ހަބަރު

ޔާމީންގެ ދިފާއުގައި އަޒީމާ ހެކިބަހެއް ނުދެއްވި

މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދިފާއުގައި ހެކި ބަސް ދެއްވުމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ދެކޮޅު ހައްދަވައިފި އެވެ.

މިއަދު ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ބޭއްވީ އަޒީމާގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް އަޒީމާ ވަނީ ހެކި ބަސް ދެއްވަން އުޒުރުވެރިވާ ކަމަށާއި މައްސަލާގައި ދޭނެ ހެކި ބަހެއް ނެތް ކަމަށް ވިދާޅުވެ ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ. ރާއްޖެއިން ބޭރުގައި އުޅުއްވާ އަޒީމާގެ އެ ސިޓީ ލިބިފައިވާތީ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ އޭނާގެ ހެކި ބަސް ނުނަގާށެވެ.

އަޒީމާއަކީ ރައީސް ޔާމީންގެ ދައުރުގެ ކުރީކޮޅު ގަވަރުނަރުކަން ކުރެއްވި ބޭފުޅާ އެވެ. އޭނާ އިސްތިއުފާ ދެއްވައި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރެއްވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި ސަރުކާރަށާއި އެމްއެމްއޭއަށް އަދި ބޭންކްތަކަށް އަމާޒުވެފައި ވަނިކޮށެވެ.

އޭނާ އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރެއްވީ ފިރިކަލުން ޑރ. އަލީ ނަސީރުއާއެކު އެވެ. މިދިޔަ ސަރުކާރުން އަލީ ނަސީރަށް ވަނީ އދ. ގެދާއިމީ މަންދޫބުގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އަލީ ނަސީރަށް އަނެއްކާވެސް ވަނީ ފޮރިން މިނިސްޓްރީގެ އިސް މަގާމެއް ދެއްވާފަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފުރަތަމަ އަލީ ނަސީރު ހުންނެވީ ފޮރިން ސެކްރެޓްރީގެ މަގާމުގަ އެވެ.

އަޒީމާގެ އިތުރުން މި މައްސަލާގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވެސް ވަނީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވާފަ އެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅީ ދައުލަތުންނެވެ. ނަމަވެސް އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ދައުލަތުގެ ހެއްކަކަަށްވާން ދެކޮޅު ހައްދަވައި ވިދާޅުވީ އޭނާއަށް ރައީސް ޔާމީންއާ ދެކޮޅަށް ހެކި ބަސް ދެއްވަން ސަރުކާރުން ބިރު ދައްކަމުންދާ ކަމަށެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ މެލޭޝިއާގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިއަށްދާ ޝަރީއަތުގައި އެމަނިކުފާނާ ދެކޮޅަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދާއި ބީއެމްއެލްގެ ބޯޑް ދެ މެންބަރަކު ވަނީ ހެކި ބަސް ދެއްވާފަ އެވެ.