އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތާ ތިން ދުވަސް ފަހުން ރޭ މެންދަމު އަލުން ފެނުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާތާ ތިން ދުވަސް ވާން ކައިރިވެފައި ވަނިކޮށް ވޭރިއޭބަލް ފްރިކުއެންސީ ޑްރައިވްއެއް (ވީއެފްޑީ)އެއް އައްޑޫއަށް ގެންގޮސް މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިދިޔަ ބުރާސްފަތި ދުވަހު ފެނުގެ ހިދުމަތް މެދުކެނޑުނީ ދިމާވި ކަރަންޓުގެ މައްސަލަ އަކަށްފަހު ފެން ޕްލާންޓުން އުފައްދާ ފެން ދައުރުކުރުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ވީއެފްޑީ ޑްރައިވާ މަސައްކަތް ނުކޮށްގެންނެވެ.
ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ފެން ޕްލާންޓަށް މައްސަލަ ދިމާވީ ގަވައިދުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރަމުން ނުދާތީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އިންސްޕެކްޓުކޮށް ހައްލުކުރަން އަންގާފައިވާ ކަންކަން ހައްލުކޮށްފައި ނުވާތީ ކަމަށެވެ.
ފެނަކަ އިން ބުނީ ފެން ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެން ފޯރުކޮށްދިނުމުގެ ހިދުމަތް މެދުކެނޑިގެން ދިޔައީ އެކަށީގެންވާ ފެނުގެ ސްޓޮކެއް ނެތުމުން ކަމަށެެވެ. އެހެންވެ އައްޑޫގައި ފެނުގެ ސްޓޯރޭޖު އިތުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުންޏެވެ.
އައްޑޫއަށް ފެނުގެ ހިދުމަތް ދޭ ފެނަކަ އިން މި މައްސަލަ ހައްލުކުރުމަށް އައްޑޫއަށް އެންމެ ފުރަތަމަ ފޮނުވި ވީއެފްޑީ ސިސްޓަމަށް އިންސްޓޯލް ކުރި ނަމަވެސް އެ ވީއެފްޑީ އައްޑޫގައި ހުރި ސިސްޓަމާ ދިމާނުވުމުން އިތުރު ވީއެފްޑީއެއް ފޮނުވީ އެމްޑަބްލިއުއެސްސީ މެދުވެރިކޮށް އެ ކުންފުނީގެ ޓެކްނިކަލް މުވައްޒަފަކާވެސް އެކު އެވެ.
ފެނަކަ އިން ބުނާ ވީއެފްޑީއަކީ ފެން އުފައްދާ ޕްލާންޓްގެ ސްޕީޑައި، ކަރަންޓުގެ ފްރިގުއެންސީ އާއި ވޭރިއޭޝަން ކޮންޓްރޯލް ކޮށްގެން ފެން އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ.
މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ ދިރިއުޅޭ އައްޑޫ ސިޓީން ފެނުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ސަރުކާރު "ސްލޯ" ކަމަށް ބުނެ ފާޑުކިޔުންތަކެއްވެސް އަމާޒުވި އެވެ.