ނޮވެމްބަރު ތިނެއް

ލިބުނީ ޝަރުތެއްނެތި އުފަން ފަސްގަނޑުދެކެ ލޯބިވުމުގެ ފިލާވަޅު

ނަސްރުގެ ދުވަހުން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއް ނެތި، ލޯބިވުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނެރޭ "އައްޑަނަ" މަޖައްލާގެ 28 ވަނަ އަދަދުގައި ހިމެނުމަށް ފޮނުއްވި ހިތާބުގަ އެވެ.

ރައީސްގެ އެ ހިތާބުގައި، މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި އުދުވާން ސިފަ ކުރައްވާފައި ވަނީ، ދިވެހި ތާރީހު ދުށް ވަރަށް އަނިޔާވެރި އަމަލުތަކެއްގެ ގޮތުގަ އެވެ. އަދި އެއީ ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މި ބިމަށް އޮހޮރުވައިލި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ އަމަލުތަކެއްގެ ގޮތުގައި ވެސް ރައީސް ސޯލިހް ސިފަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެ ދުވަހުގެ ހަނދާންތައް އާކުރަނީ، އެ ދުވަހާ ގުޅިފައިވާ ބަތަލުންގެ މަތިވެރި ގައުމީ ޖިހާދުން ހިތްވަރު ލިބިގަނެ އެ ހާދިސާއިން އިބުރަތް ހާސިލް ކުރަމުން ކަމުގަ އެވެ. އަދި، އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވެ ވަޑައިގެންނެވި ސިފައިންގެ ބޭކަލުންނާއި އާންމު ރައްޔިތުންގެ ގުރުބާނީއިން ދޭހަ ވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި ގައުމާ މެދު އޮންނަ ހާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ދިވެހި ގައުމުގެ ދިފާއީ އައްޑަނަ ކަމުގައިވާ ގައުމީ ދިފާއީ ބާރަކީ، އޭރު ވެސް އަދި މިހާރު ވެސް، ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ގައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށެވެ. އަދި، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ގައުމު ހިމާޔަތްކުރުމުގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކު ވެސް ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެ ކަމަށާއި، އެ ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން އިސްކުރި އެކުވެރިކަމާއި އެއްބައިވަންތަ ކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޮވެންބަރު ތިނެއްގެ އުދުވާނު ނާކާމިޔާބު ކޮށްލުމުގައި ރައްޔިތުންގެ ފަރާތުން ދިވެހި ދައުލަތަށް ލިބިގެން ދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެ ދުވަހުގެ އެ އުދުވާނާ ދެކޮޅަށް ހަރަކާތްތެރިވި އެންމެހައި އާންމު ރައްޔިތުންނާއި، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް އަވައްޓެރި އިންޑިޔާ ސަރުކާރުން އަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވާފަ އެވެ.