ރިޕޯޓް

ފަސް ގަޑިއިރު: ހާސްކަމާއި ބިރުވެރި އަދި ހިތްދަތި!

އަހަރެންގެ ކޮނޑުގައި އަތް އަޅާ މީހަކު ރޮއެގަތެވެ. މެދު އުމުރުގެ ފިރިހެނެކެވެ. އެއީ ކާކު ކަމެއް އަހަރެންނަކަށް ނޭނގެ އެވެ. އޭނާއަށް ވެސް އަހަރެންނެއް ނޭނގެ އެވެ. އޭނާ ރޮއެގަތީ، "ދެމައިން ތާށިވެފައި އެބަތިބި" ކަމަށް ބުނަމުންނެވެ. "ފާހާނާގައި ތާށިވެފައި ތިބީ، ނުވެސް ގުޅޭ މިހާރު،" އޭނާ ބުނެވުނީ އެވަރަށެވެ.

އެއީ ބިރު ވަގުތެކެވެ. ކުރިމަތިން ފެންނަން ހުރީ ގަދަ ބޯ އަލިފާންގަނޑެކެވެ. ވަށައިގެން ވަނީ މީހުންގެ ރުއިމުގެ އަޑެވެ. އިމާރާތްތަކުގެ ތެރެއިން އެއްޗެއްހި ގޮވަމުންދާ އަޑުފައްގަނޑު އިވެ އެވެ.

ވަށައިގެން ޓިނު ޖަހާ ބަންދުކޮށްފައި ހުރި ކެމިކަލް ގުދަނެއް ތެރެއިން ކުއްލިއަކަށް ބާރު އަޑެއް ގޮވައި ބޮޑު އަލިފަންގަނޑެއް ފަޅައިގެން ދިޔައީ އެވެ. ރޭގަނޑު މުޅިތަން ދިއްލާލި ހެން ކުޑަ ހިނދުކޮޅެއްގައި ޓިނު ގުދަން ފަޅާފައި ނިކުތް މާސިންގާ އަލިފާނގަނޑުން ކުރިމަތީ ހުރި ގެތަކަށް ފެތުރިގަތެވެ.

ރޭ 7:00 ޖަހާ ކަންހާއިރު ގަލޮޅު "އަބަދަށް ފެހި" މަގުގައި ރޯވި ބޮޑު އަލިފާންގަނޑު، އޭގެ ދެ ބްލޮކެއްހާ ދުރުން ފެންނަން ހުއްޓެވެ. އަދި އެ ވަގުތު އަލިފާނާއި ކެމިކަލްތަކުގެ ވަސް މުޅި ސަރަހައްދަށް އޮތީ ފެތުރިފަ އެވެ. މާ ދުރުގައި ހުރި އެ ދިމާލަށް ބަލާއިރު 10 ބުރީ އިމާރާތްތަކުގެ މަތިން އަލިފާނުގެ ހުޅުގަނޑު ކަނިތައް ބުރަބުރާ ހުއްޓެވެ. އަދި ކައިރިވީ ވަރަކަށް ހަވާ ފަޓާސް ބަރިއެއްހެން އަލިފާންގަނޑުގެ ތެރެއިން އެއްޗެހި ގޮވާ އަޑު ދިޔައީ ގަދަވަމުންނެވެ.

ހާދިސާ ހިނގިތާ މާ ގިނަ އިރެއް ނުވެ ސަލާމަތީ ބާރުތަކުން އެލާޓަށް އައިސް އަލިފާން ނިއްވުމަށާއި މީހުން އިމާރާތްތަކުން ބާލުވައި އެ ސަރަހައްދު ހަމަޔަކަށް އެޅުމުގެ މަސައްކަތް ފެށި އެވެ. ހާދިސާ ހިނގި ސަރަހައްދުގައި ހުރި ހުރިހާ މަގުތަކެއް ބަންދުކޮށް، މަޖީދީ މަގާއި ސޯސަން މަގު އޭޑީކޭ ހަމަޔަށް މީހުން ދުރަށް ޖައްސާ މަގު އެއްކޮށް ހުސް ކުރި އެވެ. އަދި ދުންބޯވެ، ކެމިކަލްގެ ވަހާހެދި އާންމުންނަށާއި މީޑިއާތަކަށް މާސްކު ދިނެވެ.

ފުލުހުންނާއި ސިފައިންގެ އަތް ދަށުން ދެމިގަނެގެން ގޮސް އަލިފާނުގެ ހާދިސާ ހިނގި މަގަށް ވަަދެގަތީމެވެ. އެކަމަކު އެތަނާ މާ ކައިރިއެއް ނުވެވެ އެވެ. ގުދަނާއި އެތާ ކުރިމަތީ ބްލޮކުގައި ހުރި ގެތަކުގައި ވަރަށް ބޮޑަށް ރޯވެ އަނދާ ހުލި ވަނީ އެވެ. އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކާއި ކެމިކަލް ގުދަން ކުރިމަތީ އޮތް ލޮރީއެއް ވެސް އޮތީ ހުލިވެފަ އެވެ.

ކުރިމަތިން ފެންނަން އޮތީ ރޯވެ އިމާރާތްތައް ވީރާނާވެ ބައިބައި ބިންމައްޗަށް ވެއްޓެމުން ދިޔަ ތަނެވެ. ހުޅުގަނޑު ކުޑަވާ ހެނެއް ހީނުވެ އެވެ. އެ ސަރަހައްދުގައި ހުއްޓިލައިގެން ހުރި އިރު ހޫނުކަން އިހުސާސް ކުރެވެ އެވެ. ސިފައިން ފެން ޖަހަމުންދިޔަ އިރު މަގުމަތީ ހެދިފައި އޮތް ފެންގަނޑު ވެސް ހޫނެވެ. އެއީ ބިރުވެރި ވަގުތުކޮޅެކެވެ.

އެ ވަގުތު ވެސް ސިފައިން ދިޔައީ އިމާރާތްތަކުގެ ކުޑަދޮރުތަކަށް އަލިއަޅުވައި އިމާރާތުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފްލޯގައި ވަރަށް ބޮޑަށް ރޯވެ އަނދަމުން ދިޔަ އެވެ. ހީވީ ދެންމެ ދެންމެ އިމާރާތް ބޮލަށް ވެއްޓިދާނެ ހެނެވެ. އެހެންވެ ފުލުހުންނާއި ސިފައިން އަވަސްވެ ގަތީ އާންމުންނާއި މީޑިއާތައް ފަހަތަށް ޖެއްސުމަށެވެ.

އެވަގުތު ސިފައިންގެ ބޮޑު ވެހިކަލް އެތެރެއަށް ޖައްސާ މީހުން ސަލާމަތް ކުރުމަށް އިތުރު ޓީމްތަކެއް ވަދެގަތެވެ. އެެންމެން އިންތިޒާރުގައި ތިބީ ފާހަނާގައި ތާށިވި ދެމައިން ނެރޭނެ ވަގުތަކަށެވެ. އޭރު ވެސް އަލިފާންގަނޑު މައިތިރިއެއް ނުވެ އެވެ. އިމާރާތްތަކުގެ ތެރެއިން އަޑުފައްގަނޑު ކިޔާފައި އަލިފާންގަނޑު ފެތުރެމުން ދިޔަ އެވެ.

ސަލާމަތީ ބާރުތަކުން ހުއްޓާ ނުލައި މަސައްކަތް ކުރަމުން ގޮސް މިރޭ 10:00 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްވާން ފެށި އެވެ. އޭރު ވެސް ހުއްޓުމެއް ނެތި ފުލުހުންނާއި ސިފައިން ދިޔައީ ފެން ޖަހަމުންނެވެ. އެހެން ނަމަވެސް އަލިފާންގަނޑުގެ ބޮޑު ބައެއް ނިވުނެވެ.

އެ ހަނގުރާމަ ކާމިޔާބުވި ކަމަށް ހީކޮށްގެން ތިއްބާ ދެން މުޅި ސަރަހައްދަށް ސިހުމެއް އައީ އިމާރާތެއްގެ ތެރޭގައި އަންހެނަކު ތާށިވެފައިވާ ކަަމުގެ ހަބަރެވެ. އޭނާއަށް ނިކުމެވެން ނެތް ކަމަށް ގުޅާފައި ބުންޏެވެ. އެއަށް ފަހު ހަބަރެއް ނުވެ އެވެ. ސިފައިންގެ ޓީމުތަކުން އިމާރާތްތަކުގެ ތެރެއަށް ވަންނަން ފެށި އެވެ. ނަމަވެސް އޭނާ ފެނުނު އިރު އޮތީ މާ ލަސްވެފަ އެވެ. ހާދިސާގައި އެ އަންހެން މީހާ މަރުވި އެވެ.

އަނދާ ހުލިވެފައިވާ އިމާރާތުގެ ތެރެއިން ނެރެން ޖެހުނީ އައިޝަތު ޝައުނާގެ ފުރާނަ ނެތް ހަށިގަނޑެވެ. މީހާގެ ސިފަ ވަކި ނުވާ މިންވަރަށް އޮތީ އަނދާފަ އެވެ. އެއީ ހިތްދަތި މަންޒަރެކެވެ. އަސަރުތަކެއް ކުރި އެވެ.

އެ ވަގުތު މުޅި މާލެއަށް ބޯކޮށް ވާރޭ ވެސް އޮއްސާލި އެވެ. ސިފައިންނާއި ފުލުހުން އަދި އާންމުން ވެސް ބޯ ވާރޭގައި ހުއްޓުމެއް ނެތި މަސައްކަތް ކުރިޔަށް ގެންދިޔަ އެވެ. އަލިފާން ރޯވެ، އަބަދަށް ފެހި މަގު އޮތީ އަނދާ އަޅިއަށް ވެފަ އެވެ.