ރައީސް އޮފީސް

ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރަން ނިންމައިފި

ކުރީގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންވެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ -- މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14" ގެ އެޖެންޑާގައި ހަތަރު ހަފުތާ ތެރޭގައި ކުރަން ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށުން ހިމެނޭކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.

އެ ގޮތުން އިންޑިއާއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރުމަށް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރުމަށް ނިންމާ އެކަން އިންޑިއާއާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން މުއާމަލާތު ކުރެވިފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އެއްބަސްވުން އާ ނުކުރުމުން ޖޫން ހަތެއް، 2024 ގައި އެއްބަސްވުން ނިމުމަކަށް އަންނާނެ ކަމަށެވެ.

"މި އެއްބަސްވުމުގައިވާ ގޮތުން މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ހަ މަސް ދުވަސް ކުރިން އެއްބަސްވުން ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށްވާނަމަ މި އެއްބަސްވުމުގައި ހިމެނޭ އަނެއް ފަރާތަށް އެކަން އަންގަންޖެހޭ. އެހެން ނޫންނަމަ އެއްބަސްވުމުގެ މުއްދަތު އޮޓޯއިން ފަސް އަހަރު ދުވަހުގެ މުއްދަތަށް އިތުރުވެގެންދާ ގޮތަށް އެއްބަސްވުމުގެ މާއްދާތައް ހިމެނިފައިވަނީ،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ މި ނިންމެވުން ނިންމެވީ ރައީސް ޑރ. މުއިއްޒު ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

އެ އެއްބަސްވުން ނިމުމަކަށް ގެނެސް އެމްއެންޑީއެފްގައި ހައިޑްރޯގްރަފީގެ ގާބިލުކަން ގާއިމުކުރުމަށް ބަޖެޓުގެ ތެރެއިން ހާއްސަ މިންވަރެއް ކަނޑައަޅާ ފިނޭންސް މިނިސްޓްރީން އެ ބަޖެޓު ހަމަޖެއްސުމުން އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ހައިޑްރޯގްރަފީ އެއްބަސްވުން އުވާލުމާމެދު ބާކީ އޮތް މުއްދަތުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކާ މެދު އަމަލުކުރާނެ ގޮތެއް ކަމާގުޅުންހުރި އިދާރާތަކުން މަޝްވަރާ ކުރަމުންދާ ކަމަށާއި ތަފުސީލު ހާމަކުރައްވާނެ ކަމަށެވެ.

އެއްބަސްވުން އުވާލުމަށް އިންޑިއާ ސަރުކާރަަށް ބަދަލު ދޭން ނުޖެހޭ ކަމަށާއި އެމްއެންޑީއެފްގައި ހައިޑްރޯގްރަފީގެ ގާބިލުކަން ގާއިމުކުރަން ކައިރި މުސްތަގުބަލެއްގައި ގާއިމު ކުރެވޭނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.