ރިޕޯޓް

އަތުގުޅާލައި ދިވެހިން، ހިތް ފުރާލަދީފި!

މާ ދުރުންވެސް މީހުން ކޮތަޅު ކޮތަޅުގައި އެއްޗެހި ހިފައިގެން ކަލާފާނު ސްކޫލަށް މިސްރާބު ޖަހާފައިވާ މަންޒަރު ފެނެ އެވެ. ތުނި ތުނިކޮށް ވާރޭ ވެހި ސްކޫލު ކައިރީ ޓްރެފިކް ޖެހިފައި އޮތަސް އެއިން އެއްވެސް ކަމަކަށް މިރޭ ފަރުވާލެއް ނެތެވެ. ސްކޫލާ ދިމާލަށް ދަ ކޮންމެ މީހެއް އަތުގައި ފޮށިގަނޑެއް ނޫނީ ކޮތަޅެކެވެ. ސްކޫލުގެ އެއް ގޭޓުން ބޭރުގައި އަމީރް އަހްމަދު ސްކޫލާ ހިސާބަށް ބޮޑު ކިޔޫ ހަދާފައި އޮތީ މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވެގެން ނޫނީ ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އަމިއްލަ އަށް ފެނިގެން އައިސް ތިބި މީހުންނެވެ.

އެކި އުމުރު ފުރައިގެ ދިވެހިން ތިބި އެ ކިޔޫގައި ހުރި ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އެހީތެރިކަމުގެ އަތެއް ދިއްކުރަން ކެތްމަދުވެފައި ހުރި މަންޒަރެކެވެ. އެއްބަޔަކު އަންނައުނު ކޮތަޅު ދިނުމަށްފަހު އެނބުރި ދިޔަ އިރު ޒުވާނުންނާއި މެދު އުމުރު ފުރައިގެ ގިނަ މީހުން ވަންނަނީ އެތެރެ އަށެވެ.

މިރޭ މަށަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލާށެވެ. މިއަދު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހަތް ގެއަކަށް ގެއްލުންވި އިރު އެ ސަރަހައްދުގައި ތިބި އެންމެންގެ ވަގުތީ ހިޔާ އަކަށް ވީ ކަލާފާނު ސްކޫލެވެ. ސްކޫލުގެ ބޮޑު ހޯލުގައި ހާލުގައި ޖެހުނު އެންމެންހެން ގެނެސް ވައްދާފައި ތިއްބެވެ. މާޔޫސްވެ ގޮތްހުސްވެފައިތިބި ބިދޭސީންނާއި ދިވެހިންގެ އާއިލާ ތަކެވެ. ވަށައިގެން ފުލުހުންނާއި އެމްއެންޑިއެފް މީހުން މަސައްކަތް ކުރަމުން ދިޔަ އިރު މުޅި ސްކޫލު ތެރެ ފުރާލާފައި އޮތީ އިންސާނިއްޔަތަށް މަސައްކަތް ކުރާ ރެޑް ކްރޮސް މީހުންނާއި އަމިއްލަ ފަރާތްތަކުންނެވެ. ސްކޫލަށް ވައްދާ ބަރު ފެންކޭސް ތަކާއި ކޮތަޅު ކޮތަޅުގައި ވެއްދި އަންނައުނުގައި ހުރި އެއްޗެހި އަތުރާ ރީތި ކުރުމުގައި އެމީހުން އަވަދިނެތި އުޅުނީ އެއްވެސް ވަރުބަލިކަމެއް ނެތި އެވެ. އަދި އެ އެއްޗެހި ގެންގޮސް ބޭނުންވެފައި ތިބި މީހުންނަށް ފޯރުކޮށްދިނުމުގައިވެސް ހަރަކާތްތެރި ވީ ވަކި މީހަކަށް ބެލުމެއް ނެތި އެކުއެކީގައެވެ.

ރެޑްކްރޮސްގެ ރަަތް ޖެކެޓުގައި ތިބި މީހުންނާއެކު އަތުގައި "ވޮލަންޓިއާ" ޓޭޕު އަޅައިގެން ތިބި މީހުން އަދި ސްކައުޓު ގްރޫޕްތައް ތިބި މީހުން އެއްކޮށް 200 އަށް ވުރެ ގިނަ މީހުން މިއަދު އެ ސްކޫލުގައި މަސައްކަތް ކުރަން ތިއްބެވެ. ގަޑި އިރަކުން ބްރީފް ކުރަމުން ދިޔަ އިރު ހަރަކާތްތައް އަވަސް ވެފައި ވަރުބަލިކަމެއް ނެތި އެންމެންވެސް މިކަމަށް އައިސް ތިބީ ހެޔޮހިތުން ކަން ހާމަ ވެ އެވެ. މި މަސައްކަތުގައި އުޅުނު މީހުން ވަރުބަލިވެ ކާން ބޭނުންވާ ނަމަ ކެއުމަށާއި ބަނޑުހައިވެގެން ތިބި މަސައްކަތް ނުކުރުމަށް ލީޑް ކުރި މީހުން ބުނަމުން ދިޔަޔަސް އެ ވޮލަންޓިއަރުން ތިބީ ގޮތް ދޫ ކުރާ ގޮތަކަށް ނޫނެވެ. މިއަދު މިއީ އެމީހުންގެ އެހީ ބޭނުން ޖެހިފައި ތިބި މީހުންނަށް ދޭން ޖެހޭ ދުވަހެއް ކަމާއި އިތުރު ކަމަކާ ވިސްނާނީ އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް ބޭނުންވާ އެހީ ދިނުމަށް ފަހު ކަމަށް ބުނަމުން ދިޔަ އެވެ.

މި މަސައްކަތުގައި މިރޭ 10 އަކުން ފަށައިގެން މަސައްކަތް ކުރަން ހުރި ޒުވާން ފިރިހެނެއް ބުނި ގޮތުގައި، ވޮލަންޓިއާ މަސައްކަތް ކުރާ މީހުން ތިބޭ ގްރޫޕުގައި ޖެހުމުން ކުރަން ހުރި މަސައްކަތްތައްވެސް ދޫކޮށް ވަގުތުން ކަލާފާނު ސްކޫލަށް އައީ އެވެ. އަދި އައި ވަގުތު އާއިލާގެ މީހުން ކައިރީ އަހައިގެން ދެވެން އޮތް އަންނައުނެއް ހިފައިގެން ކޮތަޅަކަށް އަޅައިގެން ގެނައީ ކަމަށް ބުންޏެވެ.

"ގްރޫޕްގައި އެންމެ ފުރަތަމަ ޖެހީ އަސްލު. އެއީ ހަމަ ވޮލަންޓިއާސް ތިބޭ ގްރޫޕެއް. ދެން ހަމަ އަންހެނުން ކައިރީ ބުނީ ނެތްހޭ އެއްޗެއް. ހެދުމެއް ވިޔަސް ފައިވާނެއް ވިޔަސް މިވަގުތު ދެވެން އޮތް އެއްޗެއް ދޭން ބޭނުންވި. އަހަންނާއި އަންހެނުން ކޮތަޅެއް ހަދައި ކަޒިންސް ކައިރީ ވެސް އަހައިގެން ވީހާވެސް ގިނަ އެއްޗެހި ނަގައިގެން ޕެކް ކޮށްގެން ގެނައީ. ގެނެސްފަ މިތަނަށް ހަވާލުކޮށްފަ މިހާރު މަސައްކަތް ކުރަނީ މި. ދެވެން އޮތް ހެލްޕެއް ދޭނަން" ވޮލަންޓިއާ މަސައްކަތް ކުރަން ހުރި ފިރިހެނެއް ކިޔައިދިނެވެ.

ޒުވާނުންގެ އިތުރުން ސްކޫލް ސަރަހައްދުގައި މެދު އުމުރު ފުރައިގެ އެތައް ބަޔަކުވެސް މަސައްކަތް ކުރާތަން ފެނެ އެވެ. ކޮތަޅާއި ފޮށިތަކުގައި ގެންނަ ހެދުންތައް އަންހެން ފިރިހެން ވަކިކޮށް އެ އެއްޗެހި އަތުރާ ބޭނުންވާ ފަރާތްތައް ދިނުމުގައި ގްރޫޕްތަކަށް ބަހާލައިގެން ހަރަކާތްތެރިވީ ފުރިހަމަ އިންތިޒާމާއެކު އެވެ.

ވޮލަންޓިއަރުންގެ ބޮޑު ގްރޫޕް ލީޑް ކުރަން ހުރި ދެތިން މީހަކު ބުނި ގޮތުގައި ކުއްލިއަކަށް މިކަހަލަ ކަމެއް ވެދާނެ ކަމުގެ އެލާޓްގައި އަބަދުވެސް ތިބޭ ކަމަށެވެ. އަދި އެހާ ގިނަ މީހުން އެއްފަހަރާ އައިސް މަސައްކަތް ކުރަން ބުނުމުން ބުނެދޭންވެސް ނޭނގޭ ވަރުގެ އުފާވެރިކަމާއި ހިތްހަމަޖެހުމެއް ލިބޭ ކަމަށާއި ކިތަންމެ ކުޑަ ނަމަވެސް ހުރިހާ އެންމެންގެ މަސައްކަތް ބަލައިގަންނަ ކަމަށް ބުންޏެވެ.

މިއަދުގެ ހާދިސާގައި ހާލުގައި ޖެހިގެން 100 އަށްވުރެ ގިނަ މީހުން ކަލާފާނު ސްކޫލަށް ވައްދާފައި ތިބި އިރު އެމީހުންނާ އެންމެ ގާތުން ހަރަކާތްތެރިވީ ދިވެހިންނެވެ. ބޭނުން ޖެހުނު ވަގުތު އަތުގައި ހިފައިގެން އޯގާތެރިކަމާއެކު ވަކި އުމުރެއް ނުބަލަ އެމީހުންގެ ހާލަތު ދެނެގަތެވެ.

އެހީއަށް ގޮވާލިތާ މަދު އިރުކޮޅެއްގެ ތެރޭގައި ދިވެހިންގެ ދީލަތިކަން ކަލާފާނު ސްކޫލަށް ބަންޑުންވި އެވެ. ދެން ހެވޭ، މިހާރު މާ ގިނަވެއްޖެއޭ ބުނަންޖެހޭ މިންވަރަށެވެ. ގައިމުވެސް އެތަނުގައި މިރޭ އުޅުނީ ސެލްފީ ނަގާކަށް ނޫނެވެ. ކޮފީ ނުބޮވިގެން އުޅުނު މީހަކު ވެސް ނުދެކެމެވެ. ކަލާފާނު ސްކޫލުން މިރޭ ފެނުނީ ދީލަތިކަމާއި، އެހީތެރިކަމާއި، އޯގާތެރިކަމާއި އެއްބައިވަންތަކަމުގެ ދިވެހިވަންތަ ހަގީގީ ރަމްޒެކެވެ.