ދުޝްމަނުންގެ ރޭވުންތަކާމެދު ހޭލައި ތައްޔާރުވެ ތިބެން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ އިބްރަތްތަކެއް ލިބިގެންދާނެ ކަމަށެވެ.
މިގޮތުން އެންމެ ފުރަތަމަ ކަމަކީ ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް މާތްﷲގެ މަދަދާއި ނަސްރުން ކާމިޔާބު ދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަސްރުގެ ދުވަހުން ލިބޭ އަނެއް އިބުރަތަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކާ މެދު އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެކަން ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ގައުމު ބޭނުންވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށެވެ.
ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ އެ މަތިވެރި ނަސްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެ ގޮތުގައި ސާބިތުވެ ތިބުމުގެ އަޒުމް އައުކުރުން ކަމަށެވެ.
ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫޙު މުޅި އަސްކަރިއްޔާގައި ދެމެހެއްޓުމަށް ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުންވެސް މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ރައީސްގެ ހިތާބުގައި ވަނީ ވިދާޅުވެފަ އެވެ.
މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު، މާލެއަށް ދެވުނު އުދުވާނީ ހަމަލާއަށް 34 އަހަރު ފުރުނު ދުވަހެވެ. އެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެ އަށް ބޭކަލަކާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ.