ޓެރަރިޒަމް

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު އަލުން އާންމުކޮށްފި

Oct 4, 2021

ދިވެހިރާއްޖޭން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމިއްޔާތަކާއި ގައުމުތަކުގެ ލިސްޓު އަލުން އާންމު ކޮށްފި އެވެ.

މި ލިސްޓް އެންމެ ފަހުން އާންމުކުރީ މިއަހަރުގެ ޖެނުއަރީ ފަސްވަނަ ދުވަހު އެވެ.

ދިވެހި ސަރުކާރުން އަލުން ލިސްޓް އާންމު ކުރިއިރު ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 19 ޖަމާއަތެކެވެ.

ރައީސް އޮފީހުން ބުނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލައި އާންމުކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް

  • އިސްލާމިކް ސްޓޭޓް (އައިސިލް / އައިއެސްއައިއެސް / އައިސިސް)
  • އަލްގައިދާ
  • ޖަބްހަތުއް ނުސްރާ (ޖަބްހަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  • ލަޝްކަރޭ ތައިބާ
  • އަލްގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
  • އަލްގައިދާ އިން ދި އިސްލާމިކް މަޣްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް / ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލްގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)
  • ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުހައްމަދު
  • އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
  • ނެޝަނަލް ތައުހީދު ޖަމާއަތް
  • ޖަމާއަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ
  • ހައިއަތު ތަހްރީރު އަލް ޝާމް
  • ހުއްރާސް އައް ދީން

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭ ގޮތަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު އިސްލާހުކޮށް ގެޒެޓްކުރީ މާޗް 21، 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމުކޮށްފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާންމުކުރައްވާ ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާ އެކު ބަލަހައްޓަނީ ދިވެހި ސިފައިންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާ ގޮތުން ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ޓީވީ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ނަމަވެސް ފެތުރުމަކީ ކުށެކެވެ. ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ވާހަކަ ދެއްކުމާއި އެމީހުންނާއި ގުޅިގެން މަސައްކަތް ކުރުން ވެސް ގާނޫނުގައި ވަނީ މަނާކޮށްފަ އެވެ. އެފަދަ ކުށެއް ކޮށްފައިވާ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.