އިއްޔެ މެންދުރު ފަހު 3:40 ގައި މާލޭގެ ހުޅަނގު ދެކުނު ޓީޖެޓީއާ ކައިރިން ސިނާއީ ސަރަހައްދުގެ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ހިނގި ނުރައްކާތެރި، ބޮޑު އަލިފާނުގައި ހަތް މީހަކު ފިހުން އެއީ ބޮޑު ހިތާމައެކެވެ. އަދި އެ އަލިފާނުގައި ތިން ކުންފުންޏެއްގެ ހަ ތެޔޮ ބައުޒަރާއި އިތުރު ކުންފުންޏެއްގެ ލޯންޗެއް އަނދައިގެން ގޮސް ލިބުނު ގެއްލުން 20 މިލިއަން ރުފިޔާއަށްވުރެ މައްޗެވެ. އަނެއްކޮޅުން އެ ގެއްލުމާއެކު ތެޔޮ ސަޕްލައި ކުރުމުގެ އޮޕަރޭޝަަނަށް ވަނީ ބޮޑު ބުރުލެއް އަރައިފަ އެވެ. މިއީ ވެސް ހިތާމަ އެވެ.
ޕެޓްރޯލް ބައުޒަރުގައި ރޯވެ ބޮމެއްހެން ގޮވައި ވަރުގަދަައަށް ހިފާފައިހުރި އަލިފާން ހުޅުގައި އެންމެ ބޮޑު ގެއްލުން ލިބުނީ އެޗްއެމްއެޗްއައި ކޮންޕެނީ ޕްރައިވެޓް ލިމިޑެޓަށެވެ.
އެޗްއެމްއެޗްއައިގެ ތިން ބައުޒަރަކާއި މެރީޑިއަމްގެ ދެ ބައުޒަރެއްގެ އިތުރުން ފިއުލް އެކްސްޕްރެސްގެ ބައުޒަރެއް ވަނީ އަނދައި ބޭނުން ނުކުރެވޭވަރުވެފަ އެވެ. މީގެ އިތުރުން ދެން ހިމެނެނީ 40 މީހުންގެ ޖާގައިގެ ލޯންޗެކެވެ. ލޯންޗުގެ އަގު ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ.
ހާދިސާ ހިނގިތާ ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާ އިރުގެ ފަހުން ފުލުހުންނާ ސިފައިންގެ ފަޔާމަނުންގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރިއިރު ފަސް ބައުޒަރެއް ވަނީ މުޅިން އަނދާ ހުލިވެފަ އެވެ. އަދި އެހެން ބައުޒަރެއްގެ ޓޭންކް ފިޔަވައި އެހެން ހުރިހާ ބައެއް ވަނީ އެކަށް އަނދައިގެން ގޮސްފަ އެވެ.
މީގެ ގެއްލުންތައް މިހާރުގެ ހުރި ވަރުން ހިސާބެއް ހަދާލުމުން 20 މިލިއަން ރުފިޔާ އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ސަބަބަކީ މީގެ ބައުޒަރުތަކާއި އޭގައި ހުރި ތެލާއި ލޯންޗުގެ އަގު ބޮޑުވުމެވެ.
ހުޅު ރޯވާން މެދުވެރިވީ ކިހިނެތް؟
އިއްޔެގެ ހާދިސާ ހިނގުމާއެކު އެންމެ ފުރަތަމަ އަޑުތައް ފެތުރުނު ގޮތުގައި ލޯންޗަށް ޕެޓްރޯލް އަޅަނިކޮށް، ލޯންޗުގެ ބެޓެރިއެއް ގޮވައި ލޯންޗުގައި އަލިފާން ރޯވީ އެވެ.
