ޑރ. މުހައްމަދު މުއިއްޒު

އައްޑޫ ޓޫރިޒަމްގެ 6،000 އެނދުގެ މަޝްރޫއު ފެށުމަށް ވަނީ ތައްޔާރުވެފައި: ރައީސް

އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ތަރައްގީކުރާ 6،000 އެނދުގެ މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ފަރާތުން އައްޑޫ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕޭން ހަރަކާތުގައި ރައީސް މުއިއްޒު ވިދާޅުވީ އައްސޭރި ޓޫރިޒަމްގެ 6،000 އެނދުގެ މަޝްރޫއު ދާދި އަވަހަށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި އައްޑޫގައި ކުރިއަށްގެންދާ އެހެން މަޝްރޫއުތައް ކުރިއަށް ގެންދާނީ ގުޅިލާމެހިގެން ކަމަށެވެ.

"އެމަޝްރޫއުވެސް އެއާޕޯޓުގެ އިންޓަނޭޝަނަލް އިތުރު ހަރުފަތްތަކަށް ތަރައްގީ ކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރާނެ. ސީޕްލޭން ހަބްގެ މަސައްކަތްވެސް ހިމެނޭ ގޮތަށް ގުޅިލާމެހިގެން އައްޑޫ ތަރައްގީ ކުރަން މަސައްކަތް މިކުރަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އައްސޭރި ޓޫރިޒަމް މަޝްރޫއާއެކު އައްޑޫއަށް 6،000 އެނދު އިތުރު ކުރެވި އައްޑޫ ސިޓީއަށް އިގްތިސާދީ ބޮޑު ބަދަލެއް ގެނެވޭނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިއަހަރުގެ ފެބްރުއަރީ މަހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގަ އެވެ.

އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން ކުރިއަށް ގެންދާ އެންމެ މުހިއްމު މަޝްރޫއަކީ އައްސޭރި ޓޫރިޒަމް މަޝްރޫއު ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއާ އެކު އައްޑޫގައި ފަތުރުވެރިކަމުގެ ދާއިރާ އިން ގިނަ ފުރުސަތުތަކެއް ހުޅުވި ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށެވެ.