ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަލިފާން ކޮންޓްރޯލް ނުވި ނަމަ ބޮޑު ކާރިސާއަކަށްވީސް: ރައީސް

މާލޭގެ ސިނާއީ ސަރަހައްދުގައި މިއަދު ހިނގައިދިޔަ އަލިފާނުގެ ނުރައްކާތެރި ހާދިސާ ކޮންޓްރޯލް ނުކުރެވުނު ނަމަ އެ އަލިފާން ބޮޑު "ކާރިސާ" ބަދަލުވީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ވަނީ ރޯވި އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެން މައުލޫމާތު ސާފު ކުރައްވާ އަލިފާން ކޮންޓްރޯލް ކުރަން ސިފައިން ކުރި މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ.

އަލިފާން ނިންވާލަން މަސައްކަތްކުރި ސިފައިންނާ އަދި ފުލުހުންނާ ވާހަކަފުޅު ދައްކަވަމުން ރަައީސް ވިދާޅުވީ މިއަދުގެ އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުުރުސަތު ބޮޑު ސަރަހައްދެއްގައި ކަމަށެވެ. އެމަނިކުފާނު އަދި ވިދާޅުވީ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން ސިފައިންނާއި ފުލުހުން ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް އެގޮތަށް ނުުކުރެވުނަމަ އަލިފާނުގެ ބޮޑު "ކާރިސާ" އަކަށް ހާދިސާ ބަދަލުވީ ކަމަށެވެ. -- މިއަދު އަލިފާން ކޮންޓްރޯލް ކުރަަން ނެގީ ގާތްގަނޑަކަށް ދޮޅު ގަޑި އިރެވެ.

"ތިބޭފުޅުން ތިޔަ ކޮށް ދެއްވީ ވަރަށް ބޮޑު ކަމެއް." އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ތައުރީފު ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނުރައްކާތެރި މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އަދި އެކަމުގައި ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

އަލިފާން ރޯވި ސަރަހައްދަށް ރައީސް ވަޑައިގަތުމުން ސިފައިންގެ އޮފިސަރުންނާއި ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވަނީ އަލިފާނުގެ އެ ހާދިސާއާ ގުޅޭ މައުލޫމާތު ރައީސާ ހިއްސާ ކުރައްވާފަ އެވެ. އޭގެ ފަހުން ރައީސް ސޯލިހު ވަނީ އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ހާލު ބައްލަވާލެއްވުމަށް އައިޖީއެމްއެޗަށް ވެސް ވަޑައިގެންފައެވެ.

މިއަދު މި ބޮޑު ހާދިސާ ހިނގި އިރު މި މަހުގެ 20 ވަނަ ދުވަހު ހެންވޭރު، އަބަދަށްފެހި މަގުގައި ވަނީ ފަހުގެ ތާރީހެއްގައި ހިނގައިދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގައި މީހަކު މަރުގެ 700 މީހުން ހާލުގައި ޖެހުނެވެ.