ހަބަރު

ޔާމީނަށް ހުކުމް ކުރުން މާދަމާ 1:00 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ކުރާ މަނީ ލޯންޑްރިން މައްސަލާގައި ހުކުމް އިއްވުމުގެ އަޑުއެހުން މާދަމާ 1:00 އަށް ތާވަލުކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

އޭގެ ފަހުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާއެކު ރައީސް ޔާމީން ވަނީ އެސްކޮރޯ އެކައުންޓެއް ހެދުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އެގޮތަށް އެއްބަސްވީ އެ މައްސަލާގެ ތަހުގީގު ނިމެންދެން އެ އެކައުންޓްގައި އެ ފައިސާތައް ބެހެއްޓުމަށެވެ. އެކަމަކު، ޔާމީން ވަނީ އެ އެއްބަސްވުމާ ހިލާފުވެފަ ކަމަށް ދައުލަތުން ބުނެ އެވެ. އެސްކޮރޯ އެކައުންޓަށް ޔާމީން ޖަމާކުރީ އެސްއޯއެފްއިން ލިބުނު ފައިސާ ނޫން ކަމަށާއި އެ އެކައުންޓަށް ޖަމާކުރީ މޫސާ ޖަމީރުގެ ފަރާތުން ހޯދި، ފައިސާތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެސްކޮރޯ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޒަމީރުގެ އެކައުންޓުންނެވެ.

ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެކެވެ. އެހެންވެ، އެއީ މަނީ ލޯންޑްރިންގެ ކުށަށް ވެގެންދާ ކަމަށް ދައުލަތުން ފާހަގަކުރެ އެވެ.

މި މައްސަލާގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ.

ރައީސް ޔާމީން ވަނީ ދައުވާއަށް އިންކާރު ކުރައްވައި ފައިސާތައް ފޮރުވާފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްބަސްވެ ބީއެމްއެލްގައި ހުޅުވި އެސްކޮރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކުރީ ގާނޫނާ ހިލާފު ކަމެއް ނުކުރައްވަން ކަމަށެވެ.

މާދަމާއަށް މި މައްސަލާގެ އަޑުއެހުން ތާވަލުކޮށްފައިވާއިރު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއް ވަނީ ހޫނުވެފަ އެވެ. އެއީ އޭނާ އިއްޔެ ނަސްރުގެ ދުވަހުގެ ތަހުނިޔާ، ކުރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގުރޫޕަކަށް ފޮނުވި މެސެޖްގައި ހިމެނޭ ފޮޓޯއަކާ ގުޅިގެންނެވެ. ލީކްވެފައިވާ އެ މެސެޖްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަން ފެންނަ ކުރެހުމެކެވެ.

އެ މެސެޖް ލީކްވުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވައި އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް ވަނީ ނިންމާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މިކަމާމެދު ބަހުސް މިއަދު ކުރެވުނެވެ. އެމްޑީޕީގެ މެންބަރުން ހައިލަމަށް ފާޑުވިދާޅުވިއިރު އިދިކޮޅު މެންބަރުން ހައިލަމް ދިފާއު ކުރައްވައި އެއީ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވި އެވެ.