ގައިން ގަޔަށް އަރާ ބަލިތަަކާއި އެއްވަރަށް ސަމާލުވާންޖެހޭ އެހެން ބަލިތައް ވެސް ވެއެވެ. އެއީ ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން އަންނަ ބަލިތަކެވެ. މި ބަލިތައް ޖެހެނީ ދިރިއުޅުން ބައްޓަން ކުރާ ގޮތަކުންނެވެ. ކަސްރަތު ނުކުރުމާއި، ކެއިން ބުއިމުގައި ފަރުވާ ކުޑަވެގެނެވެ. އަދި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން އެކި އެކި ބަލިތައް ޖެހެން މަގުފަހިވެއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނާ ގޮތުގައި ލައިފް އެކްސްޕެކްޓެންސީ އަށް ބަލާއިރު އަންހެނުންގެ އުމުރު ފިރިހެންނުންނަށް ވުރެ 6.7 އަހަރުގެ ފަރަގަކުން ރާއްޖޭގައި ދިގު ކަމަށް ލަފާ ކުރެވެއެވެ. އަންހެނުންގެ އުމުރު ގޮސް 85.7 އަށް ދެއެވެ. ފިރިހެނުންގެ އާންމު އުމުރަކީ 79 އެކެވެ. ފިރިހެނުންގެ އުމުރު ކުރުވުމަށް މެދުވެރިވާ ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާތީ އެވެ. އަދި ލައިފްސްޓައިލާއެކު އެ މީހުނަށް ކުރިމަތިވާ ބަލިތަކެކެވެ.
ޓައިޕް2 ޑައިބެޓީސް، ލޭ މަތިވުން އަދި އާދަޔާ ހިލާފަށް ހަށިގަނޑު ބިޔަވުމުގެ ސަބަބުން ޖެހޭ ފެޓީ ލިވާ ސިންޑްރޯމާއި ކުޑަކަމުދާ ނިޒާމް އަދި ޕްރޮސްޓްރޭޓަށް ޖެހޭ ބަލިތަކާއި، މިހެންގޮސް ބޮޑު ލިސްޓެއް ވެއެވެ.
ފިރިހެނުން ސިއްހަތާއި ބެހޭ ގޮތުން އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ގިނަ ބަލިތަކުގައި ފިރިހެނުންނަށް އޮތް ރިސްކް ބޮޑެވެ. ގައިން ގަޔަށް ނާރާ ބަލިތަކަށް ބަލާއިރު ޒުވާން އުމުރުގައި އަންހެނުންނާއި ބަލައި މި ފަދަ ބަލިތަކަށް ފިރިހެނުންގެ ރިސްކް ބޮޑުވެ އެވެ. ނުވަތަ ޑަބަލްވެ އެވެ. އެކަމަކު އަންހެނުން އިއްދައިން ކެޑުމުގެ ފަހުން ބަލިޖެހުމުގު ފުރުސަތު ގާތްގަނޑަކަށް އެއްވަރުވެ އެވެ.
މިފަދަ ބަލިތަކަށް މަގުފައިވާ އެެންމެ ބޮޑު އެއް ސަބަބަކީ ފިރިހެނުން ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު އިތުރުވުމެވެ. އެހެން ވެގެން ދުޅަހެޔޮ ހަޔާތަކަށް ފިރިހެނުން ސަމާލުވާންވީ ކަންކަން ވެސް ޑރ. މުހައްމަދު އަލީ ވިދާޅުވެ ދެއްވަ އެވެ.
ފުއްޕާމެއަށް ޖެހޭ ބަލިތައް
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސަޒް (ސީއޯޕީޑީ) އަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ތެރެއިން ދިގު މުއްދަތެެއްގައި އުޅެން ޖެހޭ ބައްޔެކެެވެ. މި ބަލީގެ ސަބަބުން ނޭވާލާން އުނދަގޫ ވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރާނަމަ މި ބަލި ޖެހުމުގު ފުރުސަތު ބޮޑުވާ އިރު ފުރަތަމަ ކޮޅު ހެނދުނު ހޭލާއިރު ކެއްސުން އަދި އަރިދަފުސް އައުމަކީ ނިޝާނެކެވެ.
"ނޭވާލަން އުދަނގޫވުން، ނޭވާ ލާ ހޮޅިތައް ފިތޭ ގޮތްވުން. އޮކްސިޖަން ވަންނަ ވަރު މަދީ. ދިވެހި ފިރިހެނުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ވަނީ ދުންފަތް ބޭނުންކުރާ މިންވަރު ގިނަވުމުގެ ސަބަބުން. ކުރީ ޒަމާނުގައި އަންހެނުން ވެސް ގުޑުގުޑާ އަދި ދަރު އުނދުނުން އަރާ ދުމުން ބަލި ޖެހޭ. ފިރިހެނުން ކުރާ މަސައްކަތުގެ ސަބަބުން މިސާލަކަށް ދުން އަރާ މަސައްކަތުން މި ބަލި ޖެހި ފުއްޕާމޭ އަދި ނޭވާލާ ހޮޅިތައް ދުޅަވެ ހަލާކުވާ ގޮތްވޭ" އޭނާ ވިދާޅުވި އެވެ.
ޕްރޮސްޓްރޭޓް ކެންސަރު
ފިރިހެނުންގެ ސިއްހަތަށް ދިމާވާ ކަންކަމަށް ބަލާއިރު ޕްރޮސްޓްރޭޓް ކެންސަރަކީ ވަރަށް ސަމާލުވާން ޖެހޭ ކަމެކެވެ.
"ޕްރޮސްޓްރޭޓަކީ ފިރިހެނުންގެ އެކަނި ހުންނަ ގުނަވަނެއް. މިއީ ކުޑަކަމުދާ ހޮޅި ވަށައިގެން ބަނޑުތެރޭ އިންނަ ގުނަވަނެއް. އުމުރު މަތިވީމާ ގިނަ ފިރިހެނުންގެ ޕްރޮސްޓްރޭޓް ދުޅަވޭ. މީގެ ސަބަބުން ކުޑަކަމުދާން އުދަނގޫވޭ ބައެއް މީހުންގެ. އަނެއްބައި މީހުންގެ އަވަސްވޭ ނޫނީ ރޭގަނޑަށް ހޭލެވޭ. އަދި ކުޑަކަމުދާ ޕްރެޝަރު ދަށްވޭ." ޑޮކްޓަރު ވިދާޅުވި އެވެ. "ޕްރޮސްޓްރޭޓް ކެންސަރަށް އުމުރުން 40 އަހަރުން މައްޗަށް ދިޔައިމަ ސްކްރީން ކުރަން ރަނގަޅު. އާއިލީ ގޮތުން ހުންނަ ނަމަ އަދި ވަރަށް ރަނގަޅު މި ސްކްރީން ކުރަން."
ދިވެހިންގެ ލައިފްސްޓައިލަށް ބަލާއިރު ދުފުމާއި ދުންފަތް ލުން މިއީ ރާއްޖޭގެ ވަރަށް އާއްމު ކަމެކެވެ. މިއީ ކޯލޯން ކެންސަރަށް ނުވަތަ ފުރަގަސް ފަރާތަށް ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ. އުމުރުން 40 އަަހަރުން މައްޗަށް ދިއުމުން ކޯލޯން ކެންސަރު ހުރިތޯ ބަލަން ސްކްރީން ކުރަން ވެއެވެ.
ބައެއް އެހެން މައްސަލަތައް
އާއިލާއެއް ފަށާއިރު ފިރިހެނާގެ ރީޕްްރޮޑަކްޓިވް ހެލްތު ރަނގަޅަށް ހުރިތޯ ބެލުމަކީ މުހިއްމު ކަމެކެވެ. ދަރިން ހޯދުމުގެ ދިމާވާ އުނދަގޫތަކުގައި ބަލަން ޖެހެނީ އެއްވެސް އުނދަގޫ ކަމެއް ހުރޭތޯ އާއި ސްޕާމް ހުންނަ ވަރު މަދީތޯ އެވެ. އަދި އިންފެކްޝަން ހުރޭތޯ އެވެ.
ރާއްޖޭގައި އުމުރުން 40 މައްޗަށް ދިޔައި ވަރަށް ގިނަ ފިރިހެނުން ކުޑަކަމުދާ ނިޒާމްޖެހޭ ބަލިތަކުގައި ފަރުވާ ހޯދައެވެ. ޕްރޮސްޓްރޭޓްގެ މައްސަލަތައް ހުންނާތީ ޔޫރީން މައްސަލަތަކާއި ދިމާވެ އެވެ. ރާއްޖޭގައި މިއީ ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ.
ސޮސައިޓީގައި ފިރިހެނުންނަކީ ވެސް ކަންކަމާއި ދެރަވެ މާޔޫސް ވާނެ ބައެކެވެ. އެންޒައިޓީ އަދި ޑިޕްރެޝަން އާއި ކުރިމަތިލާން ވެސް ޖެހިދާނެއެވެ. މިކަަމަކީ ފަރުވާ ހޯދަންޖެހޭ ކަމެކެވެ.
މަސައްކަތުގައި ސާމަލުވުން
ގިނަ ވަގުތު އޮފީހުގައި އުޅޭއިރު އަދި އެއްގޮތަކަށް އިށީނދެ އިންނަ އިރު ސަމާލުވާންވީ ކަންކަން ހުރެ އެވެ.
- އެއްތަނެއްގައި އިށީނދެ އިނުމުގެ ސަބަބުން ކަނދުރާ އަދި ބުރަކަށީގެ މައްސަލަތައް ދިމާވުން
- ރަނގަޅަށް ފެން ނުބޮވި ދިޔާތަކެތި ބޭނުން ނުކުރެވުމުގެ ސަބަބުން ކިޑްނީގެ ބަލިތައްޖެހުން
- ވޯކްލައިފްގައި ސިނގިރޭޓް ހުއްޓާލަން ބޭނުން މީހުންނަށް މިކަން ކުރަން އުނދަގޫވުން
- ފަސޭހަގޮތް ހޯދަން ކާ ހެދިކާ ތަކުން ކޮލެސްޓްރޯލް މަތިވުން
- ކަސްރަތު ކުރުމަށް ވަގުތު ހޯދަން ދަތިވުން
މުހައްމަދު ވިދާޅުވި ގޮތުގައި އެވެރޭޖްކޮށް 30 އަަަހަރުން ފެށިގެން ހަކުރުބަލި، ކޮލެސްޓްރޯލް، ލޭ މައްޗަށްދޭތޯ ބެލުމަށް ޗެކްއަޕް ކުރުމަކީ ކޮންމެ އަހަރަކު އެއް ފަހަރު ކުރުން މުހިއްމެވެ.
ރިސާޗުން ބުނާ ގޮތުގައި ފިރިހެނުންނަކީ ބައްޔެއް ކަމެއްވެއްޖެ ނަމަވެސް ސިއްހީ މާހިރެއްގެ ލަފާ ހޯދުމުގައި އަދި ސްކްރީން ކުރުމުގައި ފަސްޖެހޭ ބައެކެވެ. އަދި ގިނަ މީހުންނަކީ އަންހެނުންނާއި އަޅާއި ބަލާއިރު ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާ ބައެކެވެ. ފިރިހެނުންގެ ސިއްހަތަށް އަސަރުކުރާ ބަލިތަކަކީ ދުރާލާ ހޯދިއްޖެ ނަމަ ފަރުވާ ހޯދޭނެ ބަލިތަކެކެވެ.