ހަބަރު

5 ރަށެއްގެ ފެން ހިންދާ ނިޒާމްގެ އީއައިއޭ ހަދަނީ

Sep 30, 2019

އައްޑޫ ސިޓީގެ ފަސް ރަށެއްގައި ފެން ހިންދާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތަުގެ އީއައިއޭ ރިޕޯޓެއް ތައްޔާރު ކުރަން އިޕޮކް އެސޯސިއޭޓްސްއާ ހަވާލުކޮށްފި އެވެ.

އެންވާރަމަންޓް މިނިސްޓްރީ އިން ބުނީ އިޕޮކް އެސޯސިއޭޓްސްއާއެކު މިއަދު ސޮއި ކުރީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި ފެންހިންދާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ދިރާސާތައް ކުރަން ކަމަށެވެ. އެގޮތުން އިޕޮކް އެސޯސިއޭޓްސްއާ ދެ ކޮންޓްރެކްޓެއްގެ ދެ މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ދިރާސާތަކުގެ ތެރޭގައި ފަސް ރަށުގެ އީއައިއޭ އަދި ކުރެހުންވެސް ހިމެނޭ ކަމަށް އެންވާރަމަންޓް މިނިސްޓްރީ އިން ބުންޏެވެ. އަދި މިއަދުން ފެށިގެން ހަތަރު މަސް ތެރޭގައި ދިރާސާތައް ހަދާ ނިންމަން ޖެހޭ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް، އައްޑޫ ސިޓީ ފޭދޫގައި ފެން ހިންދުމުގެ މަޝްރޫއެއް މިހާރު ވެސް ކުރިޔަށް އެބަދެ އެވެ. އެންވާރަމަންޓް މިނިސްޓްރީ އިން ބުނީ އެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އެއީ 22 މިލިއަން އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.