އައްޑޫ ސިޓީ

ހަންކެޑެ ޓޫރިޒަމް މަޝްރޫއުގެ ބިންގާ އަޅައިފި

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށްވާ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.

މި މަޝްރޫއުގެ ބިންގާ އެޅީ އައްޑޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ބައިވެރިވެވަޑައިގެންނެވި އެވެ.

ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއަކީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއު ނިމޭއިރު އައްޑޫގައި ފަތުރުވެރިކަމަށް 2،082 އެނދު އިތުރުވެގެންދާނެ އެވެ.

މި މަޝްރޫއުގެ ދަށުން ލަގްޒަރީ އެޕާޓްމަންޓް އަދި ބީޗް ވިލާ ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މަޝްރޫއާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިމިދިޔަ ސަރުކާރުން ވަނީ ޗައިނާ މާޗަންޓް ބޭންކާ އެއްކޮށް އެގްރީމަންޓެއްގައި ސޮއިވެސް ކޮށްފަ އެވެ. ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓް ތަރައްގީކުރަން ހަވާލުކުރީ ޗައިނާގެ، ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏަށެވެ.