ޓެރަރިޒަމް

އެއް ޖަމާއަތް އިތުރުކޮށް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ނެރެފި

ދިވެހިރާއްޖެއިން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓް މުރާޖައާކޮށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން އެ ލިސްޓް އަލުން އާންމުކޮށްފި އެވެ.

ދިވެހި ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ދެކޭ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓް އާންމުކޮށް އިއުލާންކުރަމުން ދަނީ މީގެ އަށް އަހަރު ކުރިން 2015 ވަނަ އަހަރު އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުންނެވެ.

ގާނޫނުގައިވާ ގޮތުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފާގެ މަތިން އަހަރަކު އެއްފަހަރު މި ލިސްޓު މުރާޖައާކޮށް އާއްމުކުރަންޖެހެ އެވެ.

މި ލިސްޓްގައި ޓެރަރިސްޓް ޖަމާއަތްތައް ހިންގުމަށް ބޭނުންކުރާ އެހެނިހެން ނަންތަކާއި، އެ ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުނު ތާރީހު ހިމެނޭ ގޮތުން މުރާޖައާކުރަންޖެހޭ ކަންކަން ކޮށްފައިވެ އެވެެ.

މިއަހަރުގެ ލިސްޓް ނެރުނުއިރު އަލަށް އެއް ޖަމާއަތެއް އިތުރުކުރިއިރު ދެން މި ލިސްޓްގައި ހިމެނެނީ 2021 އަދި 2022 ވަނަ އަހަރުވެސް ލިސްޓު ނެރުނުއިރު ހިމެނޭ ޖަމާއަތްތަކެވެ. މިއަހަރު ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އަލަށް ހިމަނާފައިވަނީ އދގެ ސެކިއުރިޓީ ކައުންސިލުން 2020 ވަނަ އަހަރު ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލިސްޓްކޮށްފައިވާ އިންޑޮނީޝިއާގެ ޖަމާ އަންޝާރުއް ދައުލާ "ޖޭއޭޑީ" އެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް

  • އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިޔާ (އައިސިސް / އައި.އެސް.އައި.އެލް / އައި.އެސް.އައި / ޑީ.އޭ.އައި.އެސް.އެޗް)
  • އަލްގައިދާ
  • ޖަބްހަތު އަލް-ނުސްރާ
  • ލަޝްކަރޭ ތައިބާ
  • އަލް-ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
  • އަލްގައިދާ އިން ދި އިސްލާމިކް މަޣްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް / ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލްގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)
  • ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުހައްމަދު
  • އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
  • ނެޝަނަލް ތައުހީދު ޖަމާއަތް
  • ޖަމާއަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ
  • ހައިއަތު ތަހްރީން އަލް ޝާމް
  • ހުއްރާސް އައް ދިން

ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާގެ ހުރިހާ ސަރަހައްދެއް ރައީސް އޮފީހުން މިއަހަރުގެ ލިސްޓުގައިވެސް ކަނޑައަޅާފައިވެ އެވެ.

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހުކޮށް ގެޒެޓްކުރީ މާޗް 21، 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމުކޮށްފައެއް ނުވެ އެވެ.

މިލިސްޓް އެންމެ ފުރަތަމަ އާންމުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރު އެވެ.

ރައީސުލްޖުމްހޫރިއްޔާ އާންމުކުރައްވާ ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާ އެކު ބަލަހައްޓަނީ ދިވެހި ސިފައިންނެވެ.