އައްޑޫ ސިޓީގައި ކޮންވެސްޝަން ސެންޓަރުގައި ހުޅުވި އާ ހޮސްޕިޓަލަށް ކަރަންޓު ދޭން، އިތުރު ޖަނަރޭޓަރެއް ފެނަަކަ ކޯޕަރޭޝަން އިން ގެނެސްފި އެވެ.
އައްޑޫގައި ކަރަންޓުގެ ބޮޑު މަޝްރޫއެއް ފަށަން ޗައިނާގެ ކުންފުންޏަކަށް ހަވާލު ކުރަން މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތަށްފަހު ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އައްޑޫގައި މިހާރު ހުރި އިންޖީނުގެ އިން އާ ހޮސްޕިޓަލަށް ކަރަންޓު ދޭން ދަތި ތަކެއް އެބަހުރި ކަމަށާ، އެހެންކަމުން އާ ޖަނަރޭޓަރު ސެޓެއް ގެނެސް މާލެ ބަނދަރުގައި މިހާރު އެބަހުރި ކަމަށެވެ.
"އެއް މެގަވޮޓްގެ ޖެނެރޭޓަރެއް ގެނެސްފައިވަނީ. މި ވަރުން ވެސް ނުފުދޭ،" އަހުމަދު ސައީދު ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެޅި ކޮންވެންޝަން ސެންޓަރަށް ބޮޑު ބަދަލެއް ގެނެސް، އެންމެ ޒަމާނީ 100 އެނދުގެ ހޮސްޕިޓަލަށް ބަދަލު ކުރަން މަޝްރޫއެއް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެލިޔާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއު ނިމި ވަނީ ހޮސްޕިޓަލް ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ.
މިއަދު އޮތް، ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ފެނަކަ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މިހާރު ވެސް އައްޑޫގައި 20 ނޫނީ 25 މެގަ ވޮޓްގެ ކަރަންޓު ދެވޭނެ ޖަނަރޭޓަރު އެބަހުރި ކަމަށާ، ނަމަވެސް އެ ބާވުމުގެ ސަބަބުން ކަރަންޓު ދޫކުރެވެނީ އެންމެ ހަ މެގަވޮޓްގެ ކަރަންޓު ކަމަށެވެ.
"އަޅުގަނޑުމެން ފޯކާސްޓް ކުރާ ގޮތުގައި މިހާރުގެ އަލަށް ބަހައްޓާ 20 މެގަވޮޓް ވެސް މަދު ވާނެ. އެހެންވެ 36 މެގަވޮޓް އަށް އިތުރު ކުރެވޭ ގޮތަށް މި ބަހައްޓަނީ،" އަހުމަދު ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އައްޑޫގައި މިހާރު ހުރި ދެ ޖަނަރޭޓަރު ބަދަލު ކުރަން ގެންނަ އާ ދެ އިންޖީނު ވެސް ރާއްޖެ އަންނާނެ ކަމަށެވެ.
"އެހެންވީމަ 15 މަސް ދުވަހަށް އައްޑޫ ރައްޔިތުންނަށް އެއްވެސް ހާސް ކަމެއް ނެތި ކަރަންޓު އުފެއްދޭ ވަރަށް އަޅުގަނޑުމެން ކަރަންޓު ފޯރުކޮށްދޭ ނަން،" އަހުމަދު ސައީދު ވިދާޅުވި އެވެ.