ހީނާ ވަލީދު

އިންޑިއާ ސިފައިންގެ 51 މީހަކު ފައިބައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން 51 ސިފައިންގެ މީހަކު އަނބުރާ ފޮނުވާލައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތެރެއިން ދެ ސަރަހައްދެއްގައި ތިބި 51 ސިފައިން އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ.

ހީނާ ވަނީ ކުރިއަށް އޮތް ހުކުރު ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފޭބުމުން ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އަދަދު ހާމަކުރާނެ،" ހީނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމުވެ ތިބި ނަމަ އެ ބަޔަކު ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ބުނާ ގޮތުގައި އިންޑިއާ ސިފައިން ފިޔަވާ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެގެން ތިބެފައެއް ނުވެ އެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް ހާމަކުރި މައުލޫމާތަށް ބަލާއިރު މިސަރުކާރު ވެރިކަމާ ހަވާލުވެ މައުލޫމާތު ހޯދައި ބެލިއިރު ރާއްޖޭގައި ގާއިމުވެ ތިބީ އިންޑިއާގެ 89 ސިފައިންނެވެ. ނަމަވެސް އެ އަދަދަށް ބައެއް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.