ރިޕޯޓް

މާލެއަކީ ބޮމެއް، އޮތީ ގޮވުން ކޮންޓްރޯލް ކުރުން!

އަލިފާނުގެ ބޮޑު ހާދިސާ އިއްޔެ ހިނގުމުގެ އިރުކޮޅެއް ކުރިން ޓީ ޖެޓީއާ ދިމާލަށް ދެވުނު މީހަކު އެކަން ހިނގައިދިޔަ ގޮތް ސިފަ ކޮށްދިނެވެ؛ އާދައިގެ މަތިން ލޯންޗެއް އޮތީ ބަނދަރާ ކައިރިކޮށްފަ އެވެ. ޕާކުކޮށްފައި އޮންނަ އެއް ތެޔޮ ބައުޒަރަކަށް ހޮޅި އަޅައިގެން ލޯންޗަށް ތެޔޮ އަޅަނީ އެވެ. ހަމަ އެތަނުގައި މީހަކު ސިނގިރޭޓެއް ރޯކޮށްލައިގެން ހުއްޓެވެ. ލޯންޗަށް ތެޔޮ އަޅަމުން ދިޔަ ބައުޒަރާ މާ ދުރުގައެއް ނޫނެވެ.

"ދެން ފެނުނީ ލޯންޗުގެ އިންޖީނާ ދިމާލުން އަލިފާން ރޯވިތަން. ހަމަ ހިނދުކޮޅެއްގެ ތެރޭގައި ބައުޒަރާ ގުޅާފައި އޮތް ހޮޅީގައި ހުޅުގަނޑު ހިފި. އެ ހިފި ގޮތަށް ބައުޒަރު ގޮވީ! ލޯންޗުގައި ތިބި މީހުން ފިހިގެން ކަނޑަށް ފުންމާލި،" އޭނާ ބުންޏެވެ.

ފުރަތަމަ ވެސް ލޯންޗުގައި ރޯވެގެން އެރި ބޯ ދުންގަނޑު ޖެޓީ ބަލަހައްޓާ އެމްޕީއެލްގެ މުއައްޒަފުންނަށް ފެނުނެވެ. ކުއްލިއަކަށް ބައުޒަރު ގޮވި އިރު އެތަނުގައި ބަރިއަކަށް ފަސް ވަރަކަށް ތެޔޮ ބައުޒަރު އޮތެވެ. ހުޅުގަނޑު ދިޔައީ ފަހަރަކު އެއްޗެއްގައި ހިފަމުން ރޯވަމުންނެވެ.

"އަޅުގަނޑުމެން ދުވެފަ އެތަނަށް ދިޔަ އިރު ބައުޒަރުތައް ހުރީ ފުލު ފުލުގައި ޕާކުކޮށްފައި. އެއިން އެއްވެސް އެއްޗެއްގެ ތެރޭގައި ޑްރައިވަރަކު ނެތް. ދެން ބައުޒަރުތަކުގެ ބިއްލޫރިގަނޑު ތަޅާލާފައި އަނބުރައިގެން އުޅަނދުތައް ދަމާ އެ ސަރަހައްދުން ދުރަށް ޖައްސަން ފެށީ. އޭރު އަލިފާންގަނޑު އަރާ މުޅި ސަރަހައްދުގައި ބޯ ދުމުން ފުރާލައިފި،" އެހީތެރިވާން ދިޔަ އެމްޕީއެލްގެ މުއައްޒަފަކު ބުންޏެވެ.

ސިފައިންނަށް އެ ސަރަހައްދަށް ދެވުނު އިރު ތެޔޮ ފުރާފައި ހުރި ތިން ބައުޒަރުގައި އޮތީ ރޯވެފަ އެވެ. އަދި އަލިފާން ނިއްވަން ފެށިތަނާ ހެން ހަތަރުވަނަ ބައުޒަރުގައި ވެސް ހުޅުގަނޑު ހިފީ އެވެ.

މިއީ އެ ސަރަހައްދު އަބަދުވެސް އޮންނަ ގޮތެވެ. ހުރިހާ ބައުޒަރުތަކެއް އެއް ތަނެއްގައި ޕާކުކޮށް އެއްވެސް އަޅާލުމެއް ރައްކާތެރި ކަމެއް ނެތި ބޮޑު ނުރައްކަލަކަށް ދޫކޮށްލާފައި އޮންނަނީ އެވެ. އެތަނުގައި ސިނގިރޭޓު ބޯ މީހުން ބަރާބަރަށް އެކަން ކުރެ އެވެ.

މާލޭގައި ނުރައްކާތެރި ބޮޑު ހާދިސާއެއް ހިނގިތާ އަދި މިވީ ދެ ހަފުތާ އެވެ. ހެންވޭރު، އަބަދަށް ފެހި މަގުގައި މިފަދަ ގޮތަކަށް އެއްވެސް ވަރަކަށް ރެގިއުލޭޓު ކުރުމެއް ނެތި ދޫކޮށްލާފައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ 700 އެއްހާ މީހުން މަގުމަތިވި އެވެ. ފުރާނައެއް ގެއްލިގެން ދިޔަ އެވެ. ހަމަ އެ ބާރުމިނުގައި މުއައްސަސާތައް ގުދަންތައް އެއްތަނުން އަނެއް ތަނަށް ބަދަލު ކުރަން ތެޅިގަތެވެ.

ތެޔޮޮ ބައުޒަރުތައް އަޅާފައި އޮންނަ ތަނުގެ ވާހަކަ އާއި މާލޭގެ ޕެޓްރޯލް ޝެޑުތައް ކައިރި އޮންނަ ނުރައްކާތެރި ގޮތުގެ ވާހަކަތައް ސޯޝަލް މީޑިއާގައި އަދި ނުހިނދެ އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ހުޅުގަނޑަކަށް ފަހު ހުޅުގަނޑެއް ރޯވަނީ އެވެ. ކާރިސާއަކަށް ނުވަނީސް އަލިފާންގަނޑު ކޮންޓްރޯލު ކޮށްލަ ކޮށްލާ ތިބެން ވީ ހެއްޔެވެ؟ ރަނގަޅު ފެންވަރެއްގައި ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތީ ހެއްޔެވެ؟ އިއްޔެގެ ހާދިސާގައި ވެސް ހަތް މީހުން ވަރަށް ބޮޑަށް ފިހި އެ މީީހުންގެ ގައިގެ ހަންގަނޑު އޮތީ ނޮޅިފަ އެވެ.

ކެމިކަލް ގުދަނުގައި ރޯވެއްޖެ.. ކެމިކަލް ގުދަންތައް ތިލަފުއްޓަށް، ބައުޒަރުތަކުގައި ރޯވެއްޖެ.. ބައުޒަރުތައް ބަހައްޓާ ސަރަހައްދު ބަލަހައްޓަން ފަށައިފި.. މާދަމާ ދެން ކޮން ކަމެއްވީމަ ތޯ ފިޔަވަޅު އަޅާނީ. ކުރިޔާލާ މިކަންކަން ރަނގަޅު ކުރުމުގެ ވިސްނުމެއް ނެތް
ޓްވިޓާގައި މީހަކު ފަޅު ކުރި ހިޔާލެއް

ކުއްލިއަކަށް ގޮވާފާނެ އެތައް ތަނެއް!

މާލޭގައި ނުރައްކާތެރި ހާދިސާއެއް ހިނގުމާއެކު މުއައްސަސާތަކުގެ ވެރިން ކޮންމެ ފަހަރަކު އެއް ވާހަކައެއް ދައްކަ އެވެ. އެކަށީގެންވާ ގަވައިދުތައް ހެދިފައި ނެތެވެ. ކެމިކަލް ގުދަނުގައި ރޯވެ މީހަކު މަރުވުމުން ވެސް ގަވައިދެއްގެ ވާހަކަ ވަރަށް ގަދައަށް ދެއްކި އެވެ. ގަވައިދު ހެދި ދާނެ އެވެ. އެކަމަކު އިހަށް ލޯ ހުޅުވާލަން އެބަޖެހެ އެވެ.

ދެ ލައްކައެއްހާ މީހުން ދިރިއުޅޭ މާލެއަކީ "ޓައިމް ބޮމެކެވެ." ވަށައިގެން އޮންނަ މަގުތަކުގައި ޕެޓްރޯލް ޝެޑުތައް އޮންނަނީ "ރޮލާ" އެވެ. ކޮންމެ ފަދަ ވަގުތެއްގައިވެސް ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ އެވެ. އެތެރޭ މަގުތަކުގައި އޮތީ ކެމިކަލް ގުދަންތަކާއި އެހެނިހެން ނުރައްކާތެރި ގަރާޖުތައް ފުރިފަ އެވެ. ކުޑަ ކުޑަ މާލޭގައި ނުރައްކާތެރި އެފަދަ 126 ގުދަން އެބަހުއްޓެވެ. ހަމަ ކޮންމެ ވަގުތަކު ވެސް ގޮވާފާނެ އެވެ.

އެހެންކަމުން ފުރަަމަތަ ކަމަކަށް އަވަސް ފިޔަވަޅުތަކެއް އަޅާ އެފަދަ ކަންކަން ހައްލު ކުރަން ޖެހެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ބަދަލުތައް ގެންނަން ޖެހެ އެވެ. ޕެޓްރޯލު ޝެޑުތައް ވެސް ރައްކާތެރި ތަނަކަށް ހަދާ، ރަނގަޅަށް ބެލެހެއްޓެން ޖެހެ އެވެ. ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ޖައްސާ އެކަހެރި ކުރަން ޖެހެ އެވެ. ބޮޑެތި ތެޔޮ ބައުޒަރު ފަދަ އުޅަނދުތައް ހުންނަ ސަރަހައްދުތައް ބެލެހެއްޓެން ޖެހެ އެވެ. އަލިފާން ގެންގުޅުން މަނާ ސަރަހައްދެއް ގޮތުގައި ކަނޑައަޅާ، މޮނިޓާ ކުރެވެން ޖެހެ އެވެ. އަދި އެތަންތަނުގައި ހާދިސާއެއް ހިނގައިފި ނަމަ ނިއްވާލެވޭނެ ވަސީލަތައް ވެސް ގާއިމް ކުރަން ޖެހެ އެވެ. އެއަށް ފަހު ދާއިމީ ހައްލު ހޯދަން ގަވައިދުތައް ހަދަން ޖެހެ އެވެ.