ފެނަކަ ކޯޕްރޭޝަން

އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަކަށް ދީފި

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ)އާ ހަވާލުކޮށްފި އެވެ.

ފެނަކައިގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދެވެ. ޑޮންފެންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބް ރައީސް ސަން ޒެންޕިންގް އެވެ.

ޑިވެލޮޕާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މިމަޝްރޫއަށް ފެނަކައިން ފައިސާ ދައްކާ ނިންމަން ދީފައިވަނީ 12 އަހަރެވެ.

މިރަސްމިއްޔާތުގައި މުއާޒް ވިދާޅުވީ އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން މިފެށި މަސައްކަތާ އެކު ކުރިއަށް އޮތް 25 ވަރަކަށް އަހަރަށް އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލުވާނެ ކަމަށެވެ.

"މިއީ އައްޑޫގެ ރައްޔިތުން ހައްލަކަށް ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭ މައްސަލައެއް،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 32 މެގަވޮޓްގެ ކަރަންޓް ބޭނުންކުރެވޭ ގޮތަށް ޕަވާޕްލާންޓް ތަރައްގީކޮށް ވަސީލަތްތައްވެސް އެގޮތަށް ތަރައްގީކުރާނެ ކަމަށެވެ. މިމަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 9.8 މެގަވޮޓްގެ ދެ ޖެންސެޓާއި 5.8 މެގަވޮޓްގެ ދެ ޖެންސެޓް އިންސްޓޯލް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ މި މަޝްރޫއު އެއްކޮށް ނިމުމުން 50 މެގަވޮޓަށް އަޕްގްރޭޑް ކުރެވޭ ގޮތަށް ކެޕޭސިޓީ ގާއިމުކުރާނެ ކަމަށެވެ.