ފިޔަވަތި

ފިޔަވަތީގައި ތިބި ކުދިން ފުރާޅުމަތީ، ހުޅުވެސް ޖަހައިފި

މައްސަލަތައް ފުނިޖެހިފައިވާ "ފިޔަވަތި" ގައި ތިބި ކުދިންތައް އެތަނުގެ ފުރާޅަށް އަރާ ތަންތަނަށް ގެއްލުންދީ ހުޅުޖަހައިފި އެވެ.

"ފިޔަވަތި" ގައި މައްސަލަތައް ފުނިޖެހި ބޮޑުވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެ ތަނުގައި ތިބޭ ކުދިންގެ ފަރާތުން އަހުލާގީ ވަަރަށް ގިނަ މައްސަލަތައް ފާހަގަވެ އެ ކުދިންގެ އުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެ ތަނުގައި ތިބި ކުދިންތައް މިއަދު ވަނީ ފުރާޅަށް އަރާ އަޑުގަދަކޮށްފައެވެ. އަދި އެ ތަނަށް ވަނީ އެކިވަރުގެ ގެއްލުން ދީފައެވެ. އެންމެ ފަހުން އެތަނުގައި ވަނީ ހުޅުވެސް ޖަހާފައެވެ. ނަމަވެސް ސިފައިން ވަނީ އަލިފާން ބޮޑުވުމުގެ ކުރީން ނިއްވާލާފައެވެ.

ފުލުހުން މިހާރު ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

މީގެ ދުވަސްތަކެއްގެ ކުރީން "ފިޔަވަތި" ގައި ކުޑަކުދިންތަކެއް ރޯ އަޑު އިވިގެން ބަޔަކު އެއްވެ އެތަނުގައި އިހުތިޖާޖުވެސް ކޮށްފައިވެއެވެ.

ނަމަވެސް "ފިޔަވަތި" ގައި އެއްވެސް ކަމެއް ނުވާ ކަަމަށް ބުނެ ކަމާބެހޭ އިދާރާތަކުން ވާހަކަ އޮއްބާލީއެވެ. އަދި "ފިޔަވަތި" ގައި އަނިޔާ ކުރުމުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށްވެސް ބުންޏެވެ.

ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުރި އިދާރާތަކުގައި މައްސަލަތައް ބޮޑުވެ ފުނިޖެހިފައިވާއިރު އެ މިނިސްޓްރީގެ އިސްވެރިން މަސައްކަތް ކުރަމުން ދަނީ މޫނުމަތި ރީތިކޮށް ހަގީގަތް ފޮރުވާފައެވެ.