ކެމިކަލް ގުދަނުގައި ރޯވުން

އަޅިއަށްވި ގެ އެންމެފަހުން ގޮނޑަކަށް!

އެންމެ ކޮތަޅެއް ދެ ކޮތަޅެއް ނޫނެވެ. ބޮޑެތި ރަތް ކޮތަޅާއި ޑަސްބިިން ކޮތަޅުތައް ބަރި ޖަހާލާފައި ހުއްޓެވެ. ބައެއް ކޮތަޅުތައް ފަޅައިގެން ގޮސް އޭގެން އެއްޗެހި ފައިބާ އެގޭ ތެރެއަށް އެޅިފަ އެވެ. ކޮތަޅު ތެރޭ ހުރި އެއްޗެހިން އެހެން އެއްޗެހި އުފެދެނީ އެވެ. ދަވާދު ފާޓާ ތަކާއި ބާ ކަބަޑު ގަނޑުވެސް އެތަނަށް ހޫރާލާފަަ އެވެ. އެއްފަހަރު ބޯލާފަައި އެއްލާލާ ޕުލާސްޓިކު ފެންފުޅި ތަކާއި ހުސް ދަޅާއި ޖޫސްޕެކެޓުތައްވެސް ހަމަ އެ ކުނި ފުނީގަ އެވެ.

މުޅި ސަރަހައްދުން މެހި ބުރާއިރު އެ ހިސާބު ކައިރިން ހިނގާލާފައި ދާންވެސް އުނދަގޫވެ އެވެ. މި ދައްކަނީ ތިލަފުށީ ކުނި އުކާ ސަރަހައްދުން ފެންނަ މަންޒަރެއް ނޫނެވެ. މިއީ ހަމަ މާލެ އެވެ. މާލޭގައި މި ފަހުން ހިނގި ބޮޑު އަލިފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ގެ އެވެ.

އޭޑީކޭ ކުރިމައްޗަށް އޮންނަ އެ ގޯޅިިން ހުރަސް ކުރިޔަސް ހަނދާނަށް އަންނާނީ އެ ރޭގެ ބޮޑު އަލިފާން ގަނޑެވެ. ހަފްތާ އެއްހާ ދުވަސް ވަންދެން އެ ސަރަހައްދު ބަންދުކޮށް ބެހެއްޓުމަށްފަހު އާއްމުންނަށް ހުޅުވާލީ އެ ސަރަހައްދުގައި އުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ސަރުކާރުން ހަމަޖައްސައި ދިނުމަށްފަަހު އެވެ.

މި ގޯޅި އާއްމުކޮށް ހުޅުވާލުމާއެކު ބައެއް ގޭގޭގައި މީހުންވެސް ދިރިއުޅެ އެވެ. ރޯވި ގޭގެ ކުރިމައްޗަށް ހުރި ހަ ފްލޯގެ އިމާރާތް ހުހަށް ހުރި އިރު އެންމެ ތިރީ ފްލޯ އަށް މީހުން ވަދެ އެވެ. ގަވައިދުން ދާ މީހުންވެސް އުޅޭނެ ކަން ހަމަ ޔަގީނެވެ. ހަމަ އެންމެ ބޭނުމެއްގަ އެވެ. ގޭގެ ޑަސްބިނުން ނަގާ ގޮނޑަށް އުކާލަން ޖެހޭ ކުނި ކޮތަޅު އެއްލާލުމަށެވެ.

މިގޭގެ ވެރިންނަށް ގެ މަރާމާތު ނުކުރެވިގެން އުޅެނިކޮށް ބަޔަކު މި ކުރާ ކަމެއް ނިކަން ދެކިބަލާށެވެ. އަދި އެއުޅެނީ އެ ގެއިން ރަނގަޅަށް ދުން ވަސް ނުފިލައިގެނެވެ. މަރާމާތު ނުކުރެވިގެންނެވެ. އެ ބިރުވެރި ހަނދާންތަކުން އަރައި ނުގަނެވި ދިރިއުޅުން އަލުން ނުފެށިގެނެވެ. ކުނިި އުކާކަށް ވަކި ތަނެއްވެސް ނޯވޭ ހެއްޔެވެ؟ ހަމަ ހުސް ޖާގަ އެއް ފެނުނީީ އެތަން ބޮޑު ގޮނޑަކަށް ހަދަންވީ އެވެ. ކާއެއްޗިއްސާއި ގޭގެއިން ނެރޭ ބާކުލި ސާމާނު ގެންގޮސް އަޅާ އެ ސަރަހައްދު މިހާރު ފުރައިފި އެވެ. ކުނިތައް ގިނަ ދުވަސްވެ ދުވާ ވަހުން މުޅި އެ ސަަރަަހައްދު ހުންނަނީ އެއްވަސްވެފަ އެވެ.

ކޮންމެ ދުވަހަކު އެތައް ބަަޔަކު އެ ސަރަހައްދު ހުރަސް ކުރެ އެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. އާއްމުކޮށްފައި ކުނި ވާން ބަހައްޓާފަައި ހުރި އެ ކުނިތަކުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިވުން އެކަށީގެންވެ އެވެ. ފެން އުފެދޭ ގޮތަށް ހުރި ތަކެއްޗާއި ކުނިވެފައި ހުރި އިތުރު ސާމާނުތަކުންނެވެ. އަދި ކުނި ވަމުން އަންނަ އެއްޗެހީގެ ސަބަބުންވެސްމެ އެވެެ.

މި ސަަރަހައްދުގައި ދިރިއުޅޭ މީހުންނަށްވެސް މިހާރު މިކަމުގެ އުނދަގޫ ޖެހެ އެވެ. ބައެއް މީހުން ބުނީ ކުނި އުކަން ފެށި އިރެއް ވަކި ނޭނގޭ ކަމަށެވެ. އަލިފާނުގައި ގެއްލުން ލިބުނު ބައެއް ސާމާނުތައް އެގޭގެ ތިރީގައި ބަހައްޓާފައި ނުނެރެވިގެން އުޅެނިކޮށް ކުނި ޖަމާ ކުރަން ފެށީ އެވެ. ފަހަރަކު ކޮތަޅެއް ފަހަރަކު ކޮތަޅެއް ގެންނަމުން ގޮސް އެ ގޭ ތިރީ ފްލޯ ބަޔެއްގެ ކުނިގޮނޑަށް ހަދައިފި އެވެ.

ބައެއް މީހުންނަށް ކުނި އުކާ މީހުންވެސް ފެނިފައި އެބަ ހުއްޓެވެ. ވީޑިއޯވެސް ކޮށްފައި އެބަހުއްޓެވެ. ރޯމާ ދުވާލު ދެބައި އުމުރުގެ މީހަކު މަޑުމަޑުން ހިނގާފައި ގޮސް ކުނި ކޮތަޅެއް ގޭ ގޯތި ތެރެއަށް ވައްޓާލަނީ އެވެ. މީހަކަށް ތަނަކަށް ބެލުމެއް ނެތެވެ. މީހަކު އާދޭތޯ ފަހަތަށް އެނބުރި ބަލާވެސް ނުލަ އެވެ. ވީޑިއޯ އާއްމު ކުރި މީހާ ބުނީ، އޭނާ ނިކުތީ އެ ގޯޅީގައި ހުރި ފާމަސީ އަކުން ކަމަށެވެ. މިއީ އަދި އެންމެ ދުވަހެއްގެ ވީޑިއޯ އެކެވެ. މީގެ އެތައް ކޮތަޅެއް އެއްލާލާތަން މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފެނިފައި އެބަ ހުއްޓެވެ.

ކުނި އުކާ މަންޒަރު ފެންނަ ގޮތަށް އާއްމުކުރި ވީޑިއޯ --

މިިގޭ ތެރެއަށް ކުނި އުކާ ފުރާ މަންޒަރު ނުފެންނަނީ ހަމަ އެންމެ ބަޔަކަށެވެ. މާލޭ ސިޓީގެ ކަންކަން ބަލަހައްޓާ ސިޓީ ކައުންސިލަށެވެ. މާލޭ ސިިޓީގެ ކާނުތައް ސާފުކޮށް ފޮޓޯ ނަގާ ޓްވީޓު ކުރަަމުންދާއިރު މި ސަރަަހައްދަށް ޖަމާ ކުރަމުންދާ ކުނި ކޮތަޅުތަކެއް ހަމަ ފެންނަ ގޮތެއް ނުވެ އެވެ. މަޑުމަޑުން ގޮނޑަކަށް ބަދަލުވާއިރުވެސް ނުފެންނަނީ އެވެ. މިހެން މިސަރަހައްދު އޮންނަތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ކޮތަޅުތަކުގެ ކައިރިއަށް ގޮސް ބަލާލުމުން އެކަން ސިޓީ ކައުންސިލަށްވެސް އެނގޭނެ އެވެ.

ސާފު ކުރުމުގެ އެތައް ޕްރޮގްރާމެއް މި ވޭތުވެދިޔަ އެއް އަހަރުތެރޭ ސަަރުކާރުން ހިންގައިފި އެވެ. މާލެ ކައިރި ވިލިމާލެ އާއި ހުޅުމާލޭގައި ސާފު ކުރުމުގެ ބޮޑެތި ހަރަކާތްްތައް ހިންގާ ސިޓީ ކައުންސިލުން ގޮސް ސާފުވެސް ކޮށްފި އެވެ. އެހެންނަަމަވެސް، ލޯ ކުރިމަތީ އެހާ ފަސޭހައިން ފެންނަން އޮތް ތަނެއް ނުފެނިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