ހަބަރު

ކުޑަކުދިންގެ ކަންކަމުގައި ހާއްސަ ސަމާލުކަމެއްދޭންޖެހޭ: ނައިބް ރައީސް

އިޖްތިމާއީ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމާއި ވަކިން ހާއްސަކޮށް ކުޑަކުދިންގެ ކަންކަމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް އެގޮތަށް ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާއެއް ކަމުގައިވާ "އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން"، އާކްގެ އިސްވެރިންނާއެކު ބޭއްވު ބައްދަލުވުމުގަ އެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުވުމުގައި އާރކްގެ ފަރާތުން ވަނީ އެ ޖަމްއިއްޔާއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އެކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތައް ނައިބް ރައީސާއި ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހިޔާއާ ފިޔަވަތީގައި ތިބޭ ކުޑަކުދިންނަށް އާރކްގެ ފަރާތުން ޕްރޮގްރާމްތައް ހިންގައިދިނުމުގެ ޝައުޤުވެރިކަން އާރކްގެ އިސްވެރިން ވަނީ ފާޅު ކުރައްވާފަ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމުގެ ދާއިރާއިން ހުރި ބައެއް ކަންބޮޑުވުންތައް ވެސް އެ ޖަމިއްޔާގެ އިސްވެރިން ވަނީ ނައިބް ރައީސާއި ހިއްސާކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މުޖުތަމައުގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާ އަދި ވަކިން ހާއްސަކޮށް ކުޑަކުދިންގެ ހައްގު ތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އާރކް ޖަމްއިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ޖަމްއިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން އެ ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގައާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދޭ އެފަދަ ހުރިހާ ފަރާތްތަކަށްވެސް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ނައިބް ރައީސް ވަނީ ދެއްވާފަ އެވެ.