ހަބަރު

ސްޕީޗް ތެރަޕީ ދާއިރާއިން މީހުން ބިނާ ކުރަން މަޝްވަރާކުރައްވައިފި

ކުޑަކުދިިންނަށް ދޭ ތެރަޕީ ހިދުމަތުގެ ފެންވަރު މަތިކޮށް ފޯރުކޮށްދޭ އިންތިޒާމުތައް ހަރުދަނާ ކުރުމަށް ނައިބުރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން، އެޑިއުކޭޝަން މިނިސްޓަރާއި ޖެންޑާ އާއި ގައުމީ ޔުނިވާސިޓީ އަދި އައިޖީއެމްއެޗުގެ އިސްވެރިން ހިމެނެ އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ތެރަޕީގެ ގިނަ ހިދުމަތްތައް މިހާރު ލިބެންހުރީ މާލޭގައިކަން ފާހަގަކުރައްވާ، ރާއްޖޭގެ އެހެން ސަރަޙައްދުތަކުންވެސް އެ ހިދުމަތް ލިބުމުގެ މުހިއްމުކަން ފާހަގަ ކުރެއްވި އެވެ.

އަދި، ވާހަކަ ދެއްކުމުގައި ދަތިތަށް ހުންނަ ކުދިންނަށްދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވާ ގައުމީ ޔުނިވާސިޓީ މެދުވެރިކޮށް އެ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އިއްޔެގެ ވަގުތެއްގައި ނައިބުރައީސް ވަނީ އައިޖީއެމްއެޗުގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ބައްލަވާފަ އެވެ. އެ ޒިޔާރަތުގައި ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު ހިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވާފަ އެވެ.