ޑރ. މުހައްމަދު މުއިއްޒު

އައްޑޫގައި ސީޕްލޭން ހަބެއް ގާއިމުކޮށް ޓޫރިޒަމް މަޝްރޫއެއް

ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް ޓޫރިޒަމް މަޝްރޫއެއް މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ އަތޮޅުތަކަށް ޓޫރިޒަމް އިތުރަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އައްޑޫގައި ސީޕްލޭން ހަބެއް ގާއިމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ސީޕްލޭން ހަބަކާއެކު އައްޑޫ ސިޓީއަށް "އައްސޭރި ޓޫރިޒަމް" މަޝްރޫއެއް އެކުލަވާލައި އިފްތިތާހު ކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ހާއްސަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭންއެއްގެ މަސައްކަތް ދަނީ ކުރެވެމުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ މިއަހަރު އާ 20 ރިސޯޓު ހުޅުވުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ނުހެދި ހުރި ރިސޯޓުތައް ނިންމަން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްގީކުރުމަށް ހުރި ދަތިތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.