ހަބަރު

ޔާމީންގެ މައްސަލަ އަލުން ނުފަށައި ހުކުމް ކުރުން 28 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް އަލުން ނުފަށައި، އަޑުއެހުންތައް މިހާރު ނިމިފައި އޮތް ހިސާބުން ކުރިޔަށް ގެންގޮސް ހުކުމް އިއްވުމަށް ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް އެ މައްސަލާގެ ހުކުމް އިއްވުމުގެ އަޑުއެހުން އޮތް ދުވަހު އެ އަޑުއެހުމަށް ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށް ގާޒީ ހައިލަމް ވަނީ ކުއްލި ގޮތަކަށް ސަސްޕެންޑްކޮށްފަ އެވެ. ގާޒީ ހައިލަމް ސަސްޕެންޑްކޮށް ކުރިމިނަލް ކޯޓުގެ ހިންގުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިންނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހަވާލުކުރި އެވެ.

އިސް ގާޒީ މައްސަލައެއް ބެލުމަށް ނުކުޅެދިއްޖެނަމަ، ދެން އެ މައްސަލައެއް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓު ހިންގުމާ ހަވާލުވެ ހުންނަވާ ގާޒީއަކަށެވެ. އެ ބާރުގެ ދަށުން ގާޒީ އަލީ ރަޝީދު ވަނީ، ރައީސް ޔާމީންގެ ފަރާތުން އެދިފައިވާތީ މައްސަލަ ދެން ބެލުމަށް ބެންޗެއް އެކުލަވާލާފަ އެވެ.

ބެންދުގެ ރިޔާސަތުގައި ގާޒީ އަލީ ރަޝީދު އިންނަވާއިރު ދެން ތިއްބަވަނީ ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.

ފަސް ގާޒީންގެ ބެންޗާއެކު މިއަދު މެންދުރުފަހު ވަނީ މައްސަލާގެ އަޑުއެހުމެއް ބާއްވާފަ އެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަލީ ރަޝީދު އަޑުއެހުން ފައްޓަވައި، ބެންޗަށް އައި ބަދަލުގެ ތަފްސީލް އެރުވި އެވެ. އަދި މައްސަލާގައި ދެން ކުރިއަށް ދާނެ ގޮތަކާމެދު ދެ ފަރާތުން ދެކޭ ގޮތް އޮޅުންފިއްލުވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން މިފަދަ ހާލަތުގައި މައްސަލައެއް އަލުން ފެށުމަށް ނުވަތަ ކުރިއަށް ގޮސްފައި އޮތް ހިސާބުން ކުރިއަށް ގެންދެވިދާނެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫން މައްސަލަ ކުރިއަށް ގެންދާނެ ގޮތާމެދު ގޮތް ނިންމުމަކީ ގާޒީގެ އިހްތިޔާރީ ބާރެއްގެ ގޮތުގައި ދީފައިވާ ކަމެއް ކަމަށެވެ. އެހެންވެ ގާޒީން ނިންމަވާ ކޮންމެ ގޮތަކަަށް ވެސް ކުރިއަށް ދާން ތައްޔާރަށް ދައުލަތުން އޮތް ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލް އަލީ ޝާހު ވިދާޅުވީ އެދެނީ މައްސަލާގެ އިންތިދާއީ އަޑުއެހުންތަކުން ފެށިގެން އަލުން ޝަރީއަތް ފެށުމަށް ކަމަށެވެ. އެއީ މައްސަލާގައި އިންސާފު ލިބިފައިވާ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. ރައީސް ޔާމީން ވެސް ވިދާޅުވީ ކުރިމިނަލް ކޯޓުން އެމަނިކުފާނަށް އިންސާފެއް ލިބިފައި މިހާތަނަށް ނެތް ކަމަށެވެ.

ދެ ފަރާތުން ވާހަކަ އަޑުއެއްސެވުމަށްފަހު ގާޒީ އަލީ ރަޝީދު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފަސް ގާޒީން ވަނީ ވަރަށް ރަނގަޅަށް މަޝްވަރާ ކުރައްވާފަ ކަމަށެވެ. މައްސަލައަކީ ހެކި ބަސް ވެސް ނަގާފައިވާ މައްސަލައެއް ކަމުން އަލުން ހެކި ބަސް ނެގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އަދި ކުރިމިނަލް ކޯޓުގައި އަމަލު ކުރަމުންދާ ގޮތް ނޫން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެހެންވެ، މައްސަލަ މިހާރު އޮތް ހިސާބުން ކުރިއަށް ގެންދަން ގާޒީން ނިންމާފައިވާކަން އިއުލާން ކުރެއްވި އެވެ. ރައީސް ޔާމީންގެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމާ ހަމަގަ އެވެ.

މައްސަލާގައި އިތުރަށް ދައްކާނެ ވާހަކައެއް އޮތްތޯ ގާޒީ އަލީ ރަޝީދު ދެ ފަރާތާ ވެސް ސުވާލު ކުރެއްވި އެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ މައްސަލާގައި މީގެކުރިން ދައްކާފައިވާ ހުރިހާ ވާހަކައަކަށް ރިއާޔަތްކޮށް މައްސަލާގައި ގޮތެއް ނިންމަވައިދެއްވުމަށް އެދޭ ކަމަށެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ފުރުސަތުގައި ރައީސް ޔާމީންގެ ވަކީލް އަލީ ޝާހު ވަނީ ކަމެއް ފާހަގަ ކުރައްވާފަ އެވެ. މައްސަލާގައި ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނެވުމަކީ ރައީސް ޔާމީން އިއުތިރާޒު ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ގާޒީ އަލީ ރަޝީދަށް އިތުބާރު ނެތް ކަމަށާއި ވަކި ކޮޅަކަށް ނުޖެހި ހުކުމް އިއްވަދާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވެސް ވަނީ އެފަދައިން ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ގާޒީ އަލީ ރަޝީދާމެދު ހިތްނުތަނަވަސްކަން އެބަހުރި ކަމަށެވެ. ގާނޫނުގައި މަނާ ކުރާ ކަމެއް ކުރެވިފައިވާނަމަ ގާޒީ އަލީ ރަޝީދު މައްސަލައިން ތަނާޒަލްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތަށް ރައީސް ޔާމީންގެ ފަރާތުން އެދިފައިވަނީ ގާޒީ އަލީ ރަޝީދު މީޑިއާއާ ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އެވެ. ގާޒީ ހައިލަމް ވަނީ ކުރިމިނަލް ކޯޓަށް ސަރުކާރުގެ އިސް ބޭފުޅުން ނުފޫޒު ފޯރުވާ ކަމާއި އެކަން ގާޒީ އަލީ ރަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ޓީވީ ސްޓޭޝަނަކުން ގާޒީ އަލީ ރަޝީދާ ސުވާލު ކުރެއްވުމުން އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ. ފަނޑިޔާރުންގެ ގާނޫނުގައި މީޑިއާއަށް އިންޓަވިއު ދިނުން ގާޒީންނަށް މަނާ ކުރެ އެވެ.

ރައީސް ޔާމީންގެ ފަރާތުން އެގޮތަށް އުޒުރުވެރިވާކަން ހާމަ ކުރުމުން ގާޒީން ވަނީ މަޝްވަރާ ކުރެއްވުމަށް އަޑުއެހުން މެދުކަނޑާލައްވާފަ އެވެ. ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް މަޝްވަރާ ކުރެއްވުމަށްފަހު އެނބުރި ޝަރީއަތުގެ މާލަމަށް ވަޑައިގެން ގާޒީ އަލީ ރަޝީދު ވިދާޅުވީ ތަނާޒަލްވާނެ ހާލަތެއް ނެތް ކަމަށެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ މީޑިއާއިން އިންޓަވިއު ދިނުން މަނާވާ ތިން ހާލަތެއް ގާނޫނުގައި ބަޔާން ކުރާ ކަމަށެވެ. އެއީ ސިޔާސީ މީހަކު ދެއްކި ވާހަކައަކަށް ރައްދު ދިނުމާއި ކޯޓަކާ ގުޅޭ ގޮތުން މީޑިއާއަކުން ދެއްކި ވާހަކައަކަށް މީޑިއާގައި ރައްދު ދިނުމާއި ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދެއްކުމެވެ. އޭނާ މީޑިއާއަކަށް އިންޓަވިއުއެެއް ނުދެއްވާ ކަމަށާއި މީޑިއާއަކުން ގުޅުމުން އެ ވަގުތު އެ ޖަވާބު ދެއްވީ ކަމަށެވެ. އަދި ގާނޫނުގައި ބުނާ ތިން ހާލަތަށް ވެސް އެކަން ނުފެތޭ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިތުރަށް ވާހަކަ ދެއްކުމަށް ރައީސް ޔާމީންގެ ފަރާތުން އެދުނެވެ. ނަމަވެސް އެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ގާޒީ އަލީ ރަޝީދު ވަނީ އަޑުއެހުން ނިންމަވާލައްވާފަ އެވެ. އަޑުއެހުން ނިންމަވާލެއްވީ މައްސަލާގައި ހުކުމް އިއްވުން މި މަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. ގާޒީން މާލަމުން ނުކުމެވަޑައިގެން ދިޔައިރު ވެސް ރައީސް ޔާމީންގެ ވަކީލް އިންނެވީ ފުރުސަތަކަށް އެދި އަތް މައްޗަށް ނަންގަވައިގެންނެވެ.

ރައީސް ޔާމީންގެ ޝަރީއަތަކީ ޓީވީއިން ލައިވް ކުރި ފުރަތަމަ ޝަރީއަތަވެ. ޝަރީއަތް ލައިވް ކުރީ އެކަމާ ގުޅޭ އުސޫލެއް ގާޒީންގެ މަޖިލީހުން ފާސްކުރުމަށްފަހު އެވެ. ނަމަވެސް ގާޒީ ހައިލަމްގެ ސަސްޕެންޝާއެކު އެ އުސޫލު ގާޒީންގެ މަޖިލީހުގައި އުވާލާފަ އެވެ. އަދި ޝަރީއަތްތައް ލައިވް ނުކުރަން ނިންމާފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލައަކީ ލައިވް ކުރަމުންދާ މައްސަލައަކަށްވާތީ، މައްސަލާގައި ހިމެނޭ ދެ ފަރާތުން ކުރެ ފަރާތެއް އިއުތިރާޒު ނުކުރާނަމަ އެ މައްސަލަ ކުރިއަށް ދާނީ ލައިވްކޮށްގެން ކަމަށް ގާޒީންގެ މަޖިލީހުން ނިންމާފައިވެ އެވެ. މިއަދުގެ އަޑުއެހުމުގެ ދެ ފަރާތުން ވެސް ޝަރީއަތް ލައިވް ކުރުމަށް އިއުތިރާޒެއް ނެތް ކަމަށް ކޯޓަށް އަންގާފަ އެވެ. ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރަން އެންމެ ފުރަތަމަ ނިންމެވީ ދެ ފަރާތުން ކުރެ އެއް ފަރާތުން ވެސް އެކަމަށް އެދިގެންނެއް ނޫނެވެ.