ހަބަރު

އަނެއްކާވެސް ބޮޑު އަލިފާނެއް، 7 މީހުން ފިހުނު

ޓީ-ޖެޓީ ސަރަަހައްދުގައި އޮތް ލޯންޗަކާއި ތިން ތެޔޮ ބައުޒަރެއްގައި ރޯވެ ހަތް މީހަކު ފިހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެހާދިސާ ހިނގަން މެދުވެރިވީ، ލޯންޗަށް ތެޔޮ އެޅުމުގެ ތެރޭގައި ލޯންޗުގައި ރޯވެގެންނެވެ. އޭރު ބައުޒަރު އޮތީ ލޯންޗަށް ތެޔޮ އެޅުމަށް ހޮޅި ގުޅައިގެންނެވެ. ލޯންޗުގައި ރޯވި އަލިފާންގަނޑު ހޮޅިއަށް ފެތުރި ބައުޒަރާ ހަމައަށް އައިސް ބައުޒަރު ގޮވީ ކަމަށް މަންޒަރުދުއް މީހަކު ވަނީ ބުނެފަ އެެވެ. އަދި އެ ސަރަހައްދުގައި މީހަކު ސިނގިރޭޓެއް ރޯކޮށްގެން ހުރި ކަމަށް ވެސް އެމީހާ ވަނީ ބުނެފަ އެވެ.

އެ ހާދިސާ ހިނގާފައިވަނީ ހަވީރު 3:40 ހާއިރު އެވެ. ތެޔޮ ބާއުޒަރުގައި އަލިފާން ރޯވުމާއެކު އެ ތަނުގައި ހުރި އުޅަނދުތައް ދުރުކުރުމަށް އެ ސަރަހައްދުގައި ތިބި އާންމުންނާއި، އެމްއެންޑީއެފު އަދި ފުލުހުން ވަނީ ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ތެޔޮ ބައުޒަރުތައް ހުރި އިރު، އެ ވެހިކަލްތައް އެ ސަރަހައްދުން ދުރަށް ޖައްސާފައިވަނީ ވާ ޖަހައި ދަމާފަ އެވެ. އަދި ކަނޑުމަތީގައި ހުރި އުޅަނދުތައް ވެސް ވަނީ ލޯންޗުގައި ރޯވުމާއެކު ދުރުކޮށްފަ އެވެ.

ތެޔޮ ބައުޒަރުތަކުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ބަނދަރުތެރެއިން ހަރަކާތްތެރިވެފައިވާއިރު، އަލިފާން ނިއްވުމަށް ގިނަ އަދަދެއްގެ ފޯމްވެސް ވަނީ ބޭނުންކޮށްފަ އެވެ. މީގެ އިތުރުން އަލިފާން ރޯވެފައިވާ ބައުޒަރުތަކުގައި ރޯވި އަލިފާން ނިއްވާލުމަށް ވަނީ ވެލިވެސް ޖަހާފަ އެވެ.

އެ ހާދިސާގައި ތިން ތެޔޮ ބައުޒަރެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ރޯވި ލޯންޗުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ޓީ-ޖެޓީތެރެއަށް ބަންޑުންވެފަ އެވެ. ލޯންޗުގައި ރޯވުމާއެކު ޓީ-ޖެޓީ އެތެރޭގައި ހުރި ގިނަ އަދަދެއްގެ ކަނޑު އުޅަނދުފަހަރު ވަނީ އެ ސަރަހައްދުން ބޭރުކޮށްފަ އެވެ. އަދި އެ ސަރަހައްދަށް އިތުރު އުޅަނދުތައް ވަނަ ނުދިނުމަށް ވިލިނގިލީ ޓާމިނަލާ ދިމާލަށް ހުރި ނެރު ފުލުހުންގެ ލޯންޗުތަކުން އޮތީ ބަންދުކޮށްފަ އެވެ.

އެ ހާދިސާގައި ރޯވި އަލިފާންގަނޑު ނިންވާލެވުނީ ދޮޅުގަނޑިއެއްހާ އިރުގެ މަސައްކަތުން ނެވެ. މި ހާދިސާގައި ހަތް މީހަކު ފިހިފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ހަށިގަނޑުން ބޮޑު ބައެއް ވަނީ ފިހިފަ އެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ގެއްލުމެއް ލިބިފައިނުވާކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. އަނިޔާވެފައިވަނީ ބިދޭސީއަކާއި ހަ ދިވެހިންނަށެވެ.

އައިޖީއެމްއެޗްއިން ބުނީ ހާދިސާއާ ގުޅިގެން ނުވަ މީހަކު ގެނައި ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދިނުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެކަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި ހަތަރު މީހަކަށް ވޯޑުގައި އަދި ދެ މީހަކަށް އެޗްޑީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.

އެ ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވަނީ އެ ސަރަހައްދަށް ވަޑައިގެން އަލިފާން ނިއްވުމުގެ ކަންކަން ހިނގަމުންދާގޮތް ބައްލަވާފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން މަސައްކަތް ހިނގިގޮތް އޮޅުންފިލުއްވާ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ޝުކުރުދަންނަވާ ތައުރީފުކުރައްވާފަ އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ޓީޖެޓީ ސަރަހައްދުގައި ހިނގި ބޮޑު އަދި ނުރައްކާތެރި ހާދިސާގައި އެ އަލިފާންގަނޑު ކޮންޓްރޯލް ނުވި ނަމަ ބޮޑު ކާރިސާއަކަށް ބަދަލުވީސް ކަމަށެވެ. އަދި މިފަދަ ހާދިސާތައް މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، އެ ހާދިސާގައި ފިހުނު މީހުންގެ ހާލު ބައްލަވާލައްވާފައެވެ.

އަލިފާނުގެ ހާދިސާގެ ކަވަރޭޖް ގެނެސްދިން ލައިވް ބްލޮގް

ޓީ-ޖެޓީ ސަރަހައްދަކީ ކަނޑުއުޅަނދުފަހަރުތަކަށް މުދާ ބަރުކުރަން ބޭނުންކުރާ ސަރަހައްދަކަށްވުމާއެކު، އެ ސަރަހައްދު އެވަގުތު ބަންދުކުރުމުން ރިސޯޓްތަކަށާއި، ރަށް ރަށަށް ސަޕްލައި ކުރުމަށް މުދާ ހިފައިގެންދިޔަ ގިނަ އަދަދެއްގެ ޕިކަޕުތަކެއްވެސް ބަންދުކޮށްފައިވާ ސަރަހައްދުގެ ބޭރުގައި ކިއު ހަދާލާފައި އޮތެވެ. ފުލުހުން ވަނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި އެހާދިސާ ތަހުގީގުކުރަން ފަށާފަ އެވެ.