އަވަސް ދެއްވި އިންޓަވިއުއެއްގައި އިއްޔެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެޗްއެމްއެޗްއައި ކޮންޕެނީ ޕްރައިވެޓް ލިމިޑެޓް ވެރިޔާ މޫސާ އިބްރާހިމް ވިދާޅުވި ގޮތުގައި އެ ހާދިސާ މެދުވެރިވީ ބެޓެރިއެއް ގޮވައިގެނެއް ނޫނެވެ. އަލިފާނުގެ ހާދިސާ ހިނގީ ލޯންޗަށް ޕެޓްރޯލް އަޅާ ނިމުތާ ވިއްސަކަށް މިނެޓް ފަހުންނެވެ.
"އަޅުގަނޑުމެން 'ނެވި' ލޯންޗަށް އެޅީ 500 ލީޓަރުގެ ޕެޓްރޯލް. އެ ހާދިސާއެއް ހިނގީ ޕެޓްރޯލް އަޅައި ނިމި، އަޅުގަނޑުމެންގެ މުވައްޒިފުން ބައުޒަރުގެ ހޮޅި ވެސް ނެގި ފަހުން." މޫސަ ވިދާޅުވި އެވެ.
ބައުޒަރުގައި ރޯވި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަމަށް މޫސާ ގަބޫލު ކުރައްވަނީ ސިނގިރޭޓް ބުއިމުގެ ތެރޭގައި ކަންޏެއް ޖެހި ސްޕާކް ވެގެނެވެ.
މޫސަ ވިދާޅުވި ގޮތުގައި އޭނާގެ ތެޔޮ ބައުޒަރުގައި އެވަގުތު ތިބި މީހުން ބުނާ ގޮތުން "ނެވި" ލޯންޗަށް ޕެޓްރޯލް އެޅިފަހުން ޓޭންކު ނޫނީ އޭގެ ހޮޅިއެއްގައި މައްސަލައެއް އުޅޭތީ އެކަން ރަނގަޅު ކުރަން އެ ލޯންޗުގެ ފަޅުވެރިން މަސައްކަތްކުރި އެވެ. އަދި އެކަން ކުރަމުން ދިޔައިރު ދުންފަތުގެ އިސްތިއުމާލު ވެސް ކުރަމުން ދިޔަ އެވެ.
"އަޅުގަނޑުގެ ބައުޒަރުގައި ތިބި މީހުން ބުނީ ދެން ކުއްލިއަކަށް ވަރަށް ބާރު އަޑުފައްގަނޑެކޭ އިވުނީ. އޭރު މުޅި ލޯންޗުގައި އޮތީ ހުޅުހިފާފައޭ."
ލޯންޗުގައި ރޯވެފައިވާ އަލިފާންގަނޑުގެ އަސަރު އެންމެ ފުރަތަމަ ކުރީ މެރީޑިއަމްގެ ތެޔޮ ބައުޒަރަކަށެވެ. އޭރު މެރީޑިއަމްގެ ތެޔޮ ބައުޒަކުން ގެންދިޔައީ އެތާ ކައިރީގައި އޮތް އެހެން ލޯންޗަކަށް ޕެޓްރޯލް އަޅަމުންނެވެ.
ލޯންޗުގައި ރޯވި އަލިފާން އެންމެ ފުރަތަމަ ފޯރީ މެރީޑިއަމްގެ ތެޔޮ ބައުޒަރުން ބާލާފައި އޮތް ހޮޅިއަށެވެ. އެހެންވެ އިސާހިތަކު އެ ހޮޅީގައި އަލިފާން ހިފާ ބައުޒަރުގައި ރޯވީ އެވެ. ދެން ޖެހިގެން ކައިރީގައިވާ އެޗްއެމްއެޗްއައިގެ ބައުޒަރުގައި އަލިފާން ހިފީ އެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިތުރު ބައުޒަރުތަކުގައި ހިފާ އަލިފާނުގެ ބޮޑު ހާދިސާއަކަށް ބަދަލުވީ އެވެ.
"ވަރަށް އަވަހަށް ހުޅުގަނޑު ފެތުރިގަތީ... މެރީޑިއަމްގެ ހޮޅިއެއްގައި ފުރަތަމަ ހިފީ، މެރީޑިއަމްގެ ބައުޒަރުގައި ހިފުމާއެކު އަޅުގަނޑުމެންގެ ބައުޒަރުގައި ވެސް ހުޅުހިފީ.. އަޅުގަނޑުމެންގެ މުވައްޒިފަކަށް ގެއްލުމެއް ނުވޭ. ނަމަވެސް އޮޕަރޭޝަން މުޅިން ހުއްޓުނީ." މޫސަ ވިދާޅުވި އެވެ.
އެންމެ ބޮޑު ގެއްލުން އެޗްއެމްއެޗަށް
ތެޔޮ ބައުޒަރުތަކުގައި ރޯވެ އަނދާ ހުލިވުމާއި ގުޅިގެން އޭގެ ވެރިފަރާތްތަކަށް މާލީ ގޮތުން ވަރަށް ބޮޑު ގެއްލުންތައް ވަނީ ވެފައެވެ. އެޗްއެމްއެޗްއައި ގެ ތިން ބައުޒަރެއް މުޅިން އަދައިގެންދިޔައިރު ގެއްލުމުގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ބައުޒަރުތައް އަދައިގެން ދިޔައީ 9000 ލީޓަރުގެ ޕެޓްރޯލާއެކުގަ އެވެ.
"ވަރަށް ބޮޑު ގެއްލުމެއް މި ލިބުނީ. އަންދާޒާކޮށް އެއްޗެއް ބުނާނަމަ މިއީ 1.95 މިލިއަން ރުފިޔާގެ ގެއްލުމެއް." މޫސަ ވިދާޅުވިއެވެ.
ފިއުލް އެކްސްޕްރެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާބު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ބޮޑު ބައުޒަރެއް އަނދާ ހުލިވެފައިވެ އެވެ. އަދި އެ ކުންފުނީގެ އިތުުރު ތެޔޮ ބައުޒަކަށް އަދި ވީގޮތެއް ސާފު ނުވެ ވެސް ވެއެވެ.
ޝިހާބު ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި ހުރި ތެޔޮ ބައުޒަރުތައް އެހެން ސަރަހައްދު ތަކަށް ބަދަލުކުރި އެ ތެޔޮ ބައުޒަރު ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެ ބައުޒަރަށް ވީގޮތް ސާފެއް ނުވެއެވެ
"ގެއްލުމުގެ އަގު 1.2 މިލިއަނަށް ވުރެ ބޮޑުވާނެ. އެއީ މި ކުންފުނީގައި އޮތް އެންމެ ބޮޑު ތެޔޮ ބައުޒަރު. އެތައްހާސް ޕެޓްރޯލަކާއެކު އަދައިގެން އެދިޔައީ... އެކަމަކު އެއެއް ނޫން ބޮޑު ގެއްލުމަކީ މައިގަނޑު ގެއްލުމަކީ އޮޕަރޭޝަން ހުއްޓުމަކަށް އައުން،" ޝިހާބު ވިދާޅުވި އެވެ.
ޚިދުމަތަށް ބޮޑު ބުރުލެއް އަރާފައި
މި ހާދިސާއާއި ގުޅިގެން ފެޓްރޯލް ސަޕްލައި ކުރުމުގެ ހިދުމަތަށް ވަނީ ބޮޑު ހުއްޓުމެއް އައިސްފަ އެވެ.
ހާދިސާގައި ގެއްލުން ލިބުނު ތިން ކުންފުނީގެ ޚިދުމަތް ދެން ފެށޭނެ ދުވަހެއް ބުނާކަށް ނޭނގެ އެވެ. އެއީ ފޫބައްދަން ދަތި މާލީ ގެއްލުން ލިބިފައިވާތީ އެވެ. ވިޔަފާރިއަށް ބޭނުން ކުރަމުން ދިޔަ ވަސީލަތްތައް އަނދައިގެން ދިއުމާ ގުޅިިގެނެވެ.
