ހެންވޭރު، އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހިނގައި ދިޔަ ބޮޑު ހާދިސާއަކީ މިފަހުން މާލޭގައި ހިނގައި ދިޔަ އެންމެ ބޮޑު އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރަން ހަ ގަޑިއިރު ހޭދަ ކުރަން ޖެހުނެވެ. އެ އަލިފާނުގައި އެކަކު މަރުވި އިރު ހަތް އިމާރާތެއް އަދާ އަޅިއަށް ވެގެންދިޔަ އެވެ. އޭގެ ތެރޭގައި މުދަލާއެެކު ހަތަރު ގުދަން ވެސް ހިމެނެ އެވެ. އެ ސަރަހައްދުގައި ބަހައްޓާފައިވާ ސައިކަލްތަކާއި އެ ނޫން ބައެއް ވެހިކަލްތައް އަނދައިގެން ދިޔައީ އެވެ. ގާތްގަނޑަކަށް 500 އާ ގާތް ކުރާ އަދަދަކަށް މީހުން ހާލުގައި ޖެހުނެވެ.
އެ ހާދިސާއަށް ފަހު އަޅަން ފަށާފައިވާ ފިޔަވަޅުތަކުން އެއީ އިތުރަށް ލޯ ހުޅުވައި ދިން އަލިފާނަކަށްވިކަން އެނގެ އެވެ. އަދި އެފަދަ ދެވަނަ ހާދިސާއެއް ހިނގަން މެދުވެރި ނުވާނެ ވަރަށް ގިނަ ފިޔަވަޅުތަކާއި ބެހޭ ގޮތުންނާއި އެފަދަ ހުޅެއް ރޯވެދާނެ ގޮތްގޮތާބެހޭ ގޮތުން ވެސް މިހާރު ވާހަކަ ދައްކާ މީހުން ގިނަ އެވެ.
ހެންވޭރު، އެ އަލިފާނުގެ ހާދިސާ ހިނގުމުގެ މަސްތަކެއް ކުރިން ވެސް އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ނުރައްކާތެރި ކެމިކަލް ގުދަން ކުރުމާމެދު މީހުން ކަންބޮޑުވުން ފާޅު ކުރަމުން އައެވެ. އެފަދަ ބައެއް ގުދަންތަކުގެ ފޮޓޯއާއެކު ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިންނަށް ޓެގްކޮށް ބުނެދޭން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް އަޅައި ނުލެވި އޮއްވާ ރޯވެ މީހެއްގެ ފުރާނަ ގެއްލި މާލީ އަދި މާއްދީ ބޮޑެތި ގެއްލުންތައް ވެސް ލިބުނީ އެވެ. އެތައް ބައެއްގެ ދިރިއުޅުން އަނދާ އަޅިއަށްވީ އެވެ.
މިއީ ވެސް ސަމާލު ކަމަށް ގެނައުމެއް ކަމާ ބަލަމާ ހެއްޔެވެ؟ މިއީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އެންމެ ފޮޓޯގަނޑެކެވެ. މިއީ މާލޭ ދެކުނު ފަރާތު ބޮޑު ތަކުރުފާނު މަގުން ކޮންމެ ދުވަހަކު ކޮންމެ އިރެއްގައި ހަމަ ލޮލަށް ފެންނާނަ އޮތް "ފޮޓޯ" އެކެވެ.
ބޮޑު ތަކުރުފާނު މަގު، ފަތާ މޫދު ހިމެނޭ ސަރަހައްދަކީ ވަރަށް ކާރޫބާރު ބޮޑު ވެސް ސަރަހައްދެކެވެ. ގިނަ މަސައްކަތްތަކެއް ހިނގާ ވެސް ސަރަހައްދެކެވެ. އެ ސަަރަހައްދަކީ މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރި ކުރަމުންދާ މޯލްޑިވްސް ގޭހާއި ވިލާ ގޭހުގެ މައި އޮޕަރޭޝަން ސެންޓަރު "އެކުއެކީގައި" ހިންގާ ވެސް ސަރަހައްދެވެ. އެތައް ސަތޭކަ ގޭސްފުޅިތަކުން ފުރާލެވިފައިވާ ގުދަންތައް އެ ސަރަހައްދުގައި އެބަހުއްޓެވެ.
މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެއިން ކެމިކަލް ގުދަން ވެސް ހުރީ ވިލާ ގޭހުގެ އިމާރާތާއި އެސްޓީއޯ ގޭހުގެ ލުއިފުޅީގެ ގޭސް ރައްކާކޮށްފައިވާ ގުދަނާ ދެމެދަށެވެ. އެ ދިމާއިން ފަހަތަށް އޮންނާނީ އަލިފާނެއް ރޯވެއްޖިއްޔާ އަނދާ އަނދާ ނުނިވޭނެހާ ބޮޑު. އަދި އާންމުކޮށް އަލިފާން ރޯވާ ނީލަން ފިހާރައެ އެވެ. ލުއި ފުޅި ގުދަނާ ޖެހިގެން ކުޑަ ތަންކޮޅެއް އިރުން ދުރުގައި ހުންނަނީ ހަކަތަ ޕެޓްރޯލް ޝެޑެވެ. ދެން ހުރީ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެވެ. އޭގެ ފަހުން ސަރުކާރުގެ މައި އިންޖީނުގެ ސްޓެލްކޯ އެވެ.
ހަމަ މި ސަރަހައްދުގައި ވިލާ ގޭސް ރައްކާކޮށްފައިވާ ގުދަނާ ޖެހިގެން ހުންނަނީ ވަރަށް މަޝްހޫރު ވެގެން އުޅޭ "ތާސީރު ކެފޭ" ގެ އަލިފާން ލާފައިވާ ބަދިގެ އެވެ. އެ ކެފޭގައި އަބަދު އަނދަ އަނދާ ހުންނަ ބަދިގޭން "އަލިފާން ކަނެއްޏެ" އް ބޭރުވެއްޖެ ނަމަ ދެން ވާނެ ގޮތަކާމެދު މީހުން ކުއްލިއަކަށް ވާހަކަ ދައްކާން ފެށީ ކޮންމެވެސް މީހަކު ފޯނުން މި ފޮޓޯ ނަގައި ދޫކޮށްލުމުންނެވެ.
"ބޮޑު އަލިފާނުގެ ހާދިސާއަކަށް މި ސަރަހައްދަށް ބޭނުން ވަނީ އަލިފާން ކަންޏެއް. އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކިހިނެތްތޯ ހަދާނީ! ހަގީގަތުގައި މިތާ ހުރި ތަންތަނަށް ބަލާއިރު މިއީ ސިނގިރޭޓް ފިލްޓަރެއްވެސް އެއްލާލައިގެންވާނެ ހިސާބެއް ނޫން! ނުވަތަ ސިގިރޭޓް ބޮއިގެންވެސް ވާނެ ސަރަހައްދެއް ނޫން." ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި އެކަކު ބުނެފައި ވެ އެވެ.
މިދިމާ އާންމުންގެ ސަމާލުކަމުގައި އޮވެއެވެ. އެކަމަކު އިއްޔެ އާންމުންނަށް އެކަން ހަނދާންވެ ފިކުރު ބޮޑުވާވަރު ކޮށްލައި ދިނީ ފިލްމު ކުންފުނި ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) އެވެ. އެ ސަރަހައްދުގެ ފޮޓޯއަކާއެކު މޮގާ ވަނީ އެ ސަރަހައްދުގައި އެގޮތަށް ކެފޭއެއް ހިންގުމުގެ ނުރައްކާތެރިކަން ކަމާބެހޭ އިދާރާތަކުގެ ވެރިންނާ ހިއްސާކޮށްފަ އެވެ. އެހާ ހިސާބުން މުޅި ސޯޝަލް މީޑިއާގައި އެ ފޮޓޯއާ ވަނީ ވައިރަލްވެފަ އެވެ.
ހަގީގަތުގައި ވެސް މިއީ ނުރައްކާތެރި ހާދިސާއެއް ހިނގަން މެދުވެރިވެދާނެފަދަ ކަމެކެވެ. މިއީ އެފަދަ ހާދިސާއަކަށް "ދޮންވެފައި" ވާ އަދި ސަލާމާތީ ފިޔަވަޅެއް މާރަނަގަޅަށް އަޅާފައިވާކަން ކަށަވަރު ކުރެވިފައިވާ ނުވާ ނުރައްކާތެރި ސަރަހައްދެކެވެ. ކޮންމެ ވަގުތެއްގައި ވެސް މި ސަރަހައްދު ގޮވާފާނެ އެވެ.