މިއަދު މާލޭގެ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެ ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާގައި ފިހި އަނިޔާވި މީހުން އައިޖީއެމްއެޗުގައި އެމަޖެންސީގައި ފަރުވާ ދެމުންދާއިރު އެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލެއް ކަމަށްވާ އިސްމާއީލް އަހުމަދު ވިދާޅުވީ، ޓީޖެޓީ އަލިފާނުގައި ފިހިގެން އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ނުވަ މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ދިވެއްސަކާއި ދެ ބިދޭސީން ކަމަށް ވެސް އިސްމާއީލް ވިދާޅުވި އެވެ.
"ޖުމްލަ ނުވަ މީހުން ގެނައީ. އެއީ ފިހިގެން ގެނައި ހަތް މީހުންނާއި ފްރެކްޗާ އެއް ވެގެން ގެނައި މީހަކާއި ޕެނިކް އެޓޭކެއް ޖެހިގެން ގެނައި މީހެއް. އެންމެންނަށް ވެސް އެމަޖެންސީގައި ފަރުވާދެމުން ދަނީ. އެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫން،"
އިސްމާއިލް ވިދާޅުވީ، އެ މީހުންގެ ހަށިގަނޑު ފިހިފައި ވަނީ 20 ޕަސެންޓާއި 45 ޕަސެންޓުގެ މިންވަރެއް ކަމަށެވެ.
ދެ މީހަކަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ފޮނުވާލާފަ އެވެ. އެކަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި ހަތަރު މީހަކަށް ވޯޑުގައި އަދި ދެ މީހަކަށް އެޗްޑީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.
މިއަދު ހަވީރު ހިނގި މި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ ލޯންޗެއްގަ އެވެ. އޭރު ބައުޒަރަކުން އެ ލޯންޗަށް ތެޔޮ އެޅުމަށް ހޮޅި ގުޅާފައި ވެއެވެ. ލޯންޗުގައި ރޯވި އަލިފާންގަނޑު ހޮޅީގައި ހިފައި ބައުޒަރާ ހަމައަށް ފެތުތުމާއެކު ބައުޒަރު ގޮވައި އަލިފާން ފެތުރުނީ އެވެ.