ހަބަރު

ރައީސް މުއިއްޒު ބޮލީވުޑްގެ ތަރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުމްބާއީއަށް ވަޑައިގެން ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިންނާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މުމްބާއީގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުންނަވާ ތާޖް މަހަލް ޕެލަސް ގައެވެ.

ރާއްޖެ ގަޑިން މިއަދު ހަވީރު 5:00 ޖަހާއެހާއިރު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ބައިވެރި ތަރިންގެ ތެރޭގައި ކަރިޝްމާ ކަޕޫރާއި، ޝިލްޕާ ޝެޓީ އާއި، ސޮނާކްޝީ ސިންހާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ޒަހީރް އިގްބާލް އާއި، އަރްބާޒް ހާން އާއި އޭނާގެ އަންހެނުން އަދި މޭކަޕް އާޓިސްޓް ޝުރާ ހާންގެ އިތުރުން ސަނީ ކައުޝަލް ހިމެނެ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބޮލީވުޑްގެ ތަރިން ރާއްޖެއަށް ޒިޔާރަތްކޮށް އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

މީގެއިތުރުން ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް ބޮލީވުޑްގެ ފިލްމުތައް ރާއްޖޭގައި ޝޫޓް ކުރުމަށްވެސް ރައީސް ވަނީ ދައުވަތު ދެއްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވި ބޮލީވުޑްގެ ތަރިން ވަނީ ރާއްޖޭގެ ރީތި ކަމާއި މެހްމާންދާރީއަށް ޝުކުރު އަދާކޮށްފަ އެވެ.