ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑިރިންގެ ދައުވާގެ ޝަރީއަތުގެ ފަސް ވަނަ އަޑުއެހުން މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީ އާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީ އެވެ.
އެންމެ ފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކި ބަސް ނެގި އެވެ. މިހާރު ހެކި ބަސް ނުނެގި އޮތީ ހަމައެކަނި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އެވެ. އޭނާ ވަނީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވާފަ އެވެ.
އެހެން ކަމުން، ލުތުފީގެ ހެކި ބަހުގެ ބަދަލުގައި އޭނާ ފުލުހަށް ދެއްވާފައިވާ ބަޔާނުގެ ވީޑިއޯ ޝަރީއަތުގައި ބެލުމަށް ދައުލަތުގެ ފަރާތުން އެދިފައިވާތީ، އެކަމާގުޅޭ ގޮތުން ޝަރީއަތުގެ މަޖިލީހުން ގޮތެއް ނިންމާނެ އެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކި ބަސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.