ޕޮލިޓިކްސް

"ރާއްޖެ އަފްގާނަށް ވިޔަ ނުދިނުމަށް އެމްޑީޕީ-ޕީޕީއެމް އެކުވާން ޖެހޭ"

އަފްޣާނިސްތާނަކަށް ދިވެހި ރާއްޖެ ނުވެ ސަލާމަތް ކުރަން އިދިކޮޅު މައި ޕާޓީ ޕީޕީއެމާއި ވެރިކަން ކުރާ އެމްޑީޕީގެ ކޯލިޝަނެއް ބޭނުންވާ ކަމަށް ރައްޔިތުން މިޖިލީހުގެ ހެންވޭރު ހުނޅަގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފު މިހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ކުރީގެ ރައީސް، މުހައްމަދު ނަޝީދު، ޕީޕީއެމާއި އެމްޑީޕީގެ ގިނަ ސަޕޯޓަރުން ތިބީ އެއް ގޮތަކަށް ކަމަށާއި ފިކުރު ވެސް އެއް ގޮތް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ހަސަން މިއަދު ވިދާޅުވީ އެމްޑީޕީގައި އުންމީދުތަކަކާއި އުސޫލުތަކެއްވާ ކަމަށެވެ. އަދި އެ ޕާޓީން ބޭނުން ވަނީ "ކާބަފައިން އުޅުނު ރީތި އިސްލާމް ދީނު" ގައި ތިބޭން ކަމަށެވެ. ދެން ވިދާޅުވީ ރާއްޖެ އަފްޣާނިސްތާނަށް ނުވެ ސަލާމާތްވާން އޮތް މަގަކީ ވެސް އެއީ ކަމަށެވެ.

ރާއްޖޭގައި ކޮރަޕްޝަން އިތުރެވެ. ހަރުކަށި ފިކުރުގެ މީހުން އުޅެ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ހަސަން ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް ކޮރަޕްޝަނާއި ވައްކަމާއި ހަރުކަށި ފިކުރު "އޯކޭ ނޫން" އެތައް މެމްބަރުންނެއް އެބަ ތިބި ކަމަށެވެ.

ހަސަންގެ މި ވާހަކަތައް އާއިރު ވެރިކަން ކުރަމުންދާ އެމްޑީޕީގެ ތެރޭގައި ވަނީ ބޮޑުކޯޅުމެއް ފެށިފަ އެވެ. އެކަން ފެށުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ދެން ކުރިއަށް ވަޑައި ނުގެންނެވޭނެ ކަމަށް ރައީސް. ނަޝީދު ވިދާޅުވުމުންނެވެ.

ނަޝީދު ވިދާޅުވެފައި ވަނީ "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު އުޅެން ބޭނުން ނުވާ" ކަމަށާއި ބޭނުންފުޅު ވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ ކޯލިޝަނެއް ކަމަށާ "އެއީ ޕީޕީއެމް ކަމުގައި ވިޔަސް މިހާރު އެކަން ކުރުން މާ މުހިންމު" ކަމަށެވެ.

ނަމަވެސް ޕީޕީއެމްއިން ބުނެފައި ވަނީ ރައީސް ނަޝީދާއެކު، އެމްޑީޕީއާއެކު ކޯލިޝަނެއް ހެދުމުގެ ޝައުގުވެރިކަން އެ ޕާޓީގައި ނެތް ކަމަށެވެ. އަދި ދެ ޕާޓީގެ ފިކުރާއި ހިޔާލު ވެސް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.