ހަބަރު

ތޮށި ކައިރީ ތެޔޮ ބައުޒަރު ޕާކްކުރުން މަނާކޮށް އުސޫލު ހަރުކަށިކޮށްފި

Oct 2, 2019

ބަނދަރުތޮށި ކައިރީގައި ތެޔޮ ބައުޒަރުތައް ޕާކްކުރުން މަނާކޮށް އެކަމުގައި އަމަލު ކުރަން ޖެހޭނެ ގޮތުގެ އުސޫލެއް ޕްލޭނިން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

މިނިސްޓްރީން މި އުސޫލު އާންމު ކުރީ ޓީޖެޓީ ސަރަހައްދުގެ ބަނދަރުތޮށި ކައިރީގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައި ވަނިކޮށެވެ. އެ ހާދިސާގައި ހަ ބައުޒަރަކާއި ލޯންޗެއް އަނދާފައިވެ އެވެ. އަދި 10 ބައުޒަރަކަށް އަލިފާނުގެ އަސަރުކުރި އެވެ. އެ ސަރަހައްދަކީ ގިނަ އަދަދަކަށް ތެޔޮ ބައުޒަރުތައް ޕާކްކޮށްފައިވާ ސަރަހައްދެކެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައާއި އަދި ހާއްސަކޮށް މާލޭގެ އުތުރު ފަރާތު ހާބަރު އަދި ދެކުނު ހާބަރު ޓީ ޖެޓީ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާކުކޮށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުން ގެންދަނީ، އެއްވެސް ވަރަކަށް ރެގިއުލޭޓް ކުރެވިގެން ނޫން ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއެއް އެ ސަރަހައްދުގައި ހިނގާފައިވަނީ ވެސް އެ ސަރަހައްދުގައި ތެޔޮ ބައުޒަރުތައް ޕާކްކޮށް، ތެޔޮ ޓޭންކްތަކުގެ ގޮތުގައި ގަވާއިދާއި ހިލާފަށް ބޭނުން ކުރަމުން ދަނިކޮށް ކަމަށެވެ.

ތެޔޮ ބައުޒަރުތައް މާލެތެރޭގައި ދުއްވުމާއި، މިހާރު ބޭނުން ކުރަމުންދާ ގޮތަށް، އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމަކީ ރައްކާތެރިކަމަކަށް ނުވާއިރު، ދާއިމީ ގޮތެއްގައި، މި ހިދުމަތް ދިނުމަށް އަމާޒު ކުރެވިފައިވަނީ، ތިލަފުށި
ނުވަތަ އަލަށް ތަރައްގީ ކުރެވޭ ގުޅީފަޅުން ސަރަހައްދެއްގަ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން، މާލެ - ތިލަފުށި ބްރިޖް ލިންކާއެއެކު ގުޅީފަޅު ތަރައްގީ ކުރެވެންދެން ވަގުތީ ގޮތުން، ތެޔޮ ބައުޒަރުތައް ޕާކް ކޮށްފައި ބޭއްވޭނެ އިންތިޒާމެއް މާލޭ ދެކުނުން ހިއްކާފައިވާ ސަރަހައްދުން ބައެއްގައި ކަނޑައަޅާފަ އެވެ.

މިނިސްޓްރީން ބުނީ ތެޔޮ ބައުޒަރުތައް ޕާކް ކުރަން ކަނޑައެޅިފައިވާ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ތެޔޮ ބައުޒަރުތައް މީގެ ފަހުން ޕާކްކޮށްފައި ނުބޭއްވޭނެ ކަމަށެވެ. އުޅަނދުފަހަރަށް ތެޔޮ އެޅުމަކަށްޓަކައި، ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ބަނދަރު ތޮއްޓާއި ކައިރިކޮށް ތެލުގެ ހިދުމަތް ދެވޭނެ ކަމަށާއި އަދި ހިދުމަތް ދިނުމަށްފަހު، ޕާކް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް އެނބުރި ބައުޒަރުތައް ގެންދަން ޖެހޭނެ ކަމަށެވެ.

އެއްވެސް ހާލަތެއްގައި، ބަނދަރު ތޮށި ކައިރީގައި ތެޔޮ ބައުޒަރު ޕާކް ކޮށްފައި ނުބޭއްވޭނެ ކަމަަށް މިނިސްޓްރީން އެންގި އެވެ.

މިނިސްޓްރީގެ އެންގުމުގައި އިތުރަށް ބުނީ މިހާރު މާލެއަށް އެތެރެކޮށް ބޭނުން ކުރަމުންދާ ތެޔޮ ބައުޒަރުތަކަކީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގައިޑްލައިނާއި އެއްގޮތަށް ހުރި ބައުޒަރުތައްތޯ ބެލުމަށްފަހު، އެ މިންގަނޑަށް ނުފެތޭ ބައުޒަރުތަކުގެ ހުއްދަ ބާތިލް ކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން، އެ މިނިސްޓްރީގެ ދަފްތަރުގައި ތެޔޮ ބައުޒަރުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ބައުޒަރުތަކުގެ އިތުރުން އަލަށް ބައުޒަރު ދަފުތަރު ނުކޮށްދޭނެ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.

އަދި ތެޔޮ ބައުޒަރުތައް ބާއްވަން ނިންމާފައިވާ ސަރަހައްދުގައި އަލިފާން ނިވާ ނިޒާމް ގާއިމް ކުރުމާއި ތެޔޮ ބައުޒަރުތައް ބާއްވާ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް މޮނިޓާ ކުރުން މޯލްޑިވްސްނޭޝަނަލް ޑިފެންސް ފޯސްއާ ހަވާލުކޮށް އެ ސަރަހައްދުގައި، ހިދުމަތް ދިނުމުގެ ކަންތައް ކުރިއަށް ދާގޮތް މޮނިޓާކޮށް ރެގިއުލޭޓް ކުރުމުގެ މަސައްކަތް، މާލޭ ސިޓީ ކައުންސިލާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ.