އައްޑޫ ސިޓީން ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެ ސިޓީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުންޏަށް މަސައްކަތް ކުރެވޭ މަންޒަރު ނުފެންނަށް ކަމަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެ ފެނަކަ ކޯޕަރޭޝަނަށް ފާޑު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީން އިއްޔެ ހަވީރު ކަރަންޓު ކެނޑުނު ފަހުން އެކި ފަހަރު މަތިން ކަރަންޓު ދިނުމުން ވެސް އިރު އިރުކޮޅަށް ކަރަންޓު ކެނޑިފައި ވެއެވެ. ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ ރޭ ހައްލުވީ މެންދަމު 1:00 ވެސް ޖެހިފަހުންނެވެ. ކަރަންޓު ނެތުމުގެ ސަބަބުން އެ ސިޓީގެ ބައެއް ރަށްރަށްގައި މީހުން ރޭގެ ބައެއް ގަޑިތަކުގައި މަގުމަތީ ނިދި އިރު އާންމު ދިރިއުޅުމަށާއި މަސައްކަތާއި ހިދުމަތަށް ވެސް ބުރޫއެރި އެވެ.
އެ ކަމާ ގުޅިގެން މެންބަރު އަސްލަމް ވިދާޅުވީ އައްޑޫ ސިޓީގެ ބޮޑު ބައެއްގައި ރޭ ކަރަންޓު ނެތި ދިޔައިރު، ރައްޔިތުން ބޭނުން ވަނީ ވަގުތީ ހައްލެއް ނޫން ކަމަށެވެ. މީގެ ކުރިން ވެސް އެތައް ފަހަރެއް މަތިން އައްޑޫ ސިޓީގެ ކަރަންޓަށް މައްސަލަ ދިމާވާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފެނަކައަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭ މަންޒަރު ނުފެންނަ ކަމަށެވެ.
"އައްޑޫގެ ބޮޑު ބައެއްގައި މިއަދު [އިއްޔެ އާއި ރޭ] ވެސް ކަރަންޓު ނެތް، ރައްޔިތުން ބޭނުން ވަނީ ވަގުތީ ހައްލެއް ނޫން، ދާއިމީ ހައްލެއް، މި ކަން ފެނަކައަށް ވާ ތަނެއް ނުފެނޭ،" އަސްލަމްގެ ޓްވީޓްގައިވެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިފައިވަނީ ޕަވާ ޑިސްޓްރިއުބިޝަން ނެޓްވޯކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
ކަރަންޓު ކެނޑުމަކީ ފަހަކަށް އައިސް އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. މިހާތަނަށް އެ ކަމަށް ދާއިމީ ހައްލެއް ހޯދައިދެވިފައި ނުވާތީ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުން އޮވެ އެވެ.
އައްޑޫން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އަންނަ މަހު އިތުރު ޖެނެރޭޓަރުތައް ހޯދަން ބީލަމަށް ލައި އެކަން އަވަސް ކުރުމުގެ މަސައްކަތް ކުރާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.