ދިވެހި އިންޑިއާގެ ގުޅުން

ސިފައިން އަވަހަށް ބޭލުމަށް އިންޑިއާ އިން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން "ފާސްޓް ޓްރެކް"ގައި ކުރިއަށް ގެންދިއުމަށް އިންޑިއާ އިން އެއްބަސްވެއްޖެ އެވެ.

އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީގެ މިއަދު ބައްދަލުވުމަށްފަހު އިންޑިއާގެ ނިންމުން ހާމަކުރީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުންތައް މުރާޖައާކުރުމާ ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި ތަރައްގީއާ ގުޅޭ ކަންކަމުގައި އާއި ދެ ފަރާތުގެ މސްލަހަތާއި ޝައުގުވެރިކަން ހުރި ކަންކަމުގައިވެސް އިތުރަށް މަޝްވަރާކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ދެ ގައުމުގެ އިސްވެރިން ހިމެނޭ ކޮމިޓީގެ އިތުރު ބައްދަލުވުމެއް ދެ ގައުމަށްވެސް އެންމެ ފަސޭހަ ވަގުތެއްގައި ބޭއްވުމަށް ނިންމާފައިވާ ކަަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން "ފާސްޓް ޓްރެކް"ގައި ބޭލުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފައި މިވަނީ އިންޑިއާ ސިފައިން ބޭލުމަށް މިއަހަރުގެ މާޗް 15 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ސަރުކާރުން މުހުލަތު ދިނުމަށްފަހު އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދެވެ.