ދިވެހިރާއްޖޭގެ ތަރައްޤީއާ ކުރިއެރުމުގައި އަދި ދިވެހިރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާއިން ދޭ ސަމާލުކަމާ އަހައްމިއްޔަތު ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މުއިއްޒު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އާއި އިންޑިއާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެ ގޮތުން އިންޑިއާއިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދައުވަތަށް އެ ގައުމަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާއިން އަދާކުރެއްވި މެހެމާންދާރީއާ ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާއްޖޭގެ ތަރައްގީއާ ކުރިއެރުމުގައި އަދި ދިވެހިރައްޔިތުން އެހީތެރިކަމަކަށް ބޭނުންވާ ކޮންމެ ވަގުތެއްގައި އިންޑިއާއިން ދޭ ސަމާލުކަމާ އަހައްމިއްޔަތު ފާހަގަކުރެއްވި އެވެ.
ބަދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކައިގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ގަބޫލުފުޅުކުރައްވައި ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީތީ ޝުކުރުއަދާކުރެއްވި އެވެ.
ސަފީރު ދެއްކެވި ވާހަކައިގައި ދެ ގައުމުން އެއްބާރުލައިގެން ފައިދާހުރި އަދި ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިވުމުގައި އިންޑިއާ ދެމި އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމުގެ އުންމީދީ ވާހަކަފުޅުތަކާއެކު އެވެ. އަދި އިންޑިއާކަނޑުގެ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމުގައި، މިހާރެކޭވެސް އެއްގޮތަށް، އެއް ވިސްނުމެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގެންނެވި އެވެ.