ދިވެހި އިންޑިއާގެ ގުޅުން

މާޗް 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން އަންގައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ކުރިއަށް އޮތް މާޗް 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން އަންގައިފި އެވެ.

ދިވެހި ސަރުކާރުން މިގޮތަށް އެންގީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި މިބައްދަލުވުމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ބޭއްވި 12 ވަނަ ބައްދަލުވުމެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވަކި މުހުލަތެއް ދިވެހި ސަރުކާރުން މިއަދު ދިން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު -- ނޮވެމްބަރު 17، 2023 ގައި ރަސްމީކޮށް ވަނީ އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމަށް އަންގާފަ އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެ ގައުމުން އެއްބަސްވާ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެކަން ކުރާނެ ތާރީހެއް އިންޑިއާ އިން ދީފައެއް ނުވެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އަދި ރާއްޖޭގެ ބައެއް ކަންކަން ވަކިން ހާއްސަކޮށް އަސާސީ ކާބޯތަކެއްޗާއި ސިއްހީ ކަންކަން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައިވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ބައެއް އަސާސީ މުދާ ތުރުކީ އިން ރާއްޖެއަށް އެތެރެކުރުމަށްޓަކައި ތުރުކީ ސަރުކާރާ އެކު ދިވެހި ސަރުކާރުން މިހާރު ވަނީ އެއް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ރައީސް މުއިއްޒު ވަނީ އާސަންދަ އިން ބޭސް ފަރުވާ ކުރުމުގެ ހިދުމަތް ތައިލެންޑް އަދި ޔޫއޭއީ އަށް ފުޅާކުރަން ނިންމާފަ އެވެ.