބުނާނެ ނުކަމޭ އެކަމަކު އެއްޗެއް ދިއްކޮށްލާއިރަށް ހިފާ... އަޅުގަނޑަކަށް ތިހެނެއް ނުވޭ. އަޅުގަނޑަށް ހުރިހާ ރޫލެއް ބްރޭކް މި ކުރެވޭނީ ޒިލޭބީ ފެނިއްޖެއްޔާ، އެ ހެޔޮ ކިތަންމެ ބައިވަރެއް ވެސް، ހުރިހާ ކަމެއް ހަނދާ ނައްތާލާފައި އެ ކައި ހުސް ކުރާނަން،"

ޑޮކްމަތީގައި ބޯޑިންއަށް ތައްޔާރުވެފައިވާ އެންމެން މަޑުކޮށްލައިގެން ތިބި އިރު އުމަރު ކުޑަ ބްރީފިންއެއް ދިނެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފެށެނީ ވޭލްސް ސަބްމެރީން ހަޔާތުގައި ތާރީހީ ދަތުރެކެވެ. ވޭލް ސަބްމެރިން މިހާތަނަށް 350،000 މީހުން ހިމެނޭ ގޮތަށް 10،000 ޑައިވް ކޮށްފައިވާއިރު މި ކަހަލަ ދަތުރެއް އަދި ކޮށްފައެއް ނުވެއެވެ. އެހެންވީމާ މިއިން ކޮންމެ މީހެއް ވަނީ ތާރީހީ ނަމަކަށެވެ.

ގަޑިން 6:30: ބަނޑުހައިވެލާފައި އިންޒާރު ކުރަމުންއައި ވަގުތު ޖެހިއްޖެ އެވެ. ބޯޑިން ވެސް ފެށިއްޖެ އެވެ. ހުރިހާ އެންމެން ސަބްމެރީނަށް ފައިބާ ނިމުމާއެކު ކަނޑުގެ 120 ފޫޓް އަޑިއަށް ކުރާ ދަތުރު، ކެޕްޓަމް އާމިރާ އޭނާގެ އެނައުންސްމެންޓަކާއި ސެކްރިއުޓީ އިންސްޓަކްޝަނާއެކު ފަށައިދީފި އެވެ. ވަރަށް ހިތްގައިމެވެ. މި ސަބްމެރީން އަހަރެމެން ގޮވައިގެންދާއިރު ކެޕްޓާނާ ދިމާ ކުރީގައި އިނދެގެން ޑޮލްފިނެއް ސަބްމެރީނާއެކު ދަތުރު ކުރެ އެވެ.

ކެޕްޓަނާ އެންމެ ކައިރީގައި އިން ގޮޑީގައި އިނީ އަހަންނެވެ. ކަނޑުގެ ފުންމިން އެނގޭނެ ގޮތަށް ނަންބަރު ދިއްލޭ ބޯޑު އިނީ އަހަރެންގެ ކައިރީގަ އެވެ. އެ ބޯޑް ބުނާ ގޮތުން އަހަރުމެން ގޮވައިގެން ގޮސް ސަބްމެރިން ބަނޑުޖަހާނީ ކަނޑުގެ 120 ފޫޓް އަޑީގަ އެވެ. ނޫން ހަމަވީ 123 ފޫޓެވެ. އެކަމަކު އެ ފުން ރާސްތާ ކަޑަތުކުރަން ނެގީ މަދު ސިކުންތުކޮޅެކެވެ. އެ ދެން ހަމަ ގާތްގަނޑަކަށް ދޮޅު މިނެޓެއްހާ އިރެވެ. ގޮނޑީގައި އިށީނދެލައި ވިއުޕޯޓްތަކާ ދިމާއަށް ބަލައިލާ ހަމަޖެހިލެވުުނު އިރު ކަނޑުގެ ސީބެޑަށް ފޯރައިފި އެވެ. ދެން އަނެއްކާވެސް އައީ އުމަރުގެ ވަރުގަދަ އަޑެވެ.

އުމަރު ވިދާޅުވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ސްކޫބާ ޑައިވަރުން އެ ދިމާ އަޑިއަށް ފައިބާނެ އެވެ. އެ ތެދެކެވެ. ފައިބައިގެން އެއޮށް އުޅެނީ އެވެ. އެ ޑައިވަރުން ކުރާކަމީ މުޅި އެ ސަރަހައްދަށް ކަރު ގޮހޮރުގެ ބަސްތާތަކެއް އޮއްސާލީ އެވެ.

"މިހާރު އަޅުގަނޑުމެން މިރޭގެ ޑިނާއަށް އިންސާފު ކުރުމުގެ ކުރީ މިޔަރާއި މަޑީގެ ޑިނާ މި ހަމަޖައްސައި ދެނީ، ތިޔަ ބޭފުޅުންނަށް މިހާރު ވިއުޕޯޓްތަކުން އެ މަންޒަރު ފެންނާނެ،" އުމަރު ވިދާޅުވި އެވެ. "އެއީ މިތަނަށް އަޅުގަނޑުމެން އެއްކޮށް އޮޅު ކުރާ މިޔަރާ މަޑިއާ އަދި އެނޫން ވެސް ކަނޑުގެ ދިރުންތަކުގެ ކާނާ،"

އަހަރެމެން ބަލަބަލާ ތިއްބާ ވަށައި ދިއްލިފައިވާ ރީތި މަންޒަރުތަކުގެ ތެރެއަށް ބައި ބަޔަށް ވަދެގެން އެ އަންނަނީ ފުރަތަމަ މަންޓާރޭ އެވެ. ދެން ބޮޑެތި ބޮޑެތި ބަދަވި ޝާކެވެ. ދެން ތޮޅިތަކާއި ހަންޖާއި އެނޫން ވެސް މަސްމަހާމެއްސެވެ. އެ ސޮރުމެން މިހާރު ޑިނާ އެފެށީ އެވެ.

"މި ދަތުރުގައި އުންމީދުކުރި ވަރަށް ތަންކޮޅެއް ލަހުން މިރޭ މި އާދެވުނީ. ބަރާބަރު ހައެއް ޖެހާއިރު އަޅުގަނޑުމެނަށް އާދެވުނު ނަމަ ފޯރިއެއް ހުރީސް... މިހާރު ދެން ތިޔަ ބޭފުޅުންގެ ޑިނާ އަށް އިންސާފު ކުރަންވީ ވިއުޕޯޓްތަކުން ބޭރު ބަލަމުން، މިއަށް ވުރެ ވަކީން ރީތި މާހައުލެއް ނުލިބޭނެ ރޭގަނޑުގެ ޑިނާއަކަށް،" އުމަރު ވިދާޅުވި އެވެ.

މި ޑިނާއަށް ސަބްމެރީގެ ސިޓީން އެރޭންޖެމެންޓަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. ކުރީން ކޮންމެ ވިއުޕޯޓެއް ކައިރީ ދެގޮނޑި އިންނަ ނަމަވެސް މިހާރު މޭޒަކާއެކު ހަތަރު ގޮނޑި އެވެ. އަދި ބޮޑު ބްފޭ ޓޭބަކެވެ. މުޅި ސަބްމެރީ މިހާރު ފެންނީ ކަނޑުގެ އަޑީގައިވާ ހިތްގައިމު ރެސްޓޯރެންޓެއްގެ ގޮތުގަ އެވެ. ހަމަ ވަރަށް ޑެކަރޭޓިވެވެ. ބަލައި ބަލައި ފޫއްސެއް ނުވެ އެވެ. އެހަރަ ތަނުން ދިއްލާލާނެ އެވެ. މިހިރަ ތަނުން ދިއްލާލާނެ އެވެ.

ދެންމެއަކު ޑައިވަރުން ކަނޑުގެ މި ފުނަށް އަޅައިލި ކަރު ގޮހޮރުތަކަށް ބޮޑެތި މިއަރުތަކާއި، މަޑިތައް އޮޅުލައި އިންސާފު ކުރަމުން ދިޔައިރު އެ ހިތްގައިމު މަންޒަރުތައް ބަލަން އަހަރެމެންވެސް ތިބީ ސަބްމްރީންގެ ތެރޭގައި ތައްޔާރުކޮށްލާފައިވާ ފުރިހަމަށް ކެއުމަކަށް އިންސާފު ކުރާށެވެ. މީގެ ތެރޭގައި އުޅޭ ކުދިވެރިންނަށް ބޮޑެތި ސިންގާހާ މިޔަރުތައް ފެނުމުން ހީވަނީ ފުމެ އަރައިގަންނަހެނެވެ. ބޭރުގައި އުޅޭ މަސްކަތާ އެއްވަރަށް މި ކުދިވެރިންގެ ހަރާކާތެއް ވެސް ވަކި ދެރައެއް ނޫނެވެ. އަނެއްކޮޅު މި ކެއުން ވަރަށް ފައްކަލެވެ. ދެބުރަށް ތިންބުރަށް އަޅައިލެވުނު އިރުވެސް ހަމަ ކަވެ އެވެ. ނުފުރެ އެވެ. އެެހެން މީހުން މިޔަރު ބަލަން ދޫކޮށްލާފައި އަހަރެން ބެލީ ވަރުޖެހެން ދެން ކާށެވެ.

މިހާރު މިވެގެން އުޅޭ ގޮތެއް އެބަ އެނގޭ ހެއްޔެވެ؟ ވެގެން މިއުޅޭ ގޮތަކީ މިސްރާބު އަނބުރާލާފައި ސަބްމެރިނުން މި ތައާރަފު ކުރަނީ "ޑީޕް ސީ ރެސްޓޯރަންޓެ" އްގެ ޚިދުމަތެވެ. މިހާ ފުނަށް އަހަރެމެން ގެނެސްފައި މިތިބީ އޭގެ ސޮފްޓް ލޯންޗިންއަށެވެ.

ޑިނާގެ ތެރޭ އިންނަވައިގެން އުމަރު ވިދާޅުވި ގޮތުގައި ވޭލް ސަބްމެރީން މިހާރު އަމާޒު ހިފާފައިވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އަދި މިހާތަނަށް ނުދެވޭ ޚިދުމަތެއް ތައާރަފް ކުރާށެވެ. އެއީ ކަނޑުގެ 120 ފޫޓް އަޑީއަށް މީހާ ގެންގޮސް ކަނޑުގެ ދިރުންތަކުގެ މާހައުލެއްގައި ކެއުމަކަށް އިންސާފު ކުރުމުގެ ފުރުސަތު އަގެއް ނަގާފައި ދެނީ އެވެ.

"މިހާރު އަޅުގަނޑުމެން އުޅެނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުދޭ ޚިދުމަތެއް ކްރިއޭޓް ކުރަން. މި ޚިދުމަތަކީ ކަނޑުގެ 120 ފޫޓް އަޑީގައި މަޑުކޮށްލައިގެން އޮވެ ވަށައިގެން މިޔަރާ ކަނޑުގެ ތަފާތު ދިރިއުންތައް އުޅޭ މާހައުލެއްގައި، އެތަކެތީގެ އަމިއްލަ މާހައުލުގައި ފްރީކޮށް އުޅެނިކޮށް އަހަރެމެން އައިސް އެ ތަނުގައި މި ދެނީ ޑިނާއެއް. އެހެންކަމުން މިއީ ދުނިޔޭގައި ފުރަތަމަ ފަހަރު ކަނޑުގެ މިހާ ފުނު އަޑީގައި ޑިނާއެއް ސާވް ކުރާ. މިއީ މުޅިން އާ ޕްރޮޑަކްޓެއް. މިއީ 'ވޯލްޑް ކްލާސް' ޕްރޮޑަކްޓަކަށްވާނެ ކަމަށް މި ދެކެނީ،" އުމަރު ވިދާޅުވި އެވެ.

މި ޕްރޮޑަކްޓް ތައާރަފު ކުރުމަށް އެކި ފަހަރު މަތީ ޑައިވްކޮށް އެއް ގަޑިއަކަށް އެއް ތަނަކަށް އެއް ގޮތަކަށް މަޑިތަކާއި މިޔަރުތައް ވަނީ ހާނާ އޮޅު ކުރުވާފަ އެވެ. އަދި އެސޮރުމެނަށް ބޭނުންވާ ކާނާ އެ ގަޑިއަށް ދޭ ކަމުގެ އިޝާރާތުގެ ކޯލެއް ސަބްމެރީނުން ދޭނެ އެވެ. އެ ސޮރުމެނަށް ކާން ދިނުނަށް މާލެއާއި ވިލިމާލޭގައި އުފެދޭ ކަރުގޮހޮރުގެ ބޮޑުބައެއް ވަނީ ކޮންޓްރެކްޓް އުސޫލުން ސަބްމެރީނަށް ނަގާފަ އެވެ. އެ ބައިވަރު ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ގޮތަށެވެ.

އުމަރު ވިދާޅުވި ގޮތުގައި މިއީ ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިގެންދާނެ އިތުރު ޕްލަސް ޕޮއިންޓަކަށް ވާނެ އެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެެރިކަން އިތުރަށް އިޝްތިހާރުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ބާރަކަށް ވެސް ވެގެންދާނެ އެވެ.

"މި ފުރުސަތު ދިވެހިންނަށް ފަހިކޮށް ދިނުމަކީ ވެސް ވޭލް ސަބްމެރިންގެ އުންމީދެއް" އޭނާ ވިދާޅުވި އެވެ.

މިހާރު އަޅުގަނޑުމެން މި ދެނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުދޭފަދަ ޚިދުމަތެއް، އެކަން މި ކްރިއޭޓް ކުރަނީ. އެ ޚިދުމަތަކީ ކަނޑުގެ 120 ފޫޓް އަޑީގައި މަޑުކޮށް ވަށައިގެން މިޔަރާ ކަނޑުގެ ތަފާތު ދިރިއުންތައް އުޅޭ މާހައުލެއްގައި، އެތަކެތީގެ އަމިއްލަ މާހައުލުގައި އުޅެނިކޮށް އަހަރެމެން ގޮސް އެ ތަނުގައި ދެނީ ޑިނާއެއް. އެހެންކަމުން މިއީ ދުނިޔޭގައި ފުރަތަމަ ފަހަރަށް ކަނޑުގެ މިހާ ފުނު އަޑީގައި ޑިނާއެއް ސާވް ކުރާ. މިއީ 'ވޯލްޑް ކްލާސް' ޕްރޮޑަކްޓަކަށްވާނެ ކަމަށް މި ދެކެނީ،
އުމަރު ނަސީރު | ވޭލް ސަބްމެރިންގެ ވެރިޔާ

ރާއްޖޭގައި އޮތް ހަމައެކަނި ޕެސެންޖާ މި ސަބްމެރީނަކީ ދުނިޔޭގައި އެންމެ ފުނަށް ޑައިވްކުރާ ސަބްމެރިންތަކުގެ ތެރޭ ހިމެނޭ އަދި އެންމެ ކެޕޭސިޓީ ބޮޑު އެއް ޓޫރިސްޓް ސަބްމެރީނެވެ. މިއީ އެއްފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭނެ ގޮތަކަށް ފަރުމާ ކުރެވިފައިވާ ސަބްމެރީނެވެ. މި ސަބްމެރީން މިހާރު ރޭގަނޑަށް މި ބަދަލުކޮށްލަނީ ކަނޑުގެ 120 ފޫޓުގެ އަޑީގައި ޑިނާ ސާވް ކުރާ ރެސްޓޯރެންޓަކަށެވެ. އެއީ ކޮންމެ ޑިނާއެއް އެއް ގަޑި އިރަށެވެ. ކުރިއަށް އޮތްތާ ދޮޅު ގަޑިއިރަށް ޑިނާގެ ވަގުތު ދިކުރުމަށްވެސް އުމަރު ވިސްނަވައެވެ.

މިރޭގެ ޑިނާ މިއޮށް ނިމޭން ދަނީ އެވެ. ބޭރުގައި މިޔަރުތަކާއި މަޑިތައް ދުވަނީ އެވެ. މިއީ މިކަހަލަ ހިތްފަސޭހަ ރީތީ މާހަލެއްކަން ކުރިން އެނގުނު ނަމަ ކުރިން ނައިހެއް ނުހުރީމުހެވެ. ސަބްމެރީނުން އަލަށް ފަށާ މި ޚިދުމަތް ވެގެންދާނީ ތާރީޚަކަށެވެ. އަދި ބޮޑު ކާމިޔާބަކަށްވެސް މެއެވެ. މިހާރު އެއްގަޑި އިރުގެ ޑިނާ ނިންމާލާފައި އަހަރެމެން މި ނައްޓާލީ މައްޗައަށް އަރާށެވެ. "ޑީޕް ސީ ރެސްޓޯރަންޓް" ގެ ޚިދުމަތް ރަސްމީކޮށް ފަށާ އަގުތައް ވެސް ވަރަށް އަވަހަށް ތިލަ ވެދާނެ އެވެ. މި މާހައުލުވެސް ފައްކަލެވެ. މި ކެއުން ހަމަ މަރެކެވެ. ތަޖުރިބާކޮށްލަން ބަކެޓް ލިސްޓަށް ވައްޓާލާފައި ބާއްވާށެވެ.