ސ. ހުޅުދޫ

ހުޅުދޫ، ހުޅު ފަޅައިގެން ދާ ހިސާބަށް!

އައްޑޫ ސިޓީގެ މީދޫއާ އެއް ފަހަށް އޮންނަ ހުޅުދޫގައި 3800 މީހުންގެ އާދާބީއެއް އޮވެ އެވެ. އެއީ އަދި މީދޫގެ އާބާދީއާ ނުލަ އެވެ. ރާއްޖޭގެ އެހެން ރަށްރަށް ފަދައިން ހުޅުދޫ ރައްޔިތުންގެ ގިނަ ބައެއްގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގައި އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ފުނިޖެހިފައި ވުމެވެ.

ހުޅުދޫގައި ވެސް މަސްތުވާތަކެތީގެ ވަބާ އިންތިހާއަށް ބޮޑެވެ. ޒުވާނުންގެ ތެރެއިން ވަޒީފާ އަދާކުރާ ނިސްބަތް ކަންބޮޑުވާންޖެހޭ މިންވަރަށް އޮތީ ދަށުގަ އެވެ. އެއެއް މިއެއް ނުބަލައި ވައްކަން ކުރުމާއި، ހެސްކިޔާފައި ބިދޭސީން ގިނަވެފައި ވުމަކިީ ވެސް ހުޅުދޫތެރޭގައި އޮތް ބޮޑު "މުސީބާތަކަށް" ވަނީ ވެފައި ވެއެވެ.

މި މައްސަލަތައް ހައްލުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހަމައަށް ހުޅުދޫން ވަނީ މައްސަލަ ގެންގޮސްފަ އެވެ. ނަމަވެސް އެ މައްސަލަތަކަށް އެއްވެސް މިންވަރެއް ހައްލެއް ނުލިބެ އެވެ. ދުވަހެއްވިއްޔާ ދުވަހަކަށް ހުޅުދޫގެ އެ ދަނީ އިތުރުވަމުން ގޯސްވަމުންނެވެ.

ދުވަސްވީ އަންހެނަކަށް ހަމަލާދިނުން

ހުޅުދޫގައިވާ ގޯސް ކަންކަން ގޯހުން ގޯހަށް ބަދަލުވެފައިވެއޭ ބުނަން ޖެހެނީ މީހުންގެ ފުރާނައަށް ވެސް ނުރައްކާވާ ހިސާބަށް "ކްރައިމް ރޭޓް" މައްޗަށް ގޮސްފައިވާތީ އެވެ. މިދިއަ ހޮނިހިރު ދުވަހު ހުޅުދޫ، ބޮކަރުމާގޭ، އައިމިނާ މަނިކުފާނަށް ވަޅިން ހަމަލާ ދިނެވެ. އެ ހަމަލާގައި އޭނާގެ އަތުން ފޭރިފައި ވެސް ވެއެވެ.

ހުޅުދޫއަށް ނިސްބަތްވާ އަދި ރަށުގައި ދިރިއުޅޭ މީހަކު ނަން އާންމު ނުކުރުމަށް ޝަރުތުކޮށް ބުނި ގޮތުގައި ކުށްކުރުން ގިނަ އަދި ކުށުގެ ވެށި ފުޅާވެފައިވާ ހުޅުދޫގައި ހިނގައިދިޔަ ބިރު ދައްކައި ފޭރުމުގެ އެ ހާދިސާއިން އެކަނި ވެސް އެ ރަށުގައި ބިރުވެރިކަން އޮތް މިންވަރު އެނގެ އެވެ.

"އެހެން ހުރި ބައިވަރު ކަންކަން ހައްލު ނުވެ ދަނީ ގޯސްވަމުން. އަންހެން މީހާގެ ހާދިސާއަށް ބެލިއަސް މި ރަށުގެ އާންމު ހާލަތު ގޯސްވެފައިވާ މިންވަރު އެނގޭ ނޫންތޯ؟" އެ މީހާ ފޯން މެދުވެރިކޮށް ބުނެދިނެވެ.

އައިމިނާ މަނިކުފާނަކީ އުމުރުން 68 އަހަރުގެ މުސްކުޅި އަންހެނެކެވެ. އޭނާއަށް ހަމަލާދިން މީހުން ވަނީ ގިނަ އަނިޔާތަކެއް ވެސް ކޮށްފައެވެ. ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދިނެވެ. ގައިގެ ތަންތަނެއްގައި އަލިފާން ޖައްސައި ފިހެލި އެވެ. އަލިފާން ޖެެއްސުން މިއީ ކުށުގެ ވެެއްޓަށް ހުޅުދޫގައި އަލަށް ވެއްދި ކަމެކެވެ.

ސިޓީ ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ ހުޅުދޫ ތަމްސީލުކުރައްވާ، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވި ގޮތުގައި އައިމިނާ މަނިކުފާނަށް ދިން ހަމަލާ އަކީ ހުޅުދޫގައި ކަންކަން ހައްދުން ނައްޓާފައިވާ މިންވަރު ދައްކުވައިދިން ހަމަލާއެކެވެ.

"މި ދައްކަނީ އުމުރުން 70 އަހަރުގެ އަންހެނެއްގެ ވާހަކަ. އޭނާއަށް ބަޔަކު ހަމައެކަނި ވަޅިން ހަމަލާދިނީއެއް ނޫން. އަލިފާން ޖައްސައި ހަށިގަނޑުގެ ތަންކޮޅެއް އެ ވަނީ ފިހެލާފައި. ކަންކަން ގޯސްވަމުންދާ ގޮތުން ކުށްކުރުން ވެސް މި ދަރަޖައަށް ދާނެކަން އެނގޭ. އެހެންވެ ކަމާބެހޭ އިދާރާތަކަށް މާކުރިން ވެސް ވާނީ މިކަންކަން ހިއްސާކޮށްފައި." ޝުކުރީ ވިދާޅުވިއެވެ.

އެންމެ ބޮޑީ މަސްތުވާތަކެތީގެ ވަބާ

ހުޅުދޫގެ އާބާދީ 3800 އަށް އުފުލިފައި ވިއަސް ރަށުގައި ދިރި އުޅެނީ އެ އަދަދުގެ ދެބައި ކުޅަ އެއްބަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ޒުވާނުން ހިމެނެ އެވެ. އެ ޒުވާނުންގެ ބޮޑު ބައެއް ވަނީ މަސްތުގެ ވަބާގައި ޖެހިފަ އެވެ. އޭގެ ސަބަބުން ރަށުގައި އިޖުތިމާއީ ހުރިހާ މައްސަލަތަކެއް ވަނީ ހުރިހާ ދިމާއަކުން ފެންމަތިވެފަ އެވެ.

ހުޅުދޫ މީހުން ވެސް އަދި އިންވެގެން އޮތް މީދޫ މީހުން ވެސް ބުނާ ގޮތުގައި މިހާރު ހުޅުދޫއަަކީ "ކުށުގެ ބޮޑު ހާއްޔަ" ކަށް ބަދަލުވެފައިވާ ރަށެކެވެ. އެ ރަށުގެ އަމާން މާހައުލު ގެއްލިގެން ދިޔައީ މަސްތުވާތަކެތީގެ ސަބަބުންނެވެ. އަދި އެކަންކަމަށް އަޅައި ނުލައި ދޫކޮށްލެވުނުލެއް ބޮޑު ކަމުންނެވެ.

ހުޅުދޫގައި ފުލުހުންގެ މަރުކަޒެއް ވެސް ހުރެ އެވެ. އެތާނގައި ފުލުހުން ވެސް ގާއިމުވެ ތިބެ އެވެ. އެކަމަކު މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް ވެސް އޮތީ ނޭޅި އެވެ. ރަށުން ވަރަށް ގިނަ ފަހަރަށް މީހުން ހައްޔަރު ކުރި ނަމަވެސް، އަނެއް ދުވަހު އެމީހުން ވީއްލިގެން ރަށުތެރެއަށް ނުކުމެ އެވެ.

"ފުލުހުންގެ ވެސް ކަންބޮޑުވުންތަކެއް އެބަހުރި. އަޅުގަނޑުމެން ވެސް އެކަންވެސް ގަބޫލު ކުރަން... އެބޭފުޅުން ވިދާޅުވަނީ ހައްޔަރު ކޮށްގެން ގެންދިއުމުން ބަންދުގެ މުއްދަތު ޖަހައި ނުދިނުމުން ދޫވެެގެންދަނީ ކަމަށް. މި މައްސަލައަށް ހައްލެއް ލިބެން އޮތީ ސަރުކާރާއެކު މުޅި ދައުލަތް އެހީތެރިކަން ފޯރުުކޮށްދީގެން." ޝުކުރީ ވިދާޅުވި އެވެ.

ފޯން މެދުވެރިކޮށް ހުޅުދޫއިން އަވަސްއާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި މަސްތުވާތަކެތީގެ ބަވާ އެ ރަށައް ފެތުރިފައި ވަނީ އާދަޔާހިލާފު ބޮޑު ކޮށެވެ. "ކަންބޮޑުވެއޭ" ބުނުމަށް ވުރެ މާ ގޯހެވެ.

"މި ރަށުގައި ޑުރަގުގެ ކަންކަން ބޮޑުވެފައިވާ މިންވަރަކީ އެއީ ގާނޫނީ ގޮތުން ކުށެއް ނޫންކަމަށް ހީވާ މިންވަރަށް. އެހާވެސް ހާމައަށް ފުޅާވެފައި އޮތީ،" އެކަކު ބުންޏެވެ.

ވައްކަމާއި ބިދޭސީންގެ އުނދަގޫ

ހުޅުދޫގައި ވައްކަމުގެ މައްސަލައަކީ އިންތިހާއަށް ބޮޑު މައްސަލައެކެވެ. އައިމިނާ މަނިކުފާނަށް ހަމަލާ ދީފައި ވަނީ ވެސް އޭނާގެ ދިރިއުޅޭ ގެއަށް ވައްކަން ކުރަން ވަން ވަގުންގެ ބައެކެވެ.

"ޖެހުނު ދިމާއަކުން ވައްކަން ކުރަނީ. އެ ހެޔޮ ކޮންމެ އެއްޗެއް ކޮންމެ ތާކު އޮތަސް ވަގަށް ގެންދޭ،" ހުޅުދޫ މީހަކު ބުންޏެވެ.

ހުޅުދޫގައި ދަނޑުވެރިކަން ވެސް އޮވެއެވެ. އެ މަސައްކަތް ކުރާ މީހުންގެ ދަނޑުތަކުން ވައްކަން ކުރުމަކީ ކޮންމެ ދުވަހެއްގެ ޝަކުވާ އެވެ. ގޭގޭގައި ހުންނަ ތަކެތި ވަގަން ނެގުން އަދި މާ އާންމެވެ. ބައެއް މީހުންގެ ސިފަކޮށްދިން ގޮތުގައި ގޭގެ ކުދި އަދި ބޮޑެތި ދޮރުތަކާއި ވައިގޮޅި ފެންލައިޓުން، ވަޔަށް ވުރެ ކުރީން ވަންނަނީ ވަގުން ނެވެ.

"ވަގުންގެ ނުފުރުއްޕާނާހެދި ހުޅުދޫގެ ގެތަކަކީ ރައްކާތެރި ނޫން ތަންތަނަށް ވެފައި ވަނީ،" އެކަކު ބުޏްޏެވެ.

އަނެއްކޮޅުން ހުޅުދޫގައި ބިދޭސީންގެ އަދަދު ގިނަ އެވެ. "ވަގު" ބިދޭސީންނެވެ. ނުއަގުގައި ތަކެތި ގަންނަ ބިދޭސީންނެވެ. އެ މީހުންގެ މައްސަލައަކީ ވެސް ހުޅުދޫއަށް މިހާރު ކުރިމަތިވެފައިވާ ބޮޑު "ބަލާ މުސީބާތަކަށް" ވެފައި ވެ އެވެ. ދަނޑުތަކުން ވަކަން ކުރުމާއި ކުށަށް އަރައި ގަތުމާއި ވިޔަފާރި ހިންގުމާއި ޑްރަގް ޓްރެފިކް ކުރުމުގައި ބިދޭސީންގެ ބައިވެރިވުން އޮވެއެވެ.

ޝުކުރީ ވިދާޅުވި ގޮތުގައި ނުއަގުގައި ތަކެތި ގަތުމަކީ ކުށަކަށްވާއިރު އެކަން ހުއްޓުވޭނެ ގޮތެއް ވެސް ހުޅުދޫގައި ނެތެވެ. ނަމަވެސް ބިދޭސީން ދަނޑުވެރިތަކެތި ގަނެ، ބޯޓް ފަހަރުގައި މާލެ ފޮނުވަ އެވެ. އެ މީހުން ވިޔަފާރިތައް ފުޅާކޮށްފައިވާއިރު އެއިން ކަމެއް ހުއްޓުވޭނެ ގޮތެއް ވެސް ހުއްޓުވާނެ ބަޔަކުވެސް ނެތެވެ. އެކަންކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންދިޔަ ނަމަވެސް މިހާތަނަށް އެޅުނު އެއްވެސް ފިޔަވަޅެއް ވެސް ނެތެވެ.

ހުޅުދޫގެ ހާލަތު، ސީޕީގެ ސަމާލުކަމަށް

ޝުކުރީ ވިދާޅުވި ގޮތުގައި ހުޅުުދޫއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ސަމާލުކަމަށް ވެސް ވަނީ ގެންގޮސްފަ އެވެ. ރަސްމީކޮށް ސީޕީއާ ބައްދަލުކޮށް ފަށައިގެން ނިޔަކަށް ހުޅުދޫ ވާހަކަ ވަނީ ކިޔައިދީފަ އެވެ.

މިރަށަށް އައިމަ އެނގޭނީ މި ރަށުގެ ހާލަތު... އެ ރަށަށް ދިޔައިމަ އެނގޭނީ އެ ރަށުގެ ކަންކަން... ހުރިހާ ރަށެއްވެސް އޮތީ މިހާލަތުގައި ކަމަށް ބައްލަވާ... އަޅުގަނޑު ދައްކަން އޮތީ ހުޅުދޫގެ ވާހަކަ ހުޅުދޫގެ ހާލަތު ގޯސްވެފައިވާ މިންވަރު. މިހާރު މިއީ ހަމަޖެހިލައިގެން ދޮރުތައް ހުޅުވައިގެން ގޭގައި ދިރި އުޅެވަވަރުގެ ރަށެއް ނޫން. އެ ދަރަޖައަށް ހާލަތު ގޯސްވެއްޖެ. އެހެންވީމަ އަޅުގަނޑުމެން މި އެދެނީ މިހާލަތު ބަދަލު ކޮށްދޭށޭ ސަރުކާރުގައި. އެހެން ނޫނީ މިއީ މީހުން ދިިރިއުޅެން ހެޔޮ ނުވާވަރުގެ ތަނަކަށް ބަދަލުވެދާނެ،
އިބްރާހިމް ޝުކުރީ | ހުޅުދޫ ކައުންސިލަރު

"އަޅުގަނޑު ސީދާ މާލެގޮސް، ރަސްމީ އެޕޮއިންޓެއްގައި ކޮމިޝަނަރާ ބައްދަލުކޮށް ވާނީ ކިޔައިދީފައި... ހުރިހާ ވާހަކަތަކެއް ވަރަށް ތަފްސީލުކޮށް ކިޔައިދިނިން. ނަމަވެސް އަދިވެސް އެއްވެސް ފިޔަވަޅެއް ނާޅާ،" ޝުކުރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ހުޅުދޫގެ މައްސަލަ އޭނާ ހުށައަޅުއްވާނެ އެވެ. އަދި ސިޓީ ކައުންސިލް މެދުވެރިކޮށް އެކަން ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދަން އަލުން މަސައްކަތް ކުރައްވާނެ އެވެ.

ރިހެބެއް ގާއިމުކުރަން ހުޅުދޫން ބިމެއް

މަސްތުވާތަކެތީގެ ޝިކާރައަށް ވެފައިވާ މީހުން އަނބުރާ މުޖުތަމައަށް ނެރެން ބޭނުންވާ ފަރުވާ ލިބޭނެ ސެންޓަރެއް ހުޅުދޫގައި ގާއިމް ކުރުމުގެ މަސައްކަތް އެބައޮވެ އެވެ. އެ ކަމަށް ހުޅުދޫއިން 30،000 އަކަފޫޓްގެ ބިމެއް ވެސް ކަނޑާފައި އޮވެއެވެ. އެތަން އަވަހަށް އަޅައި އަވަހާ ހިދުމަތް ފެށުމަކިީ ހުުޅުދޫ އަށް ދިމާވެފައިވާ މައްސަލަތަކަށް މިންވަރެއްގެ ހައްލެއް އަންނާނެ ކަމެކެވެ. އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން ވިއްޔާ ދެން ހުޅުދޫގައި އުންމީދުގެ ހުޅުކޮޅެއް ދިލޭނީ އެ މަރުކަޒު އަޅައިގެނެވެ.

"އެތަން ހެދުމުން މިންވަރެއްގެ ރަނގަޅެއްވާނެ. އެކަމަކު އޭގެ ކުރިން ކުރަން ހުރިކަންކަން މާގިނަ... މި މަސްތުގެ މީހުން މުޖްތަމައުގެ ތެރޭގައި ތިބެގެން ރަނގަޅެއް ނުވާނެ... އެެެހެންވީމަ ރިހެބަކީ އުންމީދެއް." އެ ރަށު މީހަކު ބުންޏެވެ.