ޑރ. މުހައްމަދު މުއިއްޒު

އައްޑޫގެ ޓޫރިޒަމަށް 6،000 އެނދު އިތުރުކުރާނަން: ރައީސް

އައްސޭރި ޓޫރިޒަމް މަޝްރޫއާ އެކު އައްޑޫ އަށް 6،000 އެނދު އިތުރު ކުރެވި އައްޑޫ ސިޓީއަށް އިގްތިސާދީ ބޮޑު ބަދަލެއް ގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހުޅުމީދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް މިސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ އެއް މަސަައްކަތަކީ ހިތަދޫއާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުން ކަމަށާއި އެއާ އެކު އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވާ ތަރައްގީކުރުމަށްވެސް ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން ކުރިއަށް ގެންދާ އެންމެ މުހިއްމު މަޝްރޫއަކީ އައްސޭރި ޓޫރިޒަމް މަޝްރޫއު ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއާ އެކު އައްޑޫގައި ފަތުރުވެރިކަމުގެ ދާއިރާ އިން ގިނަ ފުރުސަތުތަކެއް ހުޅުވި ތަރައްގީއަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އައްޑޫގައި ސީޕްލޭން ހަބެއް ހަދައި އެންމެ ދެކުނުގެ އަތޮޅުތައް އައްޑޫއާ ގުޅާލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އޭރުން މި ސަރަހައްދުގެ ޓޫރިޒަމަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

އައްޑޫއަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކެއް ކުރަމުންދާއިރު މިމަސައްކަތްތަކާ ގުޅޭ ފަސް އަހަރުގެ މާސްޓަޕްލޭނެއް ސީޑީއީ ކޮންސަލްޓިންއާ ހަވާލުކޮށްގެން ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.