"އަޅުގަނޑުމެންނަށް މާލީގޮތުން މި ލިބުނީ ވަރަށް ބޮޑު ގެއްލުމެއް. ވިޔަފާރިއަށް މި އައީ ބޮޑު ހުއްޓުމެއް. ނަމަވެސް އެންމެ ބޮޑު ގެއްލުމަކީ އެއީއެއް ނޫން. އެންމެ ބޮޑު ގެއްލުމަކީ އަޅުގަނޑުމެންގެ ޑެއިލީ އޮޕަރޭޝަން ހުއްޓުމަކަށް އައުން. އަދި އެކަން އަލުން ފެށޭނެ ދުވަހެއް ވެސް ނޭނގުން." ޝިހާބު ވިދާޅުވި އެވެ.
ދުވާލަކު 10،000 ލީޓަރުގެ ޕެޓްރޯލް ސަޕްލައި ކޮށްދެމުން ދާ އެޗްއެމްއެޗްއައި ކޮންޕެނީން ބުނި ގޮތުގައި ހުރިހާ ބައުޒަރުތަކެއް އަނދައިގެން ދިއުމާ ގުޅިގެން އެ ކުންފުނީގެ މަސައްކަތްތައް އެކަށް ހުއްޓުނީ އެވެ. އަލުން ހިދުމަތަށް ނުކުމެވޭނެ ދުވަހެއް ނޭނގެ އެވެ.
"ތިން ބައުޒަރު އެއްކޮށް މި އެނދީ. އެތައްހާސް ލީޓަރެއްގެ ޕެޓްރޯލަކާއެކު. ދެން ކިހިނެތް ތޯ އަޅުގަނޑުމެން ދެމުން އައި ޚިދުމަތް ކުރިއަށް ގެންދާނީ. މުޅިން ހުއްޓުނީ... މަސައްކަތް ފެށޭނެ ދުވަހެއް ޚިޔާލަށް ވެސް ނުގެނެވޭ." އެޗްއެމްއެޗްއައިގެ ވެރިޔާ މޫސާ އިބްރާހިމް ވިދާޅުވި އެވެ.
ފެރީ ލޯންޗުތަކުގެ ޝެޑިއު ދަތުރުތައް ހުއްޓިފައި
އަލިފާނުގެ ނުރައްކާތެރި ހާދިސާއާއި ގުޅިގެން ބައުޒަރުތަކުން ދެމުން އައި ޚިދުމަތް ހުއްޓުމަކަށް އައުމުން އެންމެ ބޮޑު ދައްޗެއް ކުރިމަތިވާނީ އަތޮޅުތަކަށް ދަތުރު ކުރަމުންދާ ފެރީ ލޯންޗުތަކަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ 100 އަށްވުރެ ގިނަ ލޯންޗު އޮންނަ އިރު، އެ ލޯންޗުތަކަށް އެއްވެސް ދަތިކަމެއް ނެތި ފަސޭހަ ކަމާއެކު، ޕެޓްރޯލް ފޯރު ކޮށްދެމުން އައީ ކުންފުނިތަކުގެ ބައުޒަރުތަކުންނެވެ. ނަމަވެސް އަލިފާނުގެ ބޮޑު ހާދިސާގައި ހަ ބައުޒަރު އެނދުމާއި ގުޅިގެން އެކަމުގެ ދަތިކަން ވަނީ ބޮޑުވެފަ އެވެ.
"ވަރަށް ފަސޭހަކޮށް އަޅުގަނޑުމެންނަށް ލިބެމުންދިޔަ ޚިދުމަތެއް މީ. އެކަމަށް ހުއްޓުން އަރައިފިނަމަ އެއީ އަޅުގަނޑުމެންނަށްވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް." ރ. އަތޮޅަށް ދުވާލަކު ދެ ދަތުރުކުރާ ލޯންޗެއްގެ ކެޕްޓަނަކު ބުންޏެވެ.