ހަތެއް

އިންޑިއާގެ އާމީ ޗީފާ ރައީސް ބައްދަލު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު، އިހްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ވަނީ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްއާ އެމަނިކުފާނުގެ ވަފުދުން ރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ އުފާ ކުރައްވާ ކަމަށް ވިދާޅުވެ ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުން އެންމެ އިސްކަން ދޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތައް، ހާއްސަކޮށް ދިފާއީ ކަންކަމާއި ސަލާމަތީ ކަންކަމުގައި އިންޑިއާއިން ވެދޭ އެހީތެރިކަން ރައީސް ވަނީ އެ ބައްދަލުވުމުގައި ފާހަގަކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ރާއްޖޭން ހޫނު މަރުހަބާއެއް ދަންނަވައި ބެހެއްޓެވި ގާތް ކަމާއި އަދާކުރެއްވި މެހުމާންދާރީއަށް ދިވެހި ސަރުކާރަށާއި ރައީސަށް ޝުކުރު އަދާ ކުރެއްވި އެވެ.