ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިން ބަލަހައްޓާ "ފިޔަވަތި" ގެ ހިންގުން ބޮއްސުންލާ ކުދިންގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވާތާ ފަސް ދުވަސް ވީ ފަހުން ސަރުކާރުގެ އިސްވެރިން އެތަނަށް ޒިޔާރަތެއް ކޮށްފި އެވެ.
ރަައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ނާއިބު ރައީސް ފައިސަލް ނަސީމާއެކު މިނިސްޓަރުންގެ ޓީމެއް ފިޔަވައްޗަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ފައިސަލްގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަޑައިގެންނެވިއެވެ.
ބައްދަލްވުމުގެ މާބޮޑު ތަފްސީލެއް ނުދީ ރައީސް އޮފީހުން ބުނީ ފިޔަވަތީގައި ފާއިތުވި ތިން ދުވަސް މަތިން ހިނގާފައިވާ ހާދިސާ އާއި ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ފިޔަވަތީގެ ހާދިސާއާ ގުޅޭގޮތުން މީޑިއާއިން ސުވާލުތައް ކުރިމަތި ކުރުމުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި "ފިޔަވަތި" ގެ ތަރުތީބު ކޮންމެވެސް ވަރަކަށް ގެއްލުނީ އެވެ. އަދި އެކަން ހައްލު ކުރާނެ ކަމަށް ވިދާޅުވެ ފެއިލްވެފައިވާވުން ފޮރުވަން މަސައްކަތް ކުރެއްވި އެވެ. ކަންކަން ކުރައްވަނީ ތަރުތީބުން، ކުދިންގެ ހައްގުތަކަށް ބަލައި އެކަން ކަށަވަރު ކުރަމުން ކަމަށް ވިދާޅުވެ ދިފާއުގައި ދެއްކެވީ މުޅީން އަސާސެއް ނެތް ވާހަކަތެކެވެ. ހާލަތު ގޯސްވީ ހައެއްކަ ކުދީންގެ ސަބަބުން ކަމަށް ވިދާޅުވެ މުޅި މައްސަލަ ފޮރުވަން ވެސް މަސައްކަތް ކުރެއްވި އެވެ.