ސިޔާސީގޮތުން ވަގުތީ މެޑެއްޔެއް ޖަހާލުމަށް ސިނާއަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުނީ ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ޝާހިދު ވިދާޅުވެފައި މިވަނީ ޓޫރިޒަމް ދާއިރާ އިން ލިބޭ ޑޮލަރުގެ ވަކި ޕަސަންޓަށް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ހަދާފައިވާ ގަވައިދާ ގުޅިގެން ރާއްޖޭގެ ބައެއް ބޮޑެތި އިންވެސްޓަރުން ޝަކުވާކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ދިވެހި އިންވެސްޓަރުންގެ ޝަކުވާތަކާ ގުޅިގެން ރައީސް ޑރ. މުއިއްޒު މީގެކުރިން ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފުވާ ތަން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ފެންނާނެ ކަމަށެވެ. އެކަމަކު ރައީސް މުއިއްޒު ވިދާޅުވި މި ސަރުކާރު ކުރިއަށް ދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށެވެ.
ރައީސް މުއިއްޒާއި ސަރުކާރަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ ބޭރު ފައިސާއާއި ބެހޭ ގަވާއިދާއި މަނީ ޗޭންޖިން ވިޔަފާރިއާއި ބެހޭ ގަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން ފެންނަނީ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާ ތަން ކަމަށެވެ.
ޝާހިދު ވިދާޅުވީ އިގްތިސާދުގެ މައިބަދައަކީ ކޮންމެ ގައުމެއްގައިވެސް ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ ވިޔަފާރިތައް ކަމަށްވާއިރު ސަރުކާރުތަކުން ވިޔަފާރީއާއި ގުޅުންހުރި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވާނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމުގައި ދެކޭ ކަމަށެވެ.
"އެ ފަރާތްތަކާ މަޝްވަރާކޮށް ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތް. ސިޔާސީ ގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާއަތެއް ފުނޑާލުމަކީ އަދި ރައްޔިތުންގެ ފަޅިއަށް އެރުނީއެއް ނޫން. މަޝްވާރާ އިސްކުރައްވާ،" ޝާހިދު ވިދާޅުވި އެވެ.