ރިޕޯޓް

ވަށާލި އަލިފާންގަނޑު ތެރޭ، ގޮތް ހުސްވި ދެގަޑިއިރު!

ވަރުގަދަ އަޑެއް އިވުމާއެކު އެވަގުތު ކޮޓަރީގައި ހުރި އަސްމާ ހީކުރީ އުނދުންމަތީގައި އުދާފައިހުރި އެއްޗެއް ގޮވީ ކަމަށެވެ. ދުވެފައި އަސްމާއަށް ނުކުމެވުނީ ބޯ ކަޅު ދުންގަނޑެއްގެ ތެރެއަށެވެ. އޭނާގެ 15 އަހަރުގެ ފިރިހެން ދަރިފުޅުގެ ހަޅޭކުގެ އަޑުވެސް ދިމާވީ އެ ވަގުތާ އެވެ.

"ކޮޓަރީގައި ހުންނަ އިރު މާރަނގަޅަށް އަޑެއްނީވޭނެ، އެހެންވީމަ ފުރަތަމަ އަޑު އިވުނީމަ ހީކުރީ [ގުދަނަށް] މުދާ ލޯޑު ކުރަނީކަމަށް، އަޅާނުލާ ހުއްޓާ މާ ވަރުގަދަ އަޑެއް އިވުމުން ދުވެފައި ނުކުމެވުނީ،" ބިރުވެރި ހާދިސާގެ ފެށުން އަސްމާ ސައީދު ކިޔައިދިނެވެ.

އަބަދަށްފެހި މަގުގައި ހުންނަ ހ. ތިލަފުށީގޭގައި ހުންނަ ގުދަނުގައި ބާރުގަދަ ގޮވުމަކާއެކު އަލިފާންގަނޑު ފަޅައިގެން ދިޔުމާއެކު އެންމެ ފުރަތަމަ ހުޅު ހިފީ އެތަނުގެ ކުރިމަތިން ހުންނަ ރަދުވާނިޔާގޭގަ އެވެ. ދެމައިން ދިރިއުޅެނީ އެ ގޭގެ އެވެ. އެމްއެންޑީއެފް އިން ފަހުން ބުނި ގޮތުގައި، އެ ގޮވުމާއެކު ރަދުވާނިޔާގޭން ނުކުންނަން ހުންނަ ދޮރު ބަންދުވެގެން ދިޔަ އެވެ. އެއާއެކު އެ އިމާރާތުގައި ތިބި ޖުމްލަ ހަ މީހަކު ތާށިވި އެވެ.

"ސިޓިން ރޫމަށް ނުކުތްއިރު މުޅި ތަނުގައި އޮތީ ދުން ބޯވެފައި، އޭރު ޔައި [ދަރިފުޅު] ވެސް ހަޅޭއްލަވާ، ތަނެއް ނުފެނޭ، ދޮރުމަތިން ފެނޭ އަލިފާނުގެ އޮރެންޖް ކުލަ، ނުކުމެގެން ދާން ނޫޅުނީ އެހެންވެ،" އެ ބިރުވެރި ވަގުތު ކޮޅު އަސްމާ ސިފަކޮށްދިނެވެ.

ދެމައިންވެސް އަވަސްވެ ގަތީ ހަތަރު ވަނަ ފަންގިފިލާގައި އެޕާޓްމަންޓުން ނުކުމެވޭނެ އިތުރު ގޮތެއް ފެނޭތޯ އެވެ. ނުކުމެވޭނެ ޖާގައެއް ނެތްކަން އެނގިތިބެވެސް، ބަދިގޭގެ ފަޅިން އިންނަ ކުޑަދޮރު ކައިރިއަށް ދިޔައީވެސް ހާސްވެފައި ތިބި ވަރުންނެވެ. އެހީއަށް ގޮވަމުން ދެމައިން ހަޅޭއްލަވަމުން އެކި ކޮޅު ކޮޅަށް ދުވި އެވެ. ކޮންމެވެސް މީހަކަށް އަޑުއިވޭތޯ އެވެ. ރަށްޓެހިންނާއި އާއިލާގެ މީހުންނަށް ގުޅާ އެހީއަށް އެދެން ފެށީ، ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތްކަން އިހުސާސްކުރެވެމުންނެވެ.

"ޔައި [އަބްދުﷲ ޔައިޝް ހުސެއިން] އޭރުވެސް ޕޮލިހުންނަށް ގުޅައިގެން ހުރީ، އަހަރެންވެސް ބޮލަށް އައި ކޮންމެ މީހަކަށް ދިޔައީ ގުޅަމުން، އޭރު ގޭތެރެއަށް ދުންގަނޑު ވަދެ ނޭވާލާންވެސް އުނދަގުވޭ،" މުޅި ދިރިއުޅުން ބަދަލުވެގެންދާނެ ހިނދުކޮޅު އޭނާ ކިޔައިދިނެވެ.

ފާހާނާ ތެރެއަށް ވަންނަން ވިސްނުމަށް އައި ފިލްމަކުން ނޫނީ ފޮތަކުން އެނގުނު މައުލޫމާތަކުން ކަމަށް އަސްމާ ބުންޏެވެ. އެކި މީހުންނަށް ގުޅަމުން ދަރިފުޅު އަތުގައި ހިފައިގެން ފާހާނާ ތެރެއަށް ވަދެ އިސްކުރުން މުޅި ގަައިގައި ފެން ހާކަން ފެށީ ދޮރު ދަށުން ހޫނުކަމުގެ އަސަރުކުރަން ފެށުމުންނެވެ.

އޭރު ޔައިގެ ބައްޕައާ އަސްމާގެ ބައެއް ރައްޓެހިން އެ ސަރަހައްދުގައި ތިބި ސިފައިން ކައިރީގައި ދިޔައީ އާދޭސްކުރަމުންނެވެ. ތާށިވެފައި ތިބި އެ ދެމައިން ސަލާމާތްކޮށްދިނުމަށް އެދެމުންނެވެ. އެކަމަކު އިމާރާތް ހުންނަ ގޮތުން، އެ ދެމައިން ސީދާ ތިބި ތަނެއް ނޭނގުނެވެ.

"މި ގެއަށް ކާއެއްޗެއް އޯޑަރުކޮށްގެން ވެސް ހިފައިގެން އަންނަ މީހަކަށް ނޭނގޭނެ މިގެއަށް އަރާކަށް، ގިނަ ފަހަރު ޖެހޭނީ ތިރިއަށް ފައިބައިގެން އެ ގެންނަން، ރެންޓަށް އުޅޭތީ ވަރަށް ގާތް މީހުންނަށް ނޫނީ ނުވެސް އެނގޭނެ މި ގެއެއް،" އެހީ ނުލިބި މާޔޫސްވި ވަގުތުކޮޅު އަސްމާ ހިއްސާކުރި އެވެ.

ދެން ދެމައިންނަށް ކުރިމަތިވީ އިތުރު މާޔޫސްކަމެވެ. އެކި މީހުންނަށް މެދުކެނޑުމެއްނެތި ގުޅާތީ ޔައިގެ ފޯނު އޭރު ނިވިއްޖެ އެވެ. އަސްމާގެ ފޯނުގެ ބެޓެރި ވެސް އެންމެ ފަހު ފިތަށް ދިޔައީ އެވެ. އެއީ މުޅި ސަރަހައްދަށް އޭރު ފެތުރެމުންދިޔަ އަލިފާންގަނޑާއެކު އިމާރާތުން ކަރަންޓު ވެސް ކެނޑިގެން ދިޔަ ވަގުތެވެ.

ފެތުރިގެންދިޔަ އަނދިރިކަމާއެކު ދެމައިންގެ މާޔޫސް ހާލަތު އިތުރަށް ބިރުވެރިގެން ދިޔަ އެވެ. އަސްމާގެ ފޯނު ނިވިއްޖެނަމަ، އެހީއަށް އަންނަ ބަޔަކަށް ދެމައިން ތިބި ތަން ކިޔައިދޭނެ އެންމެ ފަހު މަގު ބަންދުވެގެންދާނެ ކަމުގެ ބިރުވެސް ހިތަށް ވެރިވެގެން ދިޔަ އެވެ.

ކަށިން ހިތްވަރު ނެރެގެން، ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ދަރިފުޅު އަތުގައި ހިފައިގެން އަސްމާ ދުއްވައިގަތީ އެޕާޓްމަންޓުން ނުކުންނާށެވެ. އެހެނަސް ދެމައިންނަށް ދެވުނީ އެޕާޓްމަންޓަށް ވަންނަން ހުންނަ ދޮރާއި ހަމައަށެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ އަލިފާނުގެ އަސަރެވެ. ކަޅު ދުމާއި، އަރާ ހޫނުގެ ސަބަބުން އެ ދެމައިންނަށް ޖެހުނީ އަނބުރާ ފާހާނާއަށް އަންނާށެވެ. އެކަމަކު މިފަހަރު އަސްމާ އެނބުރި އައީ އެޕާޓްމަންޓް ދޮރު ގައިގައި ހުރި ބާރެއްލާފައި، ކޮށްޕާ ހުޅުވައިފަ އެވެ. އެހީވާން އަންނަ ބަޔަކަށް ފަސޭހައިން ވަދެވޭނެ ކަމުގެ އުއްމީދުގަ އެވެ.

ދެވަނަ ފަހަރަށް ފާހާނާ ތެރެއަށް ދެމައިން ވަދެ ތިބިއިރު، އެ އިމާރާތުގައި ހުރި އެހެން މީހަކު އަޑުގަދަކޮށް ދުއާ ކުރާ އަޑު އިވެ އެވެ.

"ވަރަށް ހިތްދަތި ވަގުތުކޮޅެއް އެއީ، ބައިވަރު އެއްޗެހި ހިތަށް އަރި، ދަރިފުޅުގެ އަތުގައި ހިފައިގެން ހުރިއިރު ހިތަށްއެރި ފަޔާ އެގްޒިޓެއް ވެސް ނެތީމައޭ މިހެންވާން މިޖެހުނީ، މިއީ ދޯ އޭ އެކަހަލަ ކަންތައްތަކުގެ މުހިއްމުކަމަކީ،" އަސްމާ ކިޔައިދިނެވެ.

އެވަގުތު އެ ސަރަހައްދުގައި ހުރި އަސްމާގެ ރަށްޓެއްސަކު ރެސްކިއު ޓީމާއެކީ އެތަނަށް ގޮސް، އެ ގެ ހުރިތަން ދެއްކި އެވެ. އެއާއެކު ރެސްކިއު ޓީމުތަކުން ފުރާނަ އަތްމައްޗަށް ލައިގެން އެ އިމާރާތަށް އެރި އެވެ. ފާހާނާ ތެރޭގައި ތިބި ދެމައިން ސަލާމަތުން ސިޑިން ބޭލިއިރު ވެސް އަލިފާނުގެ ހޫނުގަދަކަމުން ސިޑީގެ ރެއިލިން ވެސް ހުރީ އަތްޖައްސާ ނުލެވޭވަރަށް ދޮންވެފަ އެވެ. މެދުކެނޑުމެއްނެތި ފެން ޖަހަމުން ދިޔަ ނަމަވެސް، އޭރުވެސް ފުރަތަމަ ފަންގިފިލާ ހުރީ އަނދަ އަނދަ އެވެ. އެ ދެމައިން ސަލާމަތް ކުރެވުނީ އެ ބިރުވެރިކަމުގެ ތެރޭގައި ދެ ގަޑިއިރަށްވުރެ ގިނަ އިރު ހޭދަކުރި ފަހުންނެވެ.

އެ ދެމައިންނަށް އަދިވެސް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ދެމައިންގެ ފުއްޕާމެއަށްވެސް ވަނީ ދުމުގެ އަސަރު ވަރަށް ބޮޑަށްކޮށްފަ އެވެ. އަސްމާގެ ހާލު އަދިވެސް މުޅީން ރަނގަޅެއް ނޫނެވެ. ވާހަކަ ދައްކަންވެސް އުނދަގުލެވެ. އެކަމަކު ބާއްވާފައިއޮތީ ލޯބިވާ ދަރިފުޅާ ވަކީންނެވެ. އެއް ފްލޯއެއްގައި ނަމަވެސް، ދެމައިން ތިބެންޖެހިފައިވަނީ ދެ ކޮޓަރިއެއްގަ އެވެ.

މުޅި ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ގޭގައިހުރި ތަކެއްޗަށް ލިބުނީ ކިހާ ބޮޑު ގެއްލުމެއް ކަމެއްވެސް އަދި ނޭނގެ އެވެ. އެއްވެސް އެއްޗެއް ބޭނުންކުރެވޭނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ބެލޭނެ ގޮތެއް ނެތެވެ.

"މީހުން ބުނާނެ އެއީ ހަމަ އެއްޗެއްސެއްނުންހޭ، އެކަމަކު އެއީ ދޯ މީހެއްގެ މުޅި ދިރިއުޅުމަކީ، އެމީހެއްގެ އަތުގައި ހުންނަ އެއްޗެއްސާއެކީ ދިރިއުޅުމަކަށް ވަނީ،" މުޅި މުސްތަގުބަލާމެދު ސުވާލު އުފެދޭ ހާލަތުގައި ހުރި އަސްމާ ސިފަކޮށްދިނެވެ.

ޔައިވެސް އެންމެ ލޯބިން ގެންގުޅުނު ލެޕްޓޮޕާއި ޕީއެސްފޯގެ ހާލެއް ނޭނގެ އެވެ. އެކަމަކު އެއީ އޭނާ އެންމެ ކަންބޮޑުވާކަމެއް ނޫނެވެ. ހޮސްޕިޓަލުގެ އެނދުގައި އިން އިރުވެސް ފޮތެއް ހިފައިގެން އިން ޔައި އެންމެ ހާސްވަނީ އޭނާގެ ސްކޫލް ފޮތްތަކުގެ ހާލާ މެދު އެވެ. އޭނާގެ މުޅި މުސްތަގުބަލާއި ގުޅިފައިވާ އަންނަ މަހު ފަހު ކޮޅު އޮންނަ އޯލެވެލް އިމްތިހާނަށް ތައްޔާރުވާން ކުރަމުންދާ ބުރަ މަސައްކަތް ގުޅިފައިހުރި އަގުވެސް ނުކުރެވޭނެ ފޮތްތަކެވެ.

މިހާރުވެސް ފޮތުގެ ތެރެއަށް ވަދެފައި އިން ވަރުން ޔައި މާގިނަ ވާހަކައެއް ނުދެއްކި އެވެ. ކުރި ގިނަ ސުވާލުތަކުގެ ތެރެއިން ރަނގަޅަށް ޖަވާބު ދިނީ އެންމެ ސުވާލަކަށެވެ. އިމްތިހާނުގައި ބައިވެރިވާނަމޭ ބުންޏެވެ. އެ ބިރުވެރި ހާދިސާއަށްފަހު މުޅި ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވިޔަސް، ޔައިގެ މުސްތަގުބަލަށް އޭގެ އަސަރުކުރިޔަ ނުދޭ އަޒުމެއްގަ އެވެ.

ހަގީގަތުގައި ވެސް އެ ދެމައިން ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ނަމަވެސް، އެ ނަސީބު ނުލިބުނު މީހަކު ހުރީ އެ ދެމައިން ތިބި އެޕާޓްމަންޓުގެ ސީދާ ތިރީގައި އެވެ. އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ތާށިވި އައިޝަތު ޝައުނާ ވަނީ އެ ހާދިސާގައި މަރުވެފަ އެވެ. އަލިފާންގަނޑާ ހެދި އޭނާއަށް ވެސް އެޕާޓްމަންޓުން ނުކުމެވޭ ގޮތް ނުވީ އެވެ. އެދެމައިންގެ ހަޅޭކުގެ އަޑު ޝައުނާއަށް އިވުން ގާތެވެ. އަސްމާ އަދި ޔައި އަށް ފާހާނާ ތެރެއިން އިވުނީ ޝައުނާ ކުރި ފަހު ދުއާކަމަށްވުން ގާތެވެ.