އައްޑޫ ސިޓީ

އައްޑޫއަށް އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވަނީ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އަނެއްކާވެސް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވަން ތައްޔާރުވެއްޖެ އެވެ.

މިއީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ތިން މަސް ތެރޭގައި އައްޑޫއަށް ފޮނުވާ ތިން ވަނަ ޖަނަރޭޓަރެވެ.

އެގޮތުން ރޯދައިގެ ކުރިންވެސް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވި އެވެ.

ފެނަކައިގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އައްޑޫ އިން އާދިއްތަ ދުވަހުން ފެށިގެން ކަރަންޓު ކެނޑެން ފެށީ ޖަނަރޭޓަރަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ މަރާމާތު ކުރަމުން އަންނަނިކޮށް ދެވަނަ ޖަނަރޭޓަރެއް ފެއިލް ވެގެންނެވެ.

އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓު ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރާ ޖަނަރޭޓަރު ސެޓްތަކަކަށް މައްސަލަ ދިމާވެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭތާ ހައެއްކަ މަސް ވަނީވެފަ އެވެ.