މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ފިޔަވަތި ހަމަނުޖެހުން: ޖެންޑާއިން ފިނި ބަޔާނެއް ނެރެފި

ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދީން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދީން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަަމަށް ބުނެ ޖެންޑާ މިނިސްޓްރީން މިރޭ ބަޔާނެއް ނެރެފި އެވެ.

"ފިޔަވަތި" ގައި މައްސަލަތައް ފުނިޖެހި ބޮޑުވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެ ތަނުގައި ތިބޭ ކުދިންގެ ފަރާތުން އަހުލާގީ ވަަރަށް ގިނަ މައްސަލަތައް ފާހަގަވެ އެ ކުދިންގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެ ތަނުގައި ތިބި ކުދިންތައް މިއަދު ވަނީ ފުރާޅަށް އަރާ އަޑުގަދަކޮށްފައެވެ. އަދި އެ ތަނަށް ވަނީ އެކިވަރުގެ ގެއްލުން ދީފައެވެ. އެންމެ ފަހުން އެތަނުގައި ވަނީ ހުޅުވެސް ޖަހާފައެވެ. ނަމަވެސް ސިފައިން ވަނީ އަލިފާން ބޮޑުވުމުގެ ކުރީން ނިއްވާލާފައެވެ.

މައްސަލަ ގޯސްވުމުގެ ވެގެން އުޅޭ އެއްވެސް ގޮތެއް ސާފުކޮށް ނުދީ ޖެންޑާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައްހޯދާ އެކަންކަމާމެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެކަން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދީން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދީން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަަމަށެވެ.

އިހުމާލުގެ ތުހުމަތުގެ އިނގި ވަރަށް ބޮޑަށް އޮތް ޖެންޑާގެ ބަޔާނުގައި ބުނެފައިވަނީ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަަމަށެވެ.

މީގެ ދުވަސްތަކެއްގެ ކުރީން "ފިޔަވަތި" ގައި ކުޑަކުދިންތަކެއް ރޯ އަޑު އިވިގެން ބަޔަކު އެއްވެ އެތަނުގައި އިހުތިޖާޖުވެސް ކޮށްފައިވެއެވެ.

ނަމަވެސް "ފިޔަވަތި" ގައި އެއްވެސް ކަމެއް ނުވާ ކަަމަށް ބުނެ ކަމާބެހޭ އިދާރާތަކުން ވާހަކަ އޮއްބާލީއެވެ. އަދި "ފިޔަވަތި" ގައި އަނިޔާ ކުރުމުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށްވެސް ބުންޏެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުރި އިދާރާތަކުގައި މައްސަލަތައް ބޮޑުވެ ފުނިޖެހިފައިވާއިރު އެ މިނިސްޓްރީގެ އިސްވެރިން މަސައްކަތް ކުރަމުން ދަނީ މޫނުމަތި ރީތިކޮށް ހަގީގަތް ފޮރުވާފައެވެ.