ހަބަރު

އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތްކުރި ސިފައިންނަށް މެޑަލް

މިދިޔަ ސެޕްޓަމްބަރު މަހު މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ ނުވަ މީހަކަށް ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑަލް ދީފި އެވެ.

ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑަލް މި ނުވަ ސިފައިންނަށް އަރުވާފައިވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖޭގެ 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ހ. ތިލަފުށީ ގޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި މި ނުވަ ސިފައިންވަނީ، އަލިފާނުގެ އަސަރުކުރި ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އަމިއްލަ ނަފްސަށް ބެލުމެއްނެތި ކޮށްފަ އެވެ. ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑަލް ދެނީ، ތިމާގެ އަމިއްލަ ނަފްސަށް ބެލުމެއްނެތި އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި މިންވަރު ދެނެގަތުމަށްފަހުގަ އެވެ.

ފުރާނަ ސަލާމަތް ކުރުމުގެ ރިހިމެޑަލް ލިބުނު ސިފައިންގެ މީހުންނަކީ:

  • ސާޖަންޓް އަލީ ރިޒްވީ
  • ސާޖަންޓް މަހްފޫޒް އަބްދުއްރަޝީދު
  • ސާޖަންޓް އަހްމަދު ސައީދު
  • ސާޖަންޓް ހުސައިން އަންވަރު
  • ސާޖަންޓް އާދަމް ފަޒީލް
  • ކޯޕްރަލް ޝަހުދާން ނަސީމް
  • ކޯޕްރަލް އަހްމަދު އަނަސް ޒަކީ
  • ކޯޕްރަލް އަހްމަދު ހިޝާމް
  • ޕްރައިވެޓް އިސްމާއިލް ރިހްޝާން

މީގެ އިތުރުން ހިތްވަރުގަދަ ކަމުގެ ކުލަ ސިފައިންގެ 11 މީހަކަށް ވަނީ ދީފަ އެވެ. ހިތްވަރުގަދަ ކަމުގެ ކުލައަކީ ހަނގުރާމައިގެ ހާލަތްތަކުގައި މެޑަލް ލިބޭ ދަރަޖައަށް ނުފެތޭ ނަމަވެސް ހިތްވަރުގަދަ އަމަލެއް ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ދެވޭ އެއްޗެކެވެ.

ހިތްވަރުގަދަ ކަމުގެ ކުލަ ލިބުނު ސިފައިންގެ 11 މީހުންނަކީ:

  • ސްޓާފް ސާޖަންޓް މުހައްމަދު ވާސިފް
  • ސާޖަންޓް ހަސަން ތައުފީގް
  • ސާޖަންޓް ޝައުކަތު އަމީން
  • ކޯޕްރަލް އަހްމަދު ރަޝީދު
  • ކޯޕްރަލް އަބްދުﷲ ރަޝީދު
  • ކޯޕްރަލް އަބްދުއްރަޝީދު މުހައްމަދު
  • ކޯޕްރަލް އިބްރާހިމް ނާޒިފް
  • ލާންސް ކޯޕްރަލް އަދުނާން އަބްދުއްރަހީމް
  • ލާންސް ކޯޕްރަލް ނަސްރުﷲ އަލީ
  • ޕްރައިވެޓް އިބްރާހިމް އިމްތިޔާޒް
  • ޕްރައިވެޓް އިސްމާއިލް ރިހުޝާން

ސެޕްޓެމްބަރު މަހު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ސިފައިންގެ މީހުން ވަނީ އާދަޔާ ހިލާފް ހިތްވަރެއް ދައްކައި ގިނަ މީހުންގެ ފުރާނަ ސަލާމަތް ކޮށްފަ އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަލިފާން ހިނގި ރޭ ސިފައިން އެ ހިތްވަރު ނުދެއްކި ނަމަ ކިތަންމެ ބައެއްގެ ފުރާނަ ގެއްލުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެރޭ މި ސިފައިން ދެއްކީ އާދަޔާ ހިލާފް ހިތްވަރެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަލިފާނުގެ ނުރައްކާތެރި މި ހާދިސާގައި އެކަކު މަރުވެ 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އަދި 14 ގެއަކާއި ހަ ގުދަނެއް ވަނީ އަނދާފަ އެވެ.