އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތާ ތިން ދުވަސް ވާން ކައިރިވެފައި ވަނިކޮށް ވޭރިއޭބަލް ފްރިކުއެންސީ ޑްރައިވްއެއް (ވީއެފްޑީ)އެއް އައްޑޫއަށް ގެންގޮސް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިދިޔަ ބުރާސްފަތި ދުވަހު ފެނުގެ ހިދުމަތް ކެނޑުނީ ދިމާވި ކަރަންޓުގެ މައްސަލަ އަކަށްފަހު އެވެ.
އައްޑޫއަށް ފެނުގެ ހިދުމަތް ދޭ ފެނަކަ އިން މި މައްސަލަ ހައްލުކުރުމަށް އައްޑޫއަށް އެންމެ ފުރަތަމަ ފޮނުވި ވީއެފްޑީ ސިސްޓަމަށް އިންސްޓޯލް ކުރި ނަމަވެސް އެ ވީއެފްޑީ ދިމާނުވުމުން އިތުރު ވީއެފްޑީ އެއް އެމްޑަބްލިއުއެސްސީ މެދުވެރިކޮށް ފޮނުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
އެމްޑަބްލިއުސްސީ އިން ވީއެފްޑީ ފޮނުވަނީ އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފަކާވެސް އެކު އެވެ.
ފެނަކަ އިން ބުނާ ވީއެފްޑީއަކީ ފެން އުފައްދާ ޕްލާންޓްގެ ސްޕީޑައި، ކަރަންޓުގެ ފްރިގުއެންސީ އާއި ވޭރިއޭޝަން ކޮންޓްރޯލް ކޮށްގެން ފެން އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ.
"ވީއެފްޑީ ޑްރައިވް ޓެސްޓްކޮށް ނިމުމާއެކު މޯލްޑިވިއަންގެ ފްލައިޓެއްގައި ވީއެފްޑީ ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުން،" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތީ އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އައްޑޫގެ ރައްޔިތުން ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.