ދިވެހިރާއްޖޭން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓު، ރައީސުލްޖުމްހޫރިއްޔާ އޮފީހުން އަލުން އާންމުކޮށްފި އެވެ.
މި ލިސްޓު އެންމެ ފަހުން އާންމުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ލިސްޓު އެކުލަވާލައި އާންމުކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.
މި ލިސްޓްގައި ޓެރަރިސްޓް ޖަމާއަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި، އެ ޖަމާއަތެއް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ހިމެނޭ ގޮތުން މުރާޖައާކުރަންޖެހޭ ކަންކަން ކޮށްފައިވެ އެވެެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް
- އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިޔާ (އައިސިސް / އައި.އެސް.އައި.އެލް / އައި.އެސް.އައި / ޑީ.އޭ.އައި.އެސް.އެޗް)
- އަލްގައިދާ
- ޖަބްހަތު އަލް-ނުސްރާ
- ލަޝްކަރޭ ތައިބާ
- އަލް-ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
- އަލްގައިދާ އިން ދި އިސްލާމިކް މަޣްރިބް
- އަބޫ ސައްޔާފް ގްރޫޕް
- ބޮކޮ ހަރަމް / ބޯކޯ ހަރަމް
- އަލް ޝަބާބް
- އަލްގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
- ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)
- ހަރަކާތުލް ޖިހާދު އަލް އިސްލާމީ
- ޖައިޝޭ މުހައްމަދު
- އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
- ނެޝަނަލް ތައުހީދު ޖަމާއަތް
- ޖަމާއަތު މިއްލަތޭ އިބްރާހީމް
- ވިލާޔަތް އަލް ސޭލާނީ
- ހައިއަތު ތަހްރީން އަލް ޝާމް
- ހުއްރާސް އައް ދިން
ރައީސް އޮފީހުން އެންމެ ފަހުން އާންމުކުރި ލިސްޓްގައި ވެސް ހިމެނެނީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ރައީސް އޮފީހުން އެކުލަވާލި ލިސްޓްގައި ހިމެނޭ ޖަމާއަތްތަކެވެ.
ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް ރައީސް އޮފީހުން ކަނޑައަޅާފައިވެ އެވެ.
ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހުކޮށް ގެޒެޓްކުރީ މާޗް 21، 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމުކޮށްފައެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އާންމުކުރައްވާ ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާ އެކު ބަލަހައްޓަނީ ދިވެހި ސިފައިންނެވެ